ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގައި ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށްގެންގޮސްފި އެވެ.
ހުޅުމީދޫ ފުލުހުންނާއި ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި މީދޫ އާއި ހުޅުދޫގެ ޖަމިއްޔާތަކާއި ކުންފުނިތަކާއި ސަރުކާރުގެ އޮފީސްތަކުގެ އިތުރުން ސްކޫލް ދަރިވަރުންވެސް ބައިވެރިވި އެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެ ދެ އަވަށުގެ އެކި ސަރަހައްދުތަކަށް ޓީމްތައް ބަހަލައިގެންނެވެ. ފޯރިއާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ވަނީ ގިނަ އަދަދެއްގެ ޕްލާސްޓިކް އެއްކުރެވިފައިވެ އެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސާފުކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންދިޔައީ އެފަދަ ކަންކަމަށް ކުޑަކުދިންގެ ހިތްތަކުގައި ލޯބި އުފެއްދުމުގެ މަގުސަދުގަ އެވެ.
މި ހަރަކާތް ފެށުމުގެ ކުރިން އެ ސަރައްދުގައި ބޭއްވި ކުޑަ ރަސްމިޔާތުގައި ފުލުހުންގެ ފަރާތުން ހުޅުދޫ އާއި މީދޫއަށް ޑަސްބިންތަކެެއް ވަނީ ހަދިޔާކޮށްފަ އެވެ. އެ ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވަނީ ފުލުހުންގެ ފަރާތުން ޑަސްބިންތައް ހަދިޔާކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
އޭނާ ވިދާޅުވީ ޑަސްބިންތައް ލިބިގެން ދިއުމަކީ ވަރަށް ރަށުތެރެ ސާފުކޮށް ބޭއްވުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އަދިއެހެންމެ މިއަދު ގެންދިޔަ ކުނިއެއްކުމުގެ ހަރަކާތް ރާވާހިންގިކަމަށްޓަކައި އުފާކުރައްވާކަމަށްވިދާޅުވެ ޝުކުރު އަދާކުރެއްވި އެވެ،
ބައިނަލް އަގުވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހުޅުދޫ އާއި މީދޫގައި އެކި ހަރަކާތްތައް ކުރިއަށްގެންގޮސްފަ އެވެ. އޭގެ ތެރޭގައި ހުޅުދޫ އާއި މީދޫގެ ސަރަހައްދުތަކުގައި ބިލްބޯޑު ހަރުކުރަން ފެށުމާއި އާޓް އެގްޒިބިޝަނަކާއި ކަލަރރަން ހިމެނެ އެވެ. ރޭގައި ފުލުހުން ވަނީ އެ ހަރަކާތްތަކުގެ ނިމުން ފާހަގަކޮށް އެ ފަރާތްތަކަށް އެހީތެރިވެދިން މުވައްސަސާތަކާއި އަމިއްލަ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފަ އެވެ.