އައްޑޫ ސިޓީ ކައުންސިލް މިހާރު އުފެދިފައިވާ ގޮތައް ބަދަލު ގެނެސް ހުޅޫދޫ އާއި މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރައްދު ދެއްވައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުދޫގައި ބާއްވާ ރަސްމީ ޖަލްސާ ފެށުމަށް ފަހު މޭޔަރު ނިޒާރު ވިދާޅުވީ ހުޅުދޫ އާއި މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ބާއްވަން ބޭނުންވާ ފަރާތްތަކުން ހުޅުދޫ މީދޫ އާމެދު ކައުންސިލުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ހުޅުދޫ އާއި މީދޫގެ ކައުންސިލަރަކު ހުށައެޅި އެއްވެސް ހުށައެޅުމަަކަށް އެހެން އެއްވެސް ކައުންސިލަރު ހުރަސްއަޅާފައިނުވާ ކަމަށެވެ. އަދި އައްްޑޫ ސިޓީ ކައުންސިލްގެ ތާރީހުގައިވެސް އިދާރީ ގޮތުން އެންމެ ގާތްގުޅުމެއް ބޭއްވުމަށް މަސައްކަތްކުރާ ކައުންސިލަކީ މިހާރު އޮތް ކައުންސިލް ކަމަށް މޭޔަރު ވިދާޅުވި އެވެ.
"އައްޑޫ ސިޓީ ކައުންސިލަރެއް އަދި މޭޔަރެއްގެ ހައިސިއްޔަތުން މަށަކަށްވުރެ ވަކި ގިނައިން ހުޅުދޫ މީދޫއަށް ޒިޔާރާތްކުރި އެހެން ވެރިއަކު ހުރިކަމެއް މަށަކަށް ނޭނގެ މި ކުރު މުއްދަތުގެ ތެރޭގައި. ދެން ކަމެއް ދިމާވެއްޖެ ކަމަށްވާނަމަ ދެ ކައުންސިލަރުންނަށް އައްޑޫ ސިޓީ ކައުންސިލުންވެސް އެއްބާރުލުންދޭ. އެ ވާހަކަތަކަކީ ކައުންސިލުން ކަމެއް ގޯސްވެގެން ދައްކާ ވާހަކަތަކެއް ނޫން ކަން ރައްޔިތުންނަށް ޔަގީންކަމާއެކު ދެން،" މޭޔަރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ތަފާތު ގެންގުޅޭ ކަމަށް ވާހަކަ ދައްކަން އެންމެ ރަނގަޅުވާނީ ކައުންސިލުން ނުވަތަ ކައުންސިލަރުންގެ ކިބައިން އެ މައުލޫމާތު ހޯދައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މޭޔަރު އިތުރަށް ވިދާޅުވީ ވަކި ވަކިވެގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލް އެއްކޮން އޮތީމަ ލިބޭ ފައިދާ ވަރަށް ގިނަ. އަޅުގަނޑުމެންވެސް މި މަސައްކަތުގައި އުޅޭތާ ވަރަށް ދުވަސްވެއްޖެ. އެ ފައިދާތައްް ލިސްޓްކޮށްގެން ކިޔާލީމަ އެނގޭނީ އެ ފައިދާތައް. ވަކިވެ ގަތުމާއި ވަކިވެގެން ކަންކަން ކުރުމުގެ ހިޔާލު ގެންގުޅުމަކީ ރަނގަޅު ހިޔާލެއް ނޫންކަމަށް މަށަށް ފެންނަނީ،"
ވަކިވަކިވުމަށް ދެކެވޭ ވާހަކަތަކަކީ ބައިބަިއިވުން އުފެދި ހިޔާލު ތަފާތުވުން އުފެދޭނެ ކަމެއް ކަމަށާއި އެ ފުރުސަތު އެއްވެސް ސިޔާސީ ފަރާތަކުން ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.
އައްޑޫ ސިޓީން ހުޅުދޫ އާއި މީދޫ ވަކިވުމަށް އެ ދެ ރަށުގެ އާއްމު ބައެއް މެމްބަރުން ދަނީ ކެމްޕެއިނެއް ކުރަމުންނެވެ.