Last Updated: December 22, 10:33
Sunday, December 22, 2024
ޚަބަރު ރައީސް ސޯލިހު

މިއީ ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން އައި އެންމެ ސާފުތާހިރު ފަސް އަހަރު: ރައީސް ސޯލިހް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މިއީ ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން އައި އެންމެ ސާފުތާހިރު ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ 23 ރަށެއްގެ ފެނާއި ނަރުދަމާ މަޝްރޫޢުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ތަރައްޤީގެ ވާހަކަ ދައްކަން ފަށަންވާނީވެސް ގައިންތާހިރުވެ ތިބެ ކަމަށާއި، "މި ހިނގާ ރިޔާސީ ދައުރަކީ، ދިވެހި ޖުމްހޫރިއްޔާގެ ޙަޔާތުން އައި އެންމެ ސާފުތާހިރު ފަސް އަހަރު" ކަމަށެވެ.

ވެރިކަމާ ހަވާލުވިތާ އަހަރެއްވިތަނާހެން ކޮވިޑް-19 ގައި މުޅި ދުނިޔެ ހުއްޓުނުކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، މި ބަލިމަޑުކަމަކީ ކުރުން ލާޒިމް ކަންކަން ނުކުރުމަށް އޮތް ބަހަނާއެއް ނޫން ކަމަށެވެ.

މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް، ސަރުކާރުގެ ފުރަތަމަ ދުވަހު ފެށިކަމަށާއި، މަޝްރޫޢުތައް ޙަވާލުކުރަމުން، މަސައްކަތް ނިންމައި ޚިދުމަތް ދިނުމުގައި އަވަދިނެތި ސަރުކާރު ދެމިއޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މިއަދުގެ މި ޙަފްލާއަށްފަހު، ދިވެހިރާއްޖެ ފުރޮޅި އިންޤިލާބު ވެގެން އެ ދަނީ، ތަރައްޤީގެ މުޅިން އެހެން މަރުޙަލާއަކަށް. ސައިޒުން ކުޑަޔަސް، ނުވަތަ ބޮޑަސް، އަދި މީހުން މަދަސް، ނޫނީ ގިނަޔަސް، ސަރުކާރުން މިކަމުގައި އެއްވެސް ރަށެއް، ކުރި ފަރަޤެއް، ތަފާތެއް، އިރާދަކުރެއްވިއްޔާ ނޯންނާނެ. އެހެންކަމުން މިއަދަށްފަހު، ފެނާއި ނަރުދަމާގެ މަސައްކަތް ޙަވާލުނުކުރެވޭ، މީހުން ދިރިއުޅޭ އެއްވެސް ރަށެއް ދިވެހިރާއްޖެއަކު ނޯންނާނެ. ވެފައިވެސް، ދެންވާން އޮންނާނީ ހަމަ އެންމެ ގޮތެއް. އެއީ ކަމަށް ބޭނުންވާ ޢިމާރާތްތައް އުފުލި، މެޝިނަރީ ގެނެވި، ހޮޅިތައް ވަޅުލެވި، ތަރައްޤީގެ ވާހަކަ ދައްކަން ފަށާ ހިސާބުގައި ގައިންތާހިރުވުމުގެ ފެން މުޅި ރާއްޖެ، އެކުއެކީ ހިނގާން ފެށުން."

ވޭތުވެދިޔަތަނުގައި އައި ހުރިހާ ސަރުކާރަކަށް ނިންމިފައިވަނީ، 69 ރަށުގެ ނަރުދަމާއާއި، 37 ރަށުގެ ފެނުގެ ނިޒާމުކަން ފާހަގަކޮށް ރައީސް ސޯލިހް ވަނީ ކުރީގެ ސަރުކާރުތަކުގެ ވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ.

ރައިސް ސޯލިހް ވިދާޅުވީ ފެނާ ނަރުދަމާގެ މަސައްކަތްތައް ސުމަކުން ފަށަން ޖެހުނުނަމަވެސް ދޫނުކުރެއްވީސްކަމަށާއި، ސަބަބަކީ ތަރައްޤީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ، ގައިން ތާހިރުވެ ތިބެގެން ކަމަށްވާތީކަމަށެވެ.