އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ ރައްޔިތުންނާމެދު ތަފާތުކުރުމެއް ނުގެންގުޅުއްވާކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ހުޅުދޫ އާއި މީދޫ ވަކިކުރުމަށް އާންމުންގެ ޚިޔާލަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުޅުވާލެއްވުމާ ގުޅިގެންނެވެ.
ނިޒާރު ވިދާޅުވީ، މި ދެ އަވަށުގެ ރައްޔިތުން ތަފާތު ނުވެސް ކުރާނެ ކަމަށެވެ.
"ހުޅުދޫއާއި މީދޫ ރައްޔިތުން ތަފާތެއް ނުކުރަން. ނުވެސް ކުރާނަން" މޭޔަރު ވިދާޅުވިއެވެ.
ނަމަވެސް ނިޒާރު ވަނީ، އައްޑޫ ސިޓީގެ އަވަށްތަކަށް ޚިދުމަތް ދިނުމުގައި ކައުންސިލަށް އިދާރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ދަތިތައް އެބަހުރިކަން ފާހަގަކުރައްވާފައެވެ.
"[ފާހަގަކުރެވުނު] އެ ދަތިތަކާ ގުޅިގެން ރަށްތަކަށް ހިދުމަތް ދިނުމަށް ކައުންސިލަށް ގޮންޖެހުންތައް އެބަހުރި. އެ ގޮންޖެހުންތަކުގެ ސަބަބުން ހުޅުދޫ އާއި މީދޫގައި ކުރަންޖެހޭ ބައެއް ކަންކަން ނުވެ ހުރިކަން އަޅުގަނޑު ވެސް ގަބޫލުކުރަން" ނިޒާރު ވިދާޅުވިއެވެ.
މޭޔަރު ނިޒާރު ވަނީ، މި ދަތިތައް އެ ކައުންސިލަށް އެބަހުރިކަން މަޖިލިސް މެމްބަރުންނަށްވެސް އެނގޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމަށް އެންމެ އެދެވޭ ހައްލެއް އަދިވެސް ލިބިފައިނުވާ ކަމަށް ނިޒާރު ވަނީ ވިދާޅުވެފައެވެ.
ނިޒާރު ވަނީ އެންމެން ގުޅިގެން ކުރިއަށް ދިއުމަށްވުރެ ރަނގަޅު ގޮތެއް ނެތްކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑަކަށް ނުފެނޭ ހުރިހާ އެންމެން ގުޅިގެން ކުރިއަށް ދިއުމަށް ވުރެ ވަކިން ރަނގަޅު ގޮތެއް. އަޅުގަނޑު އެދެނީވެސް އައްޑޫ ރައްޔިތުން ބައިބައި ނުވުމަށް" ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދުއަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކާ ވަކިން އޮންނަ ރަށެކެވެ. އައްޑޫ ސިޓީ ކައުންސިލްގެ މި ދައުރުން ވަނީ މި 2 އަވަށަށް އިހުމާލުނުވާނެ ކަމަށް ބުނެފައެވެ.