Last Updated: September 21, 05:54
Saturday, September 21, 2024
ޚަބަރު

ހުޅުދޫން ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅުވެއްޖެ

އައްޑޫ ސިޓީ ހުޅުދޫ

އައްޑޫ ސިޓީ ހުޅުދޫ އަވަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެންމެން ބަލިން ފަސޭހަވެފައިވާ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފި އެވެ.

އައްޑޫ އީއޯސީ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު އައްޑޫ ސިޓީގެ ހުޅުދޫ އަވަށާއި މަރަދޫފޭދޫ އަވަށުގައި ކޮވިޑް-19ގެ އެކްޓިވް އެންމެ ކޭހެއްވެސް ނެތެވެ. ނަމަވެސް އައްޑޫގެ އެހެން އަވަށްތަކުގެ ތެރެއިން ހިތަދޫ އަވަށުގައި 44 އެކްޓިވް ކޭސް އުޅޭއިރު، މަރަދޫގައި 5 ކޭސް، ފޭދޫގައި 2 ކޭސް އަދި މީދޫގައި 2 ކޭސް އުޅޭކަން ފާހަގަކޮށްލެވެއެވެ. މިއާއެކު ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 53 ގައެވެ.

މިއަދު އެކަނިވެސް އައްޑޫ ސިޓީން 107 ސާމްޕަލް ނަގާފައިވާއިރު، 51 މީހަކު ވަނީ ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީން ކޮށްފައެވެ. އައްޑޫއިން މިއަދު ކޮވިޑް-19 ގެ އެންމެ ކޭހެއްވެސް ފެނިފައިނުވާއިރު، މިއީ ފާއިތުވި 4 މަހާއި 10 ދުވަސް ތެރޭގައި ކޮވިޑަށް މީހަކު ޕޮޒިޓިވް ނުވާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 0 ކޭސް ރިޕޯޓްކުރެވުނީ އޮގަސްޓުމަހުގެ 10 ވަނަ ދުވަހުގައެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުމަކީވެސް މަނާކަމެކެވެ. އަދި ރޭގަނޑު ވަގުތުގައި ކާފިއުވެސް އޮންނަނީ ހިންގާފައެވެ.