އައްޑު އަތޮޅުގެ އިރުމަތީ ދުނީގައިވާ މީދުއަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. މި ރަށަކީ ބޮޑު ކަނޑެއްގެ އައްސޭރިފަށުގައި ވަކިން އޮންނަ ރަށެކެވެ.
ކަނޑުން ނަގާ ބިޔަ ރާޅުތަކުގެ ސަބަބުން ރަށުގެ ހޭޅިފަށް ނެތިގެން ދަނީ ވަރަށް ހަލުވިކޮށެވެ. މީދޫގެ އެންމެ ބޮޑަށް ގިރާ ސަރަހައްދަކީ އެ ރަށުގެ ކޮށިފަންނާއި ވޭރާނޑާ ދެމެދެވެ. ގިރާ ސަރަހައްދުން ރަށުގެ ކުޅި އާ ދޭތެރޭގައި މިހާރު ވަނީ އެންމެ 30 ވަރަކަށް ފޫޓް ފުޅާމިނުގެ ސަރަހައްދެކެވެ.
ރަށް ގިރުން ކޮންޓްރޯލް ނުވެއްޖެ ނަމަ ފެނިގެން ދާނީ މޫދާއި ކުޅި އާ ގުޅި ކަނޑުގެ ލޮނުގަނޑު ކުޅީގެ ތެރެއަށް ވަދެ މޫދަށް ބަދަލުވެގެންދާ މަންޒަރެވެ.
އެ ފަރާތުން ކުޅި އާއި ޗަސްބިމާއި މޫދާ ދޭތެރޭގައި އޮންނަނީ ނިކަން ހަނި އުސް ސަރަހައްދެކެވެ. ގިރަމުން ނެތެމުން ދަނީ އެ ސަރަހައްދެވެ.
އެ ފަރާތު ފުށްޓަރަށް ބިންދައިލާ ބޮޑެތި ބިޔަ ރާޅަކީ މުޅި ރާއްޖެ އަށް ބެލި ކަމުގައި ވިއަސް އެފަދަ ދެވަނަ އެހެން މަންޒަރެއް ފެނުން ނާދިރު ރާޅުތަކެކެވެ. ކުޅީގެ ތެރެއަށް މޫދު ވަދެގެން ހިނގައި ދާނެކަމުގެ ބިރު ބޮޑުވާ އެއް ސަބަބަކީ އެއީ އެވެ.
ކުޅިއަކީ އެ ރަށުގެ ވަރަށް ބޮޑު ސަރަޙައްދެކެވެ. ކުޅީގެ ތެރެއަށް މޫދުގެ ލޮނުގަނޑު ވަދެގެންފި ނަމަ ވަރަށް ބޮޑު ސަރަހައްދަކަށް އޭގެ އަސަރު ކުރާނެ އެވެ.
އޭރުން އެ ސަރަހައްދު ހިމާޔަތް ކުރުމަކީ ފަސޭހަކަމަކަށް ނުވެ ހިނގައި ދާނެ އެވެ. ހުޅުދު އާއި މީދޫގެ ގިނަ ބައެއްގެ ރުއްގަހާއި އެބައި މީހުންގެ އޮޅުތަކާއި ދަނޑުބިންތައް ލޮނުގެ ސަބަބުން ފަނާވެ ނެތިގެން ހިނގައި ދާނެ އެވެ. މިކަމުގެ ގެއްލުން ވާނީ ހަމައެކަނި މީދޫގެ ރައްޔިތުންނަކަށް ނޫނެވެ. ހުޅުދޫގެ ރައްޔިތުންނަށް ވެސް އަސަރު ކުރާނެ އެވެ.
ރަށް ގިރުމުގެ ސަބަބުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އެ ރަށުގައި ބެހެއްޓި ބަޑިބުރުޒުތަކާއި ބަންކަރުތައް ވެސް މިހާރުވަނީ މޫދުގަ އެވެ.
ކުރިން ވޭރާނޑަށް ދާން އޮންނަ މަގު ވެސް ވަނީ ގިރައިގެން ގޮސްފަ އެވެ. އެ މަގު ގިރައިގެން ދިއުމަށް ފަހު ހެދުނު ތިން މަގެއް ވެސް ވަނީ ނެތި ގޮސްފަ އެވެ.
މި ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ޚަރަދު ކުރައްވައިގެން ތޮށިލުމުގެ މަސައްކަތެއް 2008 ވަނަ އަހަރުގެ ތެރޭގައި ވަނީ ފަށާފަ އެވެ.
ގިރާ ސަރަހައްދުގައި 1.5 ކިލޯ މީޓަރުގެ ތޮށިލުމަށް ހަމަޖެހި 360 މީޓަރުގެ ތޮށްޓެއް ތިން ފިޔަވައްސަކަށް ބަހާލައިގެން ހެދުމަށް ނިންމާފައިވެ އެވެ. ފުރަތަމަ ފިޔަވަހީގައި ހެދުނު 400 ފޫޓް ތޮށިގަނޑުގެ މަސައްކަތަށް 2.4 މިލިޔަން ރުފިޔާ ޚަރަދު ކުރެވިފައިވެ އެވެ.
ރަށުގެ އެއްވެސް ދިމާލަކުން ވެއްޔާއި ގައު ނެގުމަކީ ރަށް ގިރުމުގެ މައްސަލަ އިތުރަށް ގޯސްވެގެން ދާނެ ކަމެކެވެ.
ނޯޓް: މިއީ މީދޫ.ކޮމްގައި "އުނިސާރު" ގެ ނަމުގައި ޝާއިއުކޮށްފައިވާ އާޓިކަލެކެވެ.