އައްޑޫ ސިޓީގެ އަންހެނުންގެ ތަރަގީއަށް މަސައްކަތްކުރާ ކޮމެޓީން ހިންގި ފަންތޮށި ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ފަންތޮށި ކޯހަކީ ފަނުން އެއްޗެހި ވިޔަން ދަސްކޮށްދޭން އާއްމުންނަށް ހުޅުވާލައިގެން ކުރިން ގެންދިޔަ ކޯހެކެވެ. ހިލޭ ކުރިއަށްގެންދިޔަ މި ކޯހުގައި އައްޑޫ ސިޓީގެ ހަތަރު އަވަށެއްގައި ކްލާސްތައް ކުރިއަށް ގެންދިޔަ އެވެ. އެއީ ހިތަދޫ އާއި ފޭދޫ އާއި މަރަދޫފޭދޫގެ އިތުން ހުޅުދޫ މީދޫގަ އެވެ. އައްޑޫ ސިޓީން 80 އަށްވުރެ ގިނަ މީހުން މި ކޯސް ފުރިހަމަކޮށްފައިވެ އެވެ.
މި ކޯހުގައި ހުޅުދޫ އާއި މީދޫއިން ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް މިރޭ ބޭއްވި ހަފްލާގައި 14 ބައިވެރިއަކަށް ވަނީ ސެޓްފިކެޓްދީފަ އެވެ. އޭގެ ކުރިން ކުރިން ހިތަދޫއިން 34 ބައިވެރިން، ފޭދޫން 23 ބައިވެރިން، އަދި މަރަދޫފޭދޫން ބައިވެރި 16 ބައިވެރިންނަށް ވަނީ މި ކޯސް ފުރިހަމަކުރުމުން ސެޓްފިކެޓް ދީފަ އެވެ.
އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ނައިބު ރައީސާ ނައުމާ އަބްދުﷲ ވިދާޅުވީ ފަންތޮށިކޯހެއް ހިންގުމުގެ ހިޔާލު އައީ ބޭރުގެ ސަފީރެއް އައްޑޫއަށް ވަޑައިގެންނެވުމުން އައްޑޫ ވެދުމަކަށް ހަދިޔާއެއް އެރުވުމަށް ފަނުން ވިޔެފައިވާ އެއްޗެއް ހޯދަން ދިމާވި ދަތިތަކާގުޅިގެންވެ. އެހެންވެ ދިވެހިންގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ފަނުން ތަކެތި ވިޔުމުގެ ހުނަރު ދަސްވެފައި ތިބި ބަޔަކު އައްޑޫގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ދެެކޭތީ އެކޯސް ހިންގަން ނިންމީ ކަމަށް ނައުމާ ވިދާޅުވި އެވެ.
މި ކޯހުގެ ބައިވެރިންވަނީ މާވަށިގަނޑާއި މޭވާ ވަށިގަނޑާއި އަދި އަތްދަބަހާއި އަދި އެނޫންވެސް ތަފާތު އެެއްޗެތި ވިޔަންދަސްކޮށްފަ އެވެ.
ކޯހުގައި ތަކެތި ވިޔަވަން ދަސްކުރި ބައިވެރިން ބުނީ އެމީހުނަށް ލުބުނީ ވަރަށް މުހިމު ފުރުސަތެއް ކަމަށާއ ފަސޭހަކަމާއެކު އެ ހުނަރު ދަސްވި ކަމަށެވެ.