އައްޑޫ ސިޓީ ހުޅުދޫ މާފިށި ކިޅި ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ކަމަށް ހުޅުދޫ އަވަށުގެ ކައުންސިލަރު ހުސައިން ފައިޒުއްރަޙްމާނު (ފައިޒް) ވިދާޅުވެއްޖެ އެވެ.
ފައިޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާފިށި ކިޅި އަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް – އައްޑޫގެ 'ކޯ އޭރިއާ' އެއް ކަމަށާއި އަވަސް ފިޔަވަޅެއް ނާޅައިފިނަމަ އެތަން ނެތިގެން ހިނގައިދާނެ ކަމަށެވެ.
ނިމިދިޔަ މަހުގައިވެސް އެތަނަށް ލިބިފައިވާ ގެއްލުން ފެނިފައި އަޅުގަނޑު ހައިރާންވި، ފައިޒު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެންވަޔަރަމެންޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން 22 ސެޕްޓެމްބަރު 2020 ގައި އެ ސަރަހައްދު ވަނީ ހިމާޔަތް ކޮށްފައެވެ.
މާފިށި ކިޅިއަކީ ހުޅުދޫގެ ދެކުނު ފަރާތު ކޮޅުގައިވާ ކުޅިއެކެވެ. އެއީ ޗަސްބިން ސަރަހައްދަކަށް ވުމުން ރަށަށް ވެހޭ ވާރޭ ފަސޭހަކަމާއެކު އެ ސަރަހައްދަށް ހިނދިގެން ދެއެވެ. އެހެންކަމުން އެއީ ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާ މުހިންމު ސަރަހައްދަކަށް ވަނީ ވެފައެވެ.