އައްޑޫ ސިޓީ ކައުންސިލުން ހުޅުމީދޫ ވަކިވާ ވާހަކަ ދައްކަނީ އަނގަ މަޖަލަކަށް ކަމަށް މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވިދާޅުވެއްޖެ އެވެ.
ސާލިހާ މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުން އެދޭނަމަ ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އިއްޔެ ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާގައި ވާހަކަދައްކަމުން ސާލިހާ ވިދާޅުވީ މިއީ އާދައިގެ ކުޑަކުޑަ ވާހަކާއް ނޫން ކަމަށާއި، ދިމާވާ ކުޑަކުޑަ ކަމަކާހުރެ ސިޓީ ކައުންސިލުން ވަކިވާ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ.
"ޕްރޮޖެކްޓެއް އިއުލާން ނުވެގެން، ބިމެއް ހަވާލު ނުވެގެން، މިވަރުގެ ކަމަކުން ވަކިވެގަންނާށޭ ބޭނުންވަނީ، އެވަރުގެ ވާހަކައެއް ދެއްކުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް" ސާލިހާ ވިދާޅުވި އެވެ.
މީގެއިތުރުން ސިޓީ ކައުންސިލުން ވަކިވާ ވާހަކަ އަނގަ މަޖަލަކަށް ދެއްކިފައި ހުރެދާނެ ކަމަށާއި، އެއީ އަދި ވަކިވެގަންނަން ބުނާ އެއްޗެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރު އަޅުގަނޑުވެސް ހިތަށް ހިތްހަމަނުޖެހުން ލިބުމުން ބުނެލަން "އާނ ދެން އެންމެ ރަނގަޅީ ވަކިވެގަންނަން". އެއިކީ އަދި އަޅުގަނޑު ވަކިވެގަންނަން [ވެގެން] ބުނާ އެއްޗެއް ނޫން. އެއީ އަނގަމަޖަލަކަށް ހަމަ އެހެން މީހުންންވެސް ކިޔާ [އެއްޗަކަށް] އެހެން ބުނެވިފައި ހުރެދާނެ؛ ސާލިހާ ވިދާޅުވި އެވެ.
ސާލިހާ ވިދާޅުވީ މި ވާހަކަ މިގޮތަށް ދައްކަން ޖެހުނީ ބައެއް ފަރާތްތަކުން އޭނައަށް ގުޅާފައި ވަކިވެގަތުމުގައި އޭނާގެ ޚިޔާލަކީ ކޮބައިތޯ ސުވާލުކުރާތީ ކަމަށެވެ.
ހުޅުދޫ އަދި މީދޫ އަކީ އައްޑޫގެ ގުޅިފައިވާ އަވަށްތަކާ ވަކިން އޮންނަ ދެ އަވަށެވެ. މެމްބަރު ރޮޒައިނާ އަކީ މީދޫ އަދި މަރަދޫފޭދޫ ތަމްސީލުކުރާ މެމްބަރެވެ. ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ މެމްބަރަކީ އިލްޔާސް ލަބީބެވެ.
އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އަދި މީދޫއާ މެދު ތަފާތުކުރުން ގެންގުޅޭތީ މީގެ ކުރިންވެސް އެ ދެ އަވަށުގެ ރައްޔިތުން ވަނީ މި މައްސަލަ ފެންމަތިކޮށްފައެވެ.