2018 ވަނަ އަހަރު އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް އަށް ލިބިފައިވާ އެންމެ ބޮޑު އަނިޔާއަކީ އޭނާގެ ވާތް ފަރާތުން މޭ ކައިރިއަށް ދީފައިވާ އަނިޔާކަމަށް ކޯޓުގައި ހެކިވެރިޔާ ބުނެފިއެވެ.
އާގިލް މަރާލި މައްސަލައިގައި ހެކިބަސް ނެގުމަށް މިއަދު ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވިއިރު، ދައުލަތުން ހުށަހަޅާފައިވާ ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރުގެ ހެކިބަސް ނަގާފައިވެއެވެ.
ހެކިބަސް ދެމުން އޭނާ ބުނެފައިވަނީ، އާގިލްގެ ހަށިގަނޑު ބަލާފާސްކޮށް ފޮޓޯ ނަގާފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށާއި، ހަށިގަނޑަށް ލިބިފައިވާ އެންމެ ބޮޑު ޒަހަމްކަމަށް ފެންނަން ހުރީ މޭމަތީގައި ފެންނަން ހުރި ޒަހަމް ކަމަށެވެ. އެގޮތުން މޭމަތީގެ ވައަތްފަޅިން 1.5 އިންޗި ފުނަށް ކަނޑައިގެން ގޮސްފައި ހުރިކަމަށާއި، ވާއަތު ބުމަޔާ ދިމާލުންވެސް ބޮޑުކޮށް ކަނޑައިގެންގޮސްފައިވާކަމަށެވެ.
މީގެއިތުރުންވެސް ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗެހި ބޭނުންކޮށްގެން އަނިޔާދީފައިވާކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އިތުރު ހެކިވެރިންގެ ހެކިބަސް ނެގުމަށް ތާވަލުކުރި ނަމަވެސް، އެހެން ހެކިން ކޯޓަށް ހާޒިރު ނުވުމުން ހާޒިރުވި ހެކިވެރިޔާގެ ހެކިބަސް ނެގުމަށްފަހު މިއަދުގެ މަޖިލިސް ނިންމާލީއެވެ.
އާގިލް މަރާލި މައްސަލައިގައި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހިމްގެ މައްޗަށް ގަސްދުގައި މީހަކު މެރި ކަމުގެ ދައުވާ އުފުލާފައިވެއެވެ. އަދި ހއ. ދިއްދޫ ސްނޯބާޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވެއެވެ.