އިމްރާން ހާޝިމީގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު އަޔާން އަށް މިދިޔަ ހަފުތާގެ ތެރޭގައި ކެންސަރު ޖެހިފައިވާކަން އެނގުމާ އެކު އިމްރާންގެ ފޭނުންނަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ.
އަދި މި ހިތާމަވެރި ހާދިސާ އާ ގުޅިގެން، ގިނަ ބައެއްގެ ހަމްދަރުދީ އިމްރާނަށާއި އޭނާގެ އާއިލާ އަށް ހެޔޮ އެދޭ ފަރާތްތަކުން ވަނީ ފޮނުވައިފަ އެވެ.
މީޑިއާ ރިޕޯޓްތައް މިހާރު ބުނާ ގޮތުން އިމްރާން މަސައްކަތް ފަށާފައި ހުރި ފިލްމުތަކުގެ މަސައްކަތް މެދުކަނޑާލުމަށް ފަހު ދަރިފުޅުގެ ފަރުވާ އަށް އޭނާ ވަރަށް އަވަހަށް އެމެރިކާ އަށް ދާނެ އެވެ. އަދި ކެންސަރުގެ ފުރަތަމަ ސްޓޭޖްގައި އޮތް އަޔާން އަށް ކީމޯތެރަޕީ ދޭނީ އެމެރިކާގަ އެވެ.
ދަރިފުޅުގެ ދަތުރަށް ގައުމުން ބޭރަށް ދިއުމުގެ ކުރިން އިންޑިއާގައި ވަނީ އަޔާންގެ ކާމިޔާބް އޮޕަރޭޝަނެއްކޮށް، އޭނާގެ ކިޑްނީގައި އުފެދިފައި އިން ޓިއުމަރު ވެސް ނަގައިފަ އެވެ. އަދި މާދަމާ އަޔާން ހޮސްޕިޓަލުން ދޫކޮށްލާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަރުވާ އަށް އެމެރިކާ އަށް ދާން އިމްރާނަށް ލަފާ ދިނީ ދާދި ފަހުން ކެންސަރަށް އެމެރިކާގައި ފަރުވާ ހޯދި އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޔުވްރާޖް ސިންގެވެ.