Last Updated: September 21, 05:54
Saturday, September 21, 2024
ޚަބަރު

މޮނިޓަރިންގައި އޮތުމުން އައްޑޫގެ އިގުތިސާދަށް އަސަރުކުރޭ: ނިޒާރު

އައްޑޫ ސިޓީ މޮނިޓަރިންގ ހާލަތުގައި އޮތުމުން އައްޑޫގެ އިގުތިސާދަށް އޭގެއިން އަސަރުކުރާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި ނިޒާރު ވިދާޅުވީ މޮނިޓަރިންގައި އޮތުމުން އައްޑޫގެ އިގުތިސާދަށް އޭގެއިން އަސަރު ކުރާ ކަމަށާއި، ކާފިއު ގަޑިތަކެއް ވެސް އޮތުމުން އެކަމުން ވެސް އުނދަގޫތަކެއް ދިމާވަމުންދާ ކަމަށެވެ. އެގޮތުން އޭގެ ސަބަބުން ވިޔަފާރިތަކަށް ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެވުނީ 28 އޮގަސްޓުގައެވެ. އެފަހުން 114 ދުވަސް ވެފައިވާއިރު، މިއަދު އައްޑޫއިން ކޮވިޑުގެ އެންމެ ކޭހެއްވެސް ފެނިފައެއް ނުވެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި އައްޑޫއިން ކޮވިޑް ކޭސްތައް ފެންނަ ނިސްބަތް ވަނީ ބޮޑުތަނުން ދަށްވެފައިކަން ފާހަގަކޮށްލެވެއެވެ.

އައްޑޫ މޮނީޓަރިންގައި އޮންނަތާ ހަތަރު މަސްވެފައިވާއިރު ހާލަތު ރަނގަޅު ވުމާއެކު އައްޑޫ މޮނިޓަރިން އިން ނަގައިދޭން އެޗްޕީއޭގައި މިހާރު ވަނީ އެދިފަ އެވެ.

މޮނިޓަރިންގައި އައްޑޫ ސިޓީ އޮތުމާއެކު ކައުންސިލުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން މަނާކުރުން ހިމެނެއެވެ.