Last Updated: November 23, 13:49
Saturday, November 23, 2024
ދީން

ހަނދު ދެ ފަޅި ކުރެއްވުން!

އިންޑިއާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ޒާކިރު ނައިކް ވިދާޅުވެ އެވެ.

"Quran is not a book of SCIENCE, it’s a book of SIGNS" (ޤުރުއާނަކީ ސައިންސްގެ ފޮތެއް ނޫނެވެ. ޤުރުއާނަކީ ހެކިތަކެއްވާ ފޮތެކެވެ.)

މިހެން ވިދާޅުވާ ސަބަބަކީ ކީރިތި ޤުރުއާނުގައިވާ ބައެއް ކަންތައްތަކަކީ ސައިންސްގެ މާހިރުންނަށް ސާބިތުކޮށް ދެވިފައިވާ ކަންކަމަށް ނުވާތީ އެކަމާ ސުވާލު އުފައްދާ މީހުން އުޅޭތީ އެވެ. ޑރ.ޒާކިރު ވިދާޅުވެއެވެ. ފޮތެއްގެ 90 އިންސައްތަ އަކީ ތެދު ކަމަށްވެފައި، ބާކީ 10 އިންސައްތައަކީ ތެދުކަން ނުވަތަ ދޮގުކަންވެސް ސާބިތު ކުރެވިފައި ނުވާ ކަމަށްވާ ނަމަ ތިބާ ބުނާނީ އެ ފޮތުގައި ވަނީ ތެދު މަޢުލޫމާތު ނޫންކަމުގައި ހެއްޔެވެ؟

މާތް ﷲ ނަބީންނާއި ރަސޫލުންނަށް މުޢުޖިޒާތްތައް ދެއްވަނީ އެބޭކަލުންގެ ގޮވާލެއްވުމަކީ ﷲ ގެ ޙައްޤު ބަސްފުޅުކަން ސާބިތުކޮށް ދެއްވުމުގެ ގޮތުންނާއި އީމާންވީ މީސްތަކުންގެ އީމާންތެރިކަން އިތުރަށް ވަރުގަދަ ކުރެއްވުމަށެވެ.
އެގޮތުން އިންސާނުންނަށް ގެނެސްގަތުމަށް ކުޅަދާނަވެގެން ނުވާ މުއުޖިޒާތްތައް ދައްކަވަތެވެ.

މައްކާގެ މުޝްރިކުން ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހުގައި ވެސް އެފަދަ މުއުޖިޒާތްތަކަށް އެދި އެކަންކަން އެމީހުންނަށް ދެއްކެވުމަށް ދަންނަވަތެކެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުއްދީން ލިޔުއްވި ކީރިތި ރަސޫލާގެ ސިޔަރަތުގައި ވެ އެވެ. "އެއް ފަހަރަކު ސާދަ ވިލޭރެއަކު އެ މީހުން އެއްވެގެން ތިބެފައި ދަންނަވައިފޫ އެވެ. އެހެރަ ފެންނަ ހަނދު ކަލޭގެފާނުން ދެފަޅިހަމައަށް އިރުއްވާށެވެ. އޭރުން ކަލޭގެފާނަށް ތިމައުރެން (އަހަރެމެން) އީމާންވެދާ ހުށީމެވެ.
ދެން ފަހެ އެކަލޭގެފާނުން ހަނދަށް އިޝާރާތެއް ކުރެއްވުމުން ހަމަޔަށް ދެ ފަޅިވެގެން، އެއްފަޅި އަބޫޤުބައިސް ފަރުބަދަޔާއި ދިމާ އަށް އަނެއް ފަޅި ޤައެޤަ ޢާންމު ފަރުބަދައާ ދިމާއަށް ހިނގައްޖެ އެވެ. މިބައި މީހުން ބިރުން ހަޅޭލައިގެން ދަންނަވައިފޫ އެވެ. އަވަހަށް އިހު ހުރި ގޮތަށް ހައްދަވައި ދެއްވާށެވެ. ދެން ފަހެ އިހު ހުރި ފަދައިން ވެއްޖެ އެވެ. މިކަމަށް ވެސް އީމާންވީ ބަޔަކު މީހުންނެވެ. އެމީހުން ކުރެ ގަދަފަދަ މީހުން ބުނެފޫ އެވެ. ތިޔައީ ވެސް ސިހުރެކެވެ.
އަނެއް ބަޔަކު ބުނެފޫ އެވެ. ސިހުރެއް ވިއްޔަކާ މިތާގައި ތިބި މީހުންގެ ލޮލަށް ނޫނީ އެކަމެއް ނުޖެހޭނެ އެވެ. ދެން މިބައި މީހުން ދުރު ރަށްރަށުން އައި މީހުން ކުރެ އަހާ، ދުރު ރަށްރަށަށް ވެސް މިކަން ފެނުނުކަން ސާބިތުވީމާ ވެސް އީމާންވީ ބަޔަކު މީހުންނެވެ. އަނެއް ބައިމީހުން، މީގެތެރޭގައި ވެރިއަކީ އަބޫޖަހުލެވެ. ބުނެފޫ އެވެ. އެއީ ދެމިގެންވާ ސިހުރެކެވެ. ކިތަންމެ ދުރަކަށް ވެސް ފެނިދާނެ އެވެ. މި ވާހަކަ ޤަމަރު ސޫރަތް ފެށުނުތާގައި މިފަދައިން ވަޙީކުރައްވާފައި އެވަނީ އެވެ."

ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ (54:1) وَإِن يَرَوْا ءَايَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ (54:2)

މާނަ: "ޤިޔާމަތްވުމުގެ ވަގުތު ކައިރިވެއްޖެ އެވެ. އަދި ހަނދު އިރިއްޖެ އެވެ. އަދި އެ އުރެންނަށް ހެއްކެއް ފެންނަނީ ނަމަ، އެއުރެން ފުރަގަސްދެ އެވެ. އަދި ބުނެ އެވެ. މިއީ ދެމި ހުންނަނިވި ޖާދޫއެކެވެ."

* ސައިންސްގެ ހެކި:

މި އަޖާއިބުން ފުރިގެންވާ މުއުޖިޒާތުގެ ތެދުކަން މިއަދުގެ ސައިންސާއި ތާރީޚީ ލިޔުންތަކުން ވަނީ ކަށަވަރު ކުރެވިފަ އެވެ. އެގޮތުން 1969 ވަނަ އަހަރުގެ މެއި މަހުގައި ނެގިފައިވާ ހަނދުގެ ފޮޓޯތަކުން ފާހަގަ ކުރެވުނީ ހަނދުގައިވާ ރެނދުތަކެވެ.
އެތައް ކިލޯމީޓަރެއްގެ ދިގުމިން ހިމެނޭ މި ރެނދުތަކާ ބެހޭ ގޮތުން ކުރެވުނު ދިރާސާތަކުން އެނގިގެން ދިޔައީ އެއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ހަނދުގައި އުފެދުނު "ހަނދު ހެލުމެއް" (MOONQUAKE) ގެ ސަބަބުން އުފެދިފައިވާ ރެނދުކަމެވެ.

* ތާރީޚީ ހެކި:

އުތުރުކަރަ ނުވަތަ އިންޑިއާއަކީ ވަރަށް ޤަދީމީ ތާރީޚެއް އޮތް މުއްސަނދި ހަޟާރަތެއްކަން އެއީ ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތެކެވެ. އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ އިންޑިއާ އޮފީސް ލައިބްރަރީގައިވާ ދަ އިންޑިއަން މެނުސްކްރިޕްޓް (ރިފަރެންސް: 2807، 152-173) ގައި ރިކޯޑް ކުރެވިފައިވާ ގޮތުން އިންޑިއާގެ ރަސްކަލެއް ކަމުގައިވާ ޗަކްރަވަތީ ފަރުމާސް “Chakrawati Farmas” ވަނީ ހަނދު ދެފަޅިކުރެއްވުން ދެކެވަޑައިގެންފަ އެވެ.

އެމް.ހާމިދުﷲ ލިޔުއްވި "މުޙައްމަދު ރަސޫލު ﷲ" މި ފޮތުގައި މިވާހަކަ ގެނެވިފައިވެ އެވެ. ބުނެވޭ ގޮތުގައި އިންޑިއާގެ އައްސޭރި ރަށެއް ކަމުގައިވާ މަލަބާރުގެ ރަސްކަލެއްކަމުގައިވާ ޗަކްރަވަތީ ފަރުމާސް އަށް ހަނދު ދެ ފަޅި ކުރެއްވުން ފެނިވަޑައިގަތެވެ.

