އައްޑޫ ސިޓީ ކައުންސިލް ހިތަދޫން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ މިއަދު ހެނދުނު ހުޅުދޫ އަވަށު އޮފީހުގައި އޮންނާނެ އެވެ. މިއީ އައްޑޫ ކައުންސިލުން ހިތަދޫން ބޭރުގައި ކައުންސިލް ރަސްމީ ޖަލްސާ ބާއްވާ ފުރަތަމަ ފަހަރު ނަމަވެސް ކައުންސިލްގެ ފުރަތަމަ އަދި ދެ ވަނަ ދައުރުގައި ކައުންސިލްގެ ބައްދަލުވުން ހުޅުދޫގައި ބާއްވާފައިވެ އެވެ.
އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުދޫއާއި މީދޫގައި އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮނަނީ އެހެން ރަށްތަކާއި އެ ދެ ރަށް ތަފާތުކުރުން ގެންގުޅުމެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން އެކަމަށް އިންކާރުކުރެ އެވެ. އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުވެސް ވިދާޅުވެފައިވަނީ އެ ދެ ރަށް އެހެން ރަށްތަކާ ތަފާތު ނުކުރާ ކަމަށެވެ.
ކޮންމެ ބުރާސްފަތި ދުވަހު ބާއްވާ ކައުންސިލް ރަސްމީ ޖަލްސާ މި ފަހަރު ރަށުން ބޭރުގައި ބާއްވަން ނިންމި ސަބަބެއް ސާފެއްނުވެ އެވެ.އެހެން ނަމަވެސް ހުޅުދޫ އަވަށު އޮފީހުގެ ހޯލްގައި ބާއްވާ މި ޖަލްސާ ހުޅުދޫއާ އަދި މީދޫ އާއި ގުޅުންހުރި ބައެއް ކަންކަން އެޖެންޑާގައި ހިމެނިފައި އޮންނާނެ ކަމަށް ބެލެވެ އެވެ.