Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު

އައްޑޫ ސިޓީ ހުޅުދޫގެ މަސްވެރިންގެ އަގު ވަޒަންކޮށް ފިލާ ދީފި

މަސްވެެރިންގެ ދުވަހުގެ ފިލާ ކައުންސިލަރު ފައިއްޒު މަސްވެރިޔަކާ ހަވާލުކުރައްވަނީ

އައްޑޫ ސިޓީ ހުޅުދޫގައި ފާހަގަކޮށްލެވޭ މަސްވެރިންނަށް އަގުވަޒަންކުރުމުގެ ގޮތުން މިއަދު ފިލާ ދީދި އެވެ.

ސާޅީސް އެއްވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހުޅުދޫ ހުއަނގު ޖަމިއްޔާ އާއި ހުޅުދޫ އަވަށު އޮފީސް ގުޅިގެން ބޭއްވި ރަސްމިޔާތުގައި އަގުވަޒަންކުރުމުގެ ފިލާ ދީފައިވަނީ ކެޔޮޅުކަންކުރާތާ ވިހަ އަހަރުވެފައިވާ ކެޔޮޅުންނަށާއި އެންމެ ޒުވާން ކެޔޮޅަށާއި އެންމެ ދުވަސްވީ މަސްވެރިޔާގެ އިތުރުން މިދިޔަ އަހަރު އެންމެ ގިނައިން މަސްކިރުވި މަސް ދޯންޏަށެވެ.

މެދުނުކެނޑި ކެޔޮޅުކަން ކޮށްފައިވާތީ ދޭ ފިލާ: އަލީ ސައީދު، ދާޝް/ސ.ހުޅުދޫ
މެދުނުކެނޑި ކެޔޮޅުކަން ކޮށްފައިވާތީ ދޭ ފިލާ: އަލިމަނިކު، އިޝާން/ސ.ހުޅުދޫ
މެދުނުކެނޑި ކެޔޮޅުކަން ކޮށްފައިވާތީ ދޭ ފިލާ: މުހައްމަދު ދީދީ، ހިރާން/ސ.ހުޅުދޫ

މަސްވެރިކަމުގައި އެންމެ ގިނަ ދުވަސްވަންދެން ހޭދަކޮށްފައިވާ މަސްވެރިޔާ ފިލާ: މުހައްމަދު. އަލިމާސްގެ/ސ.ހުޅުދޫ
އެންމެ ޒުވާން މަސްވެރިޔާ: އުނައިޝް އަލީ، އިޝާން/ސ.ހުޅުދޫ
މިދިޔަ އަހަރު އެންމެ ގިނައިން މަސްބޭނި ދޯނި: އާޝާން ދޯނި

މި ރަސްމިޔާތުގައި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިޒުއްރަހްމާން ވަނީ މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތައް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ހުޅުދޫގައި ބޭނުންކުރަމުން އައި ދުވަސްވީ ބަނދަރަށް ފަހު އާ ބަނދަރަށް ބަދަލުވުމުގެ ތެރޭގައި މަސްވެރިންނަށް ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށާއި އެހެން ނަމަވެސް އާ ބަނދަރާއެކު ލުއި ފަސޭހަތައް މަސްވެރިންނަށް ލިބިގެންދާނެ ކަމަށް ފައިއްޒު ވިދާޅުވި އެވެ.

"އާ ބަނދަރުގެ މަސައްކަތް އެއްކޮންނިމޭއިރު މަސްވެރިންގެ މައިޒާންއަކާއި މަސްވެެރިން ބޭނުންވާ ހިދުމަތްތައް ގާއިމުކުރުމަށް މަސައްކަތްކުރާނަން. ބަނދަރުގެ ސާފުތާހިރު ކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަން ދިނުމަށް އެދެން. އަންނަ އަހަރު އާ ބަނދަރުގައި ޑަސްބިންތައް ބެހެއްޓިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރިންގެ ޖަމިއްޔާއެއް އުފެދި މަސްވެރިކަމާއި ރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމަށް ފައިއްޒުވަނީ އެދިވަޑައިގެންފަ އެވެ.

މި ޖަލްސާގައި އެންމެ ޒުވާން މަސްވެރިޔަކަށް ހޮވުނު އުނައިޝްވަނީ މަސްވެރިންނަށް ހުރި ދަތިތައް ހިއްސާކޮށްފަ އެވެ. އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ފައިއްޒު ވިދާޅުވީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ހުރި ޝަކުވާތައް ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކާ ހިއްސާ ކުރައްވާނެ ކަމަށެވެ.


މަސްވެރިންގެ ދުވަހުގެ މި ހަފްލާ ބޭއްވުމަށް ކުރިން ހަމަޖައްސާފައި އޮތީ މަސްވެރިންގެ ދުވަސް ގޮތުގައި ފާހަގަކުރާ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ނަަމަވެސް ކޮވިޑާ ގުޅިގެން ޖަލްސާ ފަސްކުރަންޖެހުނީ އެވެ.