މިކަމާ މެދު އަޖާއިބުފުޅުވެ ޚަބަރު އޮޅުން ފިލުއްވެވި އިރު މިއީ މާތްﷲގެ ރަސޫލު ބޭކަލެއް އަރަބިކަރައިން ފާޅު ކުރައްވައިފިކަމުގެ ބަޝާރަތެއްކަން އެނގިލެއްވި އެވެ.
ދެން އެރަސްގެފާނުގެ ދަރިކަލުން ރަސްކަމުގެ ތަޚުތުގައިވެޑުވުމަށްފަހު ﷲގެ ރަސޫލާއާއި ބައްދަލު ކުރެއްވުމަށް މައްކާ އަށް ދަތުރު ކުރެއްވި އެވެ. އަދި ރަސޫލާގެ އަތްޕުޅުމައްޗަށް އިސްލާމްވެވަޑައިގެން ޞަހާބީއެއްގެ ދަރަޖަ ހޯއްދެވި އެވެ. ބުނެވޭ ގޮތުގައި އިންޑިއާ އިން އެންމެ ފުރަތަމަ އިސްލާމްވީ ބޭފުޅަކީ މިއީ އެވެ. އެއަށް ފަހު ރަސޫލާގެ އެންގެވުމަށް އެނބުރި ރަށަށް ވަޑައިގަތް މަގުމަތީގައި "ޒަފަރު" ކިޔާ ބަނދަރުމަތީ ރަށެއްގައި އަވަހާރަވީ އެވެ.

ރަސޫލާގެ އަރިއަހަށް ޒިޔާރަތް ކުރެއްވި އިންޑިއާގެ ރަސްގެފާނުގެ ވާހަކަ ހަދީސް ފޮތްތަކުގައި ވާރިދުވެގެން އައިސްފައިވެ އެވެ. މުސްތަދްރަކުލް ހަކީމް ނުވަތަ ކިތާބުލްއަޠިއްމާ ގައި އަބޫ ސަޢީދުލްޚިދުރީ ރިވާ ކުރެއްވިކަމުގައިވެ އެވެ. "އަދި ރަސޫލުﷲ ސައްލަﷲ ޢަލައިހިވަސައްލަމް އަށް އިންޑިއާގެ ރަސްގެފާނު ހަދިޔާއެއް އެރުވި އެވެ.
އެއީ އިނގުރުން ހަދާފައިވާ އަސާރަ ފުޅިއެކެވެ. ދެން ކީރިތި ރަސޫލާގެ އަސްހާބުންގެ މެދުގައި އެބެއްސެވި އެވެ. އެއިން އަހުރެއްނަށް ވެސް އެތިކޮޅެއް ކާން ލިބުނެވެ."

ހިންދޫ ދީނުގެ ފަތްފުށްތަކުގައި ކީރިތި ރަސޫލާގެ ޚަބަރުތަކާއި ސިފަފުޅުތައް ވަރަށް ގިނައިން ބަޔާން ވެގެންވެ އެވެ. އެގޮތުން 5000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ފޮތެއް ކަމުގައިވާ "ކަލްކީ ޕުރާނާ" ގައި ވެސް އެންމެ ފަހުގެ ނަބިއްޔާގެ ސިފަތަކުގެ ތެރޭގައި އެ ނަބިއްޔާ ހަނދު ދެ ފަޅި ކުރެއްވިކަމުގެ ވާހަކަ ގެނެސްފައިވެ އެވެ.

* ނިންމުން:

ނިކަން ދެކިބަލާށެވެ. މީގެ 1400 އަހަރުކުރިން ﷲ ދެއްކެވި މި މުއުޖިޒާތުގެ ތެދު ޙަޤީޤަތް މިއަދު ހާމަ ކުރެވިފައި މި ވަނީ ކާއިނާތު އޭގެ ޒާތުގައި އެއްވެސް ޚާލިޤަކުނެތި އަމިއްލައަށް އުފެދިފައިވާކަން ސާބިތު ކުރުމަށް ޣައިރު މުސްލިމުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ﷲ ގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން އެއުރެން ނުދެނެ ތިބެ ހާމަކޮށް ދެވެމުން ދަނީ އެވެ.