އާއްމު އިޖްތިމާއީ މިންގަނޑާ ހިލާފު އެތައް ކަމެއް ތަކުރާރުކޮށް އޭނާ ދަނީ ކުރަމުންނެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިހާރު އޭނާ ހުންނަނީ މޮޔަވެފައި" ކަމަށެވެ. އަނެއް ބަޔަލު ބުނަނީ "އެ ހުރީ ބޮއެގެން" ކަމަށެެވެ. އެއީ އެކަމު ދައުލަތުގެ އެއްބާރުގައި ކާށިދޫ ދާއިރާ ތަމްސީލް ކުރައްވާ އިއްޒަތެރި މެމްބަރު އަބްދުﷲ ޖާބިރެވެ.
ގާނޫނު ހަދާ މަޖިލިސް މެމްބަރަކަށްވާތީ އޭނާ ނަމުގެ ކުރިއަށް ވެސް މަޖިލިސް ތެރޭގައި އިއްޒަތެރި ނުލާ ނަން ކިޔުމަކީވެސް ކުށެކެވެ. ނަމަވެސް ޖާބިރު އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އޭނާ ތަމްސީލް ކުރާ ކާށިދޫ ދާއިރާގެ ރައްޔިތުން އޭނާއަށް އެއްވެސް އިހްތިރާމެއް އަދި ގަދަރެއް ނުކުރާކަން ދާދިފަހުން ފެނިގެންދިޔަ އެވެ. ސަރުކާރުން މަަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ފައިސަލް ނަސީމް އެރަށް ވަޑައިގެންނެވިއިރު ޖާބިރުވެސް އެރަށް މިދިޔަ ހުކުރުނ ދުވަހު ވަޑައިގެންނެވި އެވެ. އެކަމު އެއްވެސް މީހެއްގެ ސަމާލުކަަމެއް ޖާބިރަކަށް ނެތެވެ. ކޮންމެ މީހަކުވެސް ފޫހި ގޮތަކަށް ބުނާ އަޑު އިވެނީ "އެއްކަލަ މީހާ" އައިސް އުޅޭ ވާހަކަ އެވެ. ރައީސް ގާފަރަށް ވަޑައިގެން ސަލާމް ކުރައްވަމުން ވަޑައިގެންނެވި ފަހަތުން އެކި ވާހަކަތައް ރަށާ ގުޅޭ ގޮތުން ޖާބިރު ދައްކަވަމުންދިޔަ އަޑުއިވިފައި ކޮންމެ މީހަކުވެސް ތިބީ "ލަދުންމަރުވާވަރުވެފައި" އެވެ. ހަމަޖެހޭ އެއްވެސް ވާހަކައެއް ރައީސާ އެވަގުތުވެސް ނުދައްކަވަ އެވެ.
"މަ ދައްކާލާފައިވެސް ރައީސްކައިރ ބުނީ މި ތިބީ ތިމަންނަމެން ގުރްއާން ކިޔަވަދިން ކުދިންނޯ. އެކަމު ޖާބިރު އަހަރަމެނަށް މި ފެނުނީވެސް މި މެމްބަރުކަމަށް ކުރިމަތިލީމަ،" ރައީސަށް މަރުހަބާ ކިޔަން ނިކުތް އަންހެނަކު ޖާބިރުގެ ވާހަކަ ދައްކަމުން ބުންޏެވެ.
ކާށިދޫ ދާއިރާގެ ރައްޔިތުންގެ ކުރިމަތީ ޖާބިރުގެ އަގު ވެއްޓުނީ އޭނާގެ އެތައް އަމަލެއްގެ ސަބަބުންނެވެ.
އެކަމު ރައްޔިތުންގެ ކަންބޮޑުވުމަކީ އެވަރުވާއިރުވެސް އޭނާއާ ހިސާބަށް ގާނޫނުގެ ދިގު އަތް ނުފޯރާތީ އެވެ. ސިޔާސީ އިދިކޮޅު ފިކުރުގެ މީހެއް ނަމަ މިހާރު އޭނާ ބަންދުކޮށްގެން ގެންގޮސް އޭނާ ޓެސްޓްކޮށްފީހެވެ. އަދި އެ ދާއިރާގެ ގޮނޑިވެސް ހުސްވާނެ އެވެ. މިއީވެސް ބައެއް މީހުން ގަބޫލުކުރާ ގޮތެވެ.
ގާނޫނު އޭނާގެ މައްޗަށް ނުހިނގަނީ ކީއްވެ ކަމެއް ނޭނގުނަސް އެކަން ނުވާކަން އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގެ އެވެ. އެކަމުގެ ޝަކުވާ އޭނާ ތަމްސީލްކުރާ ރައްޔިތުންގެވެސް އެބަ އޮތެވެ.
އާއްމުނަށާއި މުދަލެެއް ގެއްލުންދޭ، އެކަމު އެއިން މައްސަލައެއް ނުބަލާ
ޖާބިރުވަނީ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައިގެން އާއްމުންގެ މުދަލާއި އާއްމުންނަށް ގެއްލުންދީފަ އެވެ. އޭގެ ތެރެއިން ބައެއް ކަންކަން ސޯޝަލް މީޑިޔާގައިވެސް ފާހަގަ ކުރެވިގެންގޮސްފައިވެ އެވެ.
އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދަައްކާފައި ނުވާތީ އޭގެ ބަދަލުގައި މައުމޫނުގެ ގެކޮޅާ ހަވާލުވާން ކަމަށް ވިދާޅުވެ ޖާބިރު ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެތަނުގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދީފައިވެ އެވެ. މިއަަހަރުގެ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ހިނގި އޭނާ ހިންގި އެ އަމަލުގެ މައްސަލަ ބަލާ ކަމަށް ފުލުހުން ބުނި ނަމަވެސް އޭގެ ފަހުން ހަތަރު މަސް ފާއިތުވިއިރު ވެސް އެ މައްސަލައިގައި އިތުރު ތަފްސީލެއް ފުލުހުންނުދެ އެވެ.
ހަމައެހެންމެ ހެންވޭރުގައި ޖާބިރު ދިރިއުޅުއްވާ ގެކައިރި ޕާކްފައިވާ ސައިކަލްތަކެއް ގަސްތުގައި ވައްޓާލާ އެތަކެއްޗަށް މިއަހަރުގެ ތެރޭގައި ވަނީ ގެއްލުންދީފަ އެވެ. މިއަހަރުގެ އޮކްޓޯބަރމަހު އޭނާ ހިންގި އެ އަމަލާގުޅޭ އެއްވެސް ތަހްގީގެއްގެ މައުލޫމާތު ފުލުހުން ދީފައެއްނުވެއެވެ.
H. Thimaaveshi kurimathee huri cycle thakakah @chairmanjabir gellun dhenee pic.twitter.com/xIukpp5ftf
— Ali yaamin (@yaamin_ali) October 28, 2021
އޭގެ އިތުރުން މަތިވެރިއަށް ޖާބިރު ފޮނުވި ބަޔަކު އަރާ އެރަށުގެ ބަޔަކަށް އަނިޔާކުރި ކަމުގެ ތުހްމަތުވެސް އޮތީ ކުރެވިފަ އެވެ.
މަސްތުވެގެން ހުރެގެން ކަމަށް ތުހްމަތުކުރެވޭ އެތައް ހާލަތެއް
"ޖާބިރު އެހުރީ ބޮއިގެން އަމަލުއަރާފައި" ކަމަށް މީހުން ބުނާ ކިތަންމެ ހާލަތެއް މީހުނަށް ފެނިއްޖެ އެވެ. އެކަމު އެކަން ފުލުހުންގެ ސަމާލުކަމަކަށް ނާދެ އެވެ. އޭނާގެ އަމަލުތަކުން މަސްތުވާތަކެތި ބޭނުންކޮށްގެން ކަމަށް ޝައްކުކުރެވޭނެ އެތައް ވަގުތެއް ދިޔަ ނަމަވެސް އޭނާ ޓެސްޓްކުރުމަށް މިހާތަނަށް ފުލުހުން އެއްވެސް މަސައްކަތެއްކޮށްފައެއްނުވެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ބޭއްވި ސިފާ މުހައްމަދުގެ ކެމްޕެއިން ހަރަކާތަށް ކާށިދޫ ވަޑައިގަތް، އެ އުޅުއްވީކީ ހަމަ ބުއްދީގައި ހުރި މީހަކު އުޅުއްވާނެ ގޮތަކަށް ނޫންކަން އެންމެނަށްވެސް އެނގެ އެވެ. އެކަން އެނގެނީ ޖާބިރު އެ ޖަލްސާއަށް ދިޔައީ އެމްޑީޕީން ދައުވަތު ދީގެން ނޫން ކަމަށާއި އެއީ ބަޔަކު ކުރުވި ކަމެއް ކަމަށް ސިފާ ވިދާޅުވި އެވެ.
ގާފަރުގައި ބޭއްވި ހަރަކާތްތަކުގައި ބައިވެވަޑައިގަތުމަށް ކާށީދޫ ދާއިރާގައި ހިމެނޭ ގާފަރަށް ރައީސް ވަޑައިގެންނެވުމުން ހުށައަޅާދިން މަރުހަބާގެ ލަވައިގައި ޖާބިރު ނައްޓުވާފައި އުޅުއްވި ގޮތުން ރައީސާއި ނައިބު ރައީސް ވެސް ތިއްބެވީ ހީހީގޮސް ބަލިވެފައި އެވެ. އޭނާ އެ އުޅުނީ ހަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެރިންކުރިމަތީ އުޅުއްވަން ޖެހޭ ގޮތައް ނޫންކަން އެތަނުގައި އެންމެންވެސް ގަބޫލުކުރެ އެވެ.
އެހެން ދީންތަކުގެ މީހުނަށް އަޅުކަން ކުރުމަށް ފުރުސަތުދީ އެހެން ދީންތަކަށް ފުރުސަަތުދޭން ރައްޔިތުންގެ މަޖިލީހުގައި ޖާބިރު ގޮވާލިނަމަވެސް އެކަން ސިޔާސީ މީހުނަށްވެސް މާބޮޑު މައްސަލައަކަށްވިއެހެނެއް ނުވެ އެވެ. ކޮންމެ ބަޔަކުވެސް އޭނާގެ ވާހަކަ ނަގަނީ ޖޯކެއް ގޮތަށެވެ.
ރައީސް ސޯލިހް ގާފަރުން ފުރާވަޑައިގެންނެވިރު އެމަނިކުފާނަށް އަލްވާދު ވިދާޅުވާން ޖާބިރު ވަޑައިގެންނެވީ ކިރިޔާ ނިވާވާރުގެ ސޯޓްބުރިކޮޅެއްގަ އެވެ. އަދި ރައީސް އެރަށުން ވަޑައިގެންނެވިފަހުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމު ހަމީދު ކައިރި ނިވާކަން ކުޑަ ސޯޓްބުރިއާއެކު އެ ދެއްކެވި ވާހަކަތަކުން ޖާބިރު ހުރި ހާލަތު ފުލުހުންނަށް ނޭނގޭ ކަމަށް ބުނުމަށް އިތުރު ޖާގައެއް ނެތެވެ. އޭގެ ފަހުން ދާއިރާއަށް ނިސްބަތްވާ ރަށެއްގައި އަންހެނުން ތަކެއްކުރިމަތީ އޭނާ ކުރު ސޯޓްބުރިއެއްގައި އެ ޖެއްސެވި ވައްތަރާއި ބޭނުންކުރެއްވި ބަސްމަގަކީވެސް އާއްމުން މިންގަނޑުތަކާ މުޅިން ހިލާފު ކަންކަމެވެ.
ކާށީދޫ ދާއިރާގެ ރައްޔިތުންގެ ތެރެއިން މީހުން ވެސް މިއަދު އިސްވެ ޖާބިރުއާ ވާޙަކަ ދައްކާ ނުޅެ އެވެ. އެކަމު ދާއިރާގެ ރައްޔިތުން ޖާބިރުއާ ވާހަކަ ނުދައްދާ ވަރަށް ފުލުހުންގެ އިސްވެރިން ޖާބިރުއާ އެކު ބަނދަރުމަތީ ވާހަކަ ދައްކަން ވަގުތު ހޭދަކުރިތަން ފެނުމުން ބައެއް މީހުން އެކަމާ ހައިރާންވި އެވެ. ގާނޫނުގެ ދިގު އަތް ޖާބިރުއާ ހަމައަށް ނުފޯރަނީ ކީއްވެކަން ނޭނގުނަސް ފުލުހުނަށް ޖާބިރުގެ ހާލަތު އެނގޭނެކަން ގިނަ ބަޔަކަށް ޔަގީންވި އެވެ.
"އަހަރެމެން ކަހަލަ އާއްމު މީހެއް ނަމަ އެ ވައްތަރަށް އައިސް ފުލުހުން ކައިރު ނުތެބުނީސް ދަމާފައި ދުރަށް ގެންދިޔައީ،" ޖާބިރު ހަޑިހުތުބަސްތަކާއެކު ފުލުހުންނާ ވާހަކަ ދައްކަންހުރިތަން ފެނުމުން ގާފަރު މީހަކު ބުންޏެވެ.
ޖާބިރުގެ އަމަލުތަކުގެ ތެރެއިން އިސްލާމް ދީނަށް އިހްތިރާމްކުޑަކޮށް އަރަބިބަސްތައް ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލިސް ތެރޭގައި ބޭނުންހާ އެއްޗެއް ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އެކަން ހުއްޓުވިތަނެއް ނުފެނެ އެވެ. ނަމަވެސް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ގުރުއާނުގެ އާޔަތްތައް މަޖިލީހުގައި ވިދާޅުވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެގޮތައް ވިދާޅުނުވާން އަންގާފަ އެވެ. އެކަމު ޖާބިރުއާ ހަމަވުމުން އެކަން އެގޮތައް ކުރައްވާތީ ނުފެނެ އެވެ.
އާއްމު ތަންތަނުގައި ހުތުބަސް ބޭނުންކުރުން އާއްމުވެފައި، އެކަމު ފުލުހުންގެ މާބޮޑު ސަމާލުކަމެއް ނެތް
އާއްމު ތަންތަނުގައި ހުތުރުބަސް ބޭނުން ކުރުން ނުވަތަ އަވަގުރާން ގޮވުމަކީ ގާނޫނުގައި ކުށެކެވެ. ޖާބިރު އާއްމު ތަންނުގައި ހުތުރުބަސް ބޭނުންކުރުން ވަނީ އާއްމުވެފަ އެވެ. ދެފަހަރު އެއްފަހަރު އޭނާގެ ދުލުން ހަޑިހުތުބަހެއް ނޫނީ ނުނިކުމެ އެވެ.
މި އަހަރުގެ އޯގަސްޓް މަހު ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް ޖާބިރު ވަނީ މަޖިލިސް އިދާރާއަށް ވަޑައިގެން އެތާ ކުރިމަތީ އޮށޯވެގެން އަދި ފަހުން އިށީނދެގެން އިނދެ ހުތުރު ބަހުން އެކި ވާހަކަތައް ދައްކައިފަ އެވެ.
އޭގެ ކުރިން އޭނާ ވަނީ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެން އިދާރީ މުވައްޒަފުންނަށް ފުރައްސާރަކޮށް މުވައްޒަފުންނާ ދިމާލަށް އައުގުރާނަ ގޮވާ ހުތުރުބަސްތައް ރައްދުކޮށްފަ އެވެ. އެކަމު އޭނާއާމެދު މަޖިލީހުން އެޅި ފިޔަވަޅެއްނެތެވެ.
ރައްޔިތުންގެ މަޖިލިސްތެރޭގައި އަޑުގަަދަކޮށް ހަޑިހުތުބަސް ބޭނުންކުރަން ފެށުމުންވެސް އޭނާ ވަނީ މީގެ ކުރިން މަޖިލީހުގެ ތަޅުމުންވެސް ނެރެފަ އެވެ.
އއ.މަތިވެރި ކައުންސިލް ރައީސަށް ފޯނުން ގުޅައި ޖާބިރު ދެއްކެވި ހަޑިހުތުކަން ބޮޑު އަވަގުރާނަތައް ސޯޝަލްމީޑިޔާގައި އާއްމުވިއިރު އޭނާއާ މެދު އެކަމުގައިވެސް އަދި އަދަށްވެސް އެޅި ފިޔަވަޅެއްނެތެވެ. އެކަމު މި ހުރިހާ ކަމެއް ހިނގަމުންދަނީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ފުލުހުންގެ ކުރިމަތީ އެވެ.
ނަމަވެެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރުއްވި ފޮތަކާ ގުޅޭ ގޮތުން ވާޙަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުއްﷲ(އަދުރޭ) އަވަގުރާނަ ގޮވި މައްސަލައިގައި އޭނާ މައްޗަށް ދައުވާވެސް ކޮށްފައިވެ އެވެ.
ޖާބިރުއަށް ފިޔަވަޅުއަޅަން ސަަރުކާރުން ޖެހިލުންވަނީ ކީއްވެ؟
ޖާބިރު އަމަލުތައް ހައްދުފަހަނައަޅާދާއިރު ދައުލަތުގެ އިސްވެރިންނާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން ލޯމަރަލައިގެން ތިބެނީ ކީއްވެތޯ އެއީ އެންމެ ބޮޑު ސުވާލެވެ. ސީދާ ސަބަބު ސާފުނުވި ނަމަވެސް މި ސަރުކާރު ގެނައުމަށް ޖާބިރު ކުރެއްވި ހޭދައިގެ ވާހަކަ އެކި އިރުގައި ޖާބިރު ދައްކަވަ އެވެ. ސަރުކާރު ހިންގައި މައި ޕާޓީ އެމްޑީޕީން ޖާބިރަށް ދީފައިވާ މަގާމު އަންގައިދޭ އެއްކަމަކީ މި ސަރުކާރު އައިސްގެން ޖާބިރު ރައީސްގެ އަރިސް ބޭފުޅަކަށް އައްޔަން ކުރެއްވުމެވެ.
އޭގެ ފަހުން އެމްޑީޕީ މަޖިލިސް ޕްރައިމަރީން ޖާބިރު ކެޓުމުން އަމިއްލަ ގޮތުން ޖާބިރު ކުރިމަތިލައްވައިގެން ކެމްޕެއިން ކުރެއްވިއިރު ކާށީދޫދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް އެމްޑީޕީން ދިން އަހައްމިއްޔަތުކަން ކުޑަ އެވެ. އެހުރިހާ ކަމަކާއެކުވެސް ޖާބިރު މި ސަރުކާރު ގެނައުމަށް ކުރެއްވި ހޭދައިގެ ވާހަކައަކީ ހަގީގަތެއްކަން ގަބޫލުކުރެވޭ ކަންތައްތަކެއް ފެންނަކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބުއްދި ސަލާމަތުން ހުރުން ލާޒިމްވާއިރު މެމްބަރަކަށް ވުމަށްފަހު އެމީހެއްގެ ކިބައިން އެ ސިފަ ވަކިވެއްޖެ ކަމަށް ޝައްކުވާ ހާލަތުގައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެކަން ދެނެގަތުމަށް މަސައްކަތްކުރަން ޖެހޭ ކަމަށްވެސް ބައެއް މީހުން ގަބޫލުކުރެ އެވެ. ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ޖާބިރު ގިނަ ވަގުތު ހުންނަވަނީ ހަމަބުއްދީގައި ނޫން ކަމެވެ. އެކަން ނޭނގޭ ކަމަށް ހަދައިގެން ލޯމަރާލައިގެން ތިބޭ ތިބުމަކީ ދައުލަތުގެ މުވައްސަސާތައް ފެއިލްވެ ވަކި ބަޔަަކަށް ގާނޫނު ނުހިނގާކަމުގެ ހެއްކެތް ކަމަށްވެސް އާއްމުންދެކެ އެވެ.