Last Updated: September 21, 05:54
Saturday, September 21, 2024
ޚަބަރު

ޢަރަބިއްޔާގެ އައު އިމާރާތް އަޅަން ބާ ޖަމާލުއްދީންގެ ބިން

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އަޅަން ބާ ޖަމާލުއްދީންގެ ބިން ދިނުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ނިންމެވީ، އަރަބިއްޔާގެ ބޯޑާއި، ޕީޓީއޭގެ ބައެއް މެމްބަރުންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށް ފަހުއެވެ.

އަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި އެތަނުގައި ކިޔެވުން ނުރައްކަލަކަށް ވެފައި އޮތުމުގެ ސަބަބުން އިއްޒުންދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރަން އެޑިއުކޭޝަނުން ނިންމިއެވެ. ނަމަވެސް އެ ނިންމުމާ ދެކޮޅަށް އަރަބިއްޔާގެ ބެލެނިވެރިން ވަނީ އަޑުއުފުލާފައެވެ. އެހެންކަމުން އަރަބިއްޔާ ސްކޫލްގެ އައު އިމާރާތެއް އަޅަން މާލެއިން ބިމެއް ލިބޭތޯ މަސައްކަތްކުރައްވާ ކަމަށް އެޑިއުކޭޝަނުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ބާ ޖަމާލުއްދީން ބިމުގައި އާ އިމާރާތް އެޅެންދެން އަރައްބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. އަދި އަންނަ އަހަރު ސްކޫލް ހުޅުވުމުގެ ކުރިން ވަގުތީ ހައްލެއް ހޯދައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ސާލިހު ވަނީ އެ ސްކޫލްގެ ބެލެނިވެރިންނަށް އަރުވާފައެވެ. މީގެއިތުރުން ދަރިވަރުންގެ ކިޔެވުން ގެއްލިގެންދާ ގޮތަށް އެއްވެސް ކަމެއް ނުނިންމަވާނެކަމުގެ ޔަގީންކަންވެސް ރައީސް ސާލިހު ވަނީ އަރުވާފައެވެ.

އަރަބިއްޔާ ސުކޫލަކީ 2011 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށް 2013 ގައި ހުޅުވި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލްގެ އިމާރާތް ބާވުމުގެ ސަބަބުން ދަރިވަރުންނަށް ނުރައްކާވެދާނެތީ އެކަމަށް އަވަސް ހައްލެއް ހޯދުމަށް އެދި "ސޭވް އަރަބިއްޔާ"ގެ ނަމުގައި މުޒާހަރާއެއްވެސް ވަނީ ކޮށްފައެވެ.