ބޮލީވުޑްގެ ބައެއް ފިލްމީ ތަރިންނަކީ ހަމައެކަނި އެކްޓް ކުރަން މޮޅު ބައެއް ނޫނެވެ. ތަފާތު އެކި ހުނަރުތައް، ގިނަ ތަރިންގެ ހުރެ އެވެ. ބައެއް ތަރިންނަކީ މޮޅެތި ކުރެހުންތެރިންނެވެ. ފެޝަން ޑިޒައިނަރުންނެވެ. ފިޓްނަސް އިންސްޓްރްކްޓަރުންނެވެ. ބައެއް ތަރިން ފިލްމުތަކުގެ ސްކްރީންޕްލާއި އާއި ޑައިލޮގްތައް ލިޔެ އެވެ. އަދި ހަމަ މިއާ އެކު ނެށުންތައް ވެސް ތައްޔާރުކޮށްދެ އެވެ.
މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. ބައެއް އެކްޓަރުންނަކީ ޕްރޮޑިއުސްކޮށް، ފިލްމްތައް ޑައިރެކްޓް ވެސް ކުރާ ތަރިންނެވެ.
ހަމަ މިއާ އެކު ވަރަށް ގިނަ ތަރިންނަކީ ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި ލަވަ ވެސް ކިޔާ ތަރިންނެވެ. ހާއްސަަކޮށް އެ މީހުންގެ ފިލްމްތަކަށެވެ.
ބޮލީވުޑްގެ ތަރިން މަލްޓި ޓާސްކިން ކުރާތީ، ފިލްމުތަކުގައި ނުބައިބައި ރޯލްތައް ކުޅެން މަޝްހޫރު ރާޒާ މުރާދު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނަނީ "ބައެއް އެކްޓަރުން މިހާރު ވިލަންގެ ރޯލް ވެސް އަދާ ކުރާތީ ނުބައިބައި ރޯލްތައް ކުޅޭ މީހުންނަށް ކުރާނެ މަސަައްކަތެއް ނުލިބޭ" ކަަމަށެވެ.
ސަމާސާ މޫޑެއްގައި ރާޒާ އެހެން ބުނި ނަނަވެސް އެއީ ހަމަ ރަނގަޅު ވާހަކައެކެވެ.
މިހާ ހިސާބުން މި ވާހަކަ ކުރުކޮށްލާނީ އެވެ. ދައްކަން މި އުޅެނީ ލަވަ ކިޔާ އެކްޓަރުންގެ ވާހަކަ އެވެ.
ފަށާނީ މަރުހޫމް ކިޝޯރް ކުމާރާ ހަމައިންނެވެ. އޭނާއަކީ "ގޮލްޑަން އީރާ" ގައި އެކްޓްރި ފަންނާނެކެވެ. އެކަމަކު ކިޝޯރް ކުމާރު މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ވާނީ އޭނާ ކިޔާފައިވާ ރީތި ހިތްގައިމު ލަވަތަކުންނެވެ. އޭނާ ގިނަ އަދަދެއްގެ ފިލްމްތަކެއް ކުޅުނު ނަމަވެސް އެއިން ފިލްމެއްގެ މަތިން މީހަކު ހަނދާން ހުންނާނެ ކަމެއް ނޭނގެ އެވެ.
އެކަމަކު ކިޝޯރުގެ ކޮންމެ ލަވައަކީ ވެސް އާންމުންގެ މެދުގައި މަގުބޫލް ލަވަައެކެވެ.
ބޮލީވުޑްގެ އެކްޓަރުންގެ ތެރޭގައި އަމީތާބް ބައްޗަން، 71، މިހާތަނަށް އޭނާގެ އަޑުން ކިތަންމެ ލަވައެއް ރެކޯޑްކޮށްފި އެވެ. އޭގެ ތެރޭގައި "ބާގްބާން" އާއި "ކަބީ ހުޝީ ކަބީ ޢަމް"، "ބޯލް ބައްޗަން"، "ބޫތުނާތު" އަދި "ޕާ"، "ބުއްޑާ ހޯގާ ތޭރާ ބާޕް" ފަދަ ފިލްމްތަކަށް އޭނާ ލަވަ ކިޔާފައިވެ އެވެ.
އަމީތާބްގެ ފަަހަތުން އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަން ވެސް ވަނީ ވަަރަށް ