ސ. ގަން އެއާޕޯޓް ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށާއި އެހެން ނަމަވެސް މިހާރު ހުއްޓިފައި އޮތް މަސައްކަތަށް ސަރުކާރުން އިތުރަށް ކުރާނެ ވަކި ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ ހިތަދޫ ޝަރަފުއްްދީން ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރަނީ އެކަމަށް އުފެދިފައި އޮތް ކުންފުންޏަކުން ކަމަަަށެވެ.
ރައީސް އެ އިޝާރާތް ކުރެއްވީ އެސްޓީއޯ އާއި ގަން އެއާޕޯޓް ކޮމްެޕެނީ (ޖީއޭސީއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން އުފައްދާފައިވާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އަށެވެ.
ގަން އެއާޕޯޓް މިހާރު ހިންގަނީ އެ ކުންފުނިންނެވެ. އެހެންވެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަކީ އެ ކުންފުނީގެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ސަރުކާރުގެ ލެވެލުން މިކަމަށް ފޯރުކޮށް ދޭން ޖެހޭ ހުރިހާ ކަމެއް ހަމަޖައްސައި ދީފައި ވާނެ ކަމަށް ވިދާޅުވި އެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރަން ހިންގާ މަޝްރޫއުގެ ދަށުން ދުބާއީގެ ގަލްފް ކޮބްލާ އާ ހަވާލުކޮށްފައިވާ ބިން ހިއްކުމުގެ މަސައްކަތް، އެ މަސައްކަތުގެ 55 ޕަސެންޓް ނިމިފައި ވަނިކޮށް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.
މިކަމާ ގުޅިގެން ކޮބްލާ އިން ބުނީ މަސައްކަތް ހުއްޓުނީ އެ ކުންފުންޏަށް ހަމަޖައްސައި ދޭން ޖެހޭ ފައިސާ ހަމަނުޖަައްސައި ދީގެން ކަމަށެވެ.
އަދި އަލުން މަސައްކަތް ފަަށާނީ ފައިސާ ލިބިގެން ކަމަށް ކޮބްލާ އިން ދަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން އޭއައިއޭގެ އިތުރުން އެސްޓީއޯގެ މެނެޖިން ޑިރެކްޓަރުކަން ވެސް ކުރައްވާ އާދަމް އާޒިމް ވިދާޅުވީ ފައިސާގެ ކަންތައްތައް ހަމަޖައްސަމުން އަންނަ ކަމަށެވެ.
ގަން އެއާޕޯޓް ތަރައްގީ ކުރާ އިރު، އޭއައިއޭގެ 30 ޕަސެންޓް ހިއްސާ، ޗަމްޕާ ހުސައިން އަފީފްގެ ކާސާ ހޮލްޑިން އަށް ވަނީ ވިއްކާލައިފަ އެވެ.
އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.