ޓޫރިޒަމަކީ އައްޑޫގެ މައި ސިނާއަތް ކަމަށް ހެދޭނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން އައްޑޫގައި ހުރި ހިތްގައިމު މޫދުތައް އޮތް ސަރަހައްދުތައް އިޝްތިހާރު ކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރޭ ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ "ހިތަދޫ ދެތިން ދިމާލެއްގައި ހިތްގައިމު ލެގޫންތަކެއް" އެބަ ހުރި ކަމަށެވެ.
އެހެންވެ އެ ތަންތަނުން ތަރައްގީކޮށް އާމްދަނީ ލިބޭނެ ގޮތްތަކެއް ހެދުމުގެ ގޮތުން ޓީވީ މެދުވެރިކޮށް މި މަހުގެ ތެރޭގައި އެފަދަ ތަންތަން އިޝްތިހާރު ކުރަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
އަދި އެއާ އެކު އެފަދަ ތަންތަނަށް ޝައުގުވެރިވާނެ ބޭރުގެ ފަރާތްތައް ހޯދުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އަށް ހުޅުވައި ލާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު އައުމާ އެކު ބޭރުގެ އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ.
އެހެންވެ އިންވެސްޓަރުން ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެގޮތުން އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އާ އެކު އެތަން ހިމެނޭ ސަރަހައްދު ޓޫރިޒަމާ ގުޅުވައިގެން ތަރައްގީ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި އެތަނަށް ވެސް އީއޯއައި ހުޅުވާލާފައިވާކަން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން އިސްމެހެލާހެރަ ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
ަރައީސް ވިދާޅުވީ ގަން އެއާޕޯޓް ތަރައްގީ ކުރެވި އެތަނުގައި ސީ ޕްލޭން ބޭސްއެއް ހެދި، އިންޓަނެޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރެވެން ފެށުމުން ޓޫރިޒަމަކީ އައްޑޫގެ ވަރަށް މުހިއްމު ބަޔަކަށް ވާނެ ކަަމަށެވެ.