Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

މަސައްކަތް ކުރަނީ "ހުދު ވަލުގައި" ލައްގަނޑެއް ޖައްސަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ފޮޓޯ: މިހާރު

ސަރުކާރުން މަސައްކަތް ކުރަނީ "ހުދު ވަލުގައި" ލައްގަނޑެއް ޖެއްސުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވެފައިމިވަނީ އޭނާގެ މައްޗަށް ދަޢުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލައެއް ފޮނުވާފައިވާ ދަނޑިވަޅެއްގަ އެވެ.

އުމަރުގެ މައްޗަށް ދައުވާކުރަން ފޮނުވީ 2015 ވަނަ އަހަރު ތެރޭގައި، ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކުރީ އުމަރާއި ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ. އޭސީސީން ހާމަކުރި ގޮތުގައި އުމަރުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.

ރޭ "ސަންގު ޓީވީ" ގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ އޭނާ ޖަލަށްލެވޭތޯ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޔާމީންގެ ސަރުކާރުގައި ވެސް މަސައްކަތް ކުރި ކަމަށާއި މި ސަރުކާރުން ވެސް ކުރަމުންދަނީ އެ މަސައްކަތް ކަމަށް އުމަރު ވިދާޅުވި އެވެ.

"ސިޔާސީ މަސައްކަތް ކުރާއިރު އަޅުގަނޑުމެން މިތިބެނީ ތައްޔާރުވެގެން މިކަހަލަ ހަމަލާތަކަށް އަބަދުވެސް. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކޮރަޕްޝަނެއް ނެތް، ފަސްބައި ސާފު ވަރަށް މަދު މީހަކު ތިބޭނީ. އަޅުގަނޑުމެން ކަހަލަ ވަރަށް މަދު މީހަކު. އެހެންވީމަ އަޅުގަނޑުމެން ހަރާބުކޮށްލެވިއްޖެނަމަ ހުރިހާ ވަގުންގެ ލިސްޓަށް އަޅުގަނޑު ވެސް ލެވިފައި އޮންނާނެ." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ދައުލަތުގައި ވަޒީފާ އަދާކުރި ދެ އަހަރާއި ބައިގެ މުއްދަތުގައި ދައުލަތުގެ އެއްވެސް މުދަލެއް އޭނާގެ އަތުގައި ނޯންނާނެ ކަމަށާއި އޭނާ ނެގި ފަޅު ރަށެއް، ހުޅުމާލެ އިން ނެގި ބިމެއް އަދި ތިމާގެ މީހަކަށް ދިން ވަޒީފާއެއް ވެސް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑާ ދޭތެރޭ ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ. ހަމަ ކޮންމެ މީހަކު ވެސް ބުނަން ޖެހޭނީ ހުދު ވަލޭ އަދިވެސް. އޭތި ހަރާބުކޮށްލައި އޭގައި ލައްގަނޑެއް ޖެއްސުމަށްޓަކާ ކުރެވޭ މަސައްކަތެއް މި މަސައްކަތަކީ. އިރާދަކުރެއްވިއްޔާ މީގެ ތެރެއިން ވަރަށް ސާފުކޮށް ނިކުމެގެން އަންނާނަން" އުމަރު ވިދާޅުވި އެވެ.