Last Updated: September 21, 05:54
Saturday, September 21, 2024
ޚަބަރު

ކެނެރީފް ރިސޯޓު ހުޅުވުން ޖެނުއަރީ 15 އަށް

އައްޑޫ ސިޓީ ހެރެތެރެގައި ހިންގަމުން އައި ކެނެރީފް ރިސޯޓު ޖެނުއަރީ 15 ގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ބަންދުކުރި ކެނެރީފް ރިސޯޓު ހުޅުވަން މީގެ ކުރިން ނިންމާފައި އޮތީ ޑިސެމްބަރު 24 ގައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކެނެރީފްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ސާއިފް ޒަރީރު ވިދާޅުވީ، ރިސޯޓް ހުޅުވުން ލަސްވީ ބޭރުން ގެންނަ ބައެއް ސާމާނު ލަސް ވެގެން ކަމަށެވެ. ނަމަވެސް މިހާރު އޮތް ގޮތުން ކުރިއަށް އޮތް މަހުގެ 15 ވަނަ ދުވަހު އެ ރިސޯޓް ހުޅުވޭނެކަމަށް ސާއިފް ވިދާޅުވި އެވެ.

"ރާއްޖޭން ބޭރުގެ ސަޕްލައި ތަކެއް ލަސް ވެގެން ހުޅުވުން ލަސްވީ. އާރްއޯ ޕްލާންޓުގެ ބައެއް ސާމާނު އަންނަނީ އެމެރިކާއިން. މި ތަކެއްޗަކީ ސީދާ ޑައިރެކްޓްރީ ސަޕްލަޔަރު އަތުން ހޯދަން ޖެހޭ އެއްޗިހިވީމަ ލަސްވީ."، ސާއިފް ވިދާޅުވި އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ކެނެރީފް ރިސޯޓު ހުޅުވަން ތައްޔާރުވަމުން އަންނައިރު، ކެނެރީފުގެ 271 ކޮޓަރީގެ ތެރެއިން ފުރަތަމަ ހުޅުވަނީ 142 ކޮޓަރި އެވެ. މީގެތެރެއިން މިހާރުވެސް 140 ކޮޓަރި ރިސޯޓް ލައިފް ކުންފުނިން ގަނެފައިވާކަަމަށް ކެނެރީފުން ބުނެއެވެ.

އައްޑޫ ސިޓީގައި 3 ރިސޯޓް އޮތްއިރު މިވަގުތު އޮޕަރޭޝަނުގައި އޮތީ ހަމައެކަނި ސައުތު ޕާމް ރިސޯޓެވެ. އައްޑޫ އިސްމެހެލާ ހެރައިގައި ހިންގާ އެ ރިސޯޓުވެސް އޮތީ ޕީކް ސީޒަނާ ގުޅިގެން ފުލްކޮށެވެ.