"އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ލުމަކީ ލިބޭ ޝަރަފެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވެފައިމިވަނީ އިންޑިއާ އައުޓް ޖައްސަވައިގެން ޔާމީނަށް ބޭރަށް ނިކުމެ ނުހިންގެވޭނެ ކަމަށާއި އެކަން ފުލުހުން ހުއްޓުވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ނަޝީދުގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން "ދިޔަރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ތުރުކުރެއްވުމުން އެމަނިކުފާނަށް ފާޑުކިޔާ ބޭފުޅުން އުޅުއްވީ މާ ހަޑިކޮށް ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނުނީ ދެއްތޯ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ވަކިވެފައި ހުރި މީހަކު ފުލުހެއްގެ މޫނަށް ކުޅުޖެހިތަން ވެސް. އަޅުގަނޑުމެންނަށް ދެއްތޯ ފެނުނީ ކޯޓަށް ނުވަންނާންވެގެން ރޮއެ ވެއްޓި ތެޅިފޮޅި އުޅުނުތަންވެސް" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ޓީޝާތެއް ތުރުކުރައްވައިގެން ބޭރަށް ނިކުތުމަކީ ގޯސް އަމަލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނަށް ފާޑު ވިދާޅުވާ ބޭފުޅުން އުޅުއްވާފައި ހުންނެވީ މާ "އައްޗިކޮށް" ކަމަށެވެ. އަދި އިންޑިއާ އައުޓް ޖެހި ޓީޝާޓް ތުރުކުރައްވައިގެން ބޭރަށް ނިކުތުމަކީ ލިބޭ ޝަރަފެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު އެ ޓީޝާޓް ލައިގެން ނުކުތުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް. އެއީ ގައުމުގެ ހައްގުގައި އަޅުގަނޑު ކުރާ ވަރުގަދަ މަަސައްކަތެއް. އެކަން ހަޖަމު ނުކުރެވިގެން މި އުޅެނީ" ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތަށް މިއަދު ޔާމީން ފ.ނިލަންދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު މިދިޔަ ހަފްތާގައި ޔާމީން ވަނީ މި ކެމްޕޭނަށް ކ.ގުރައިދޫ އާއި ތުލުސްދޫއަށް ވެސް ވަޑައިގެންފަ އެވެ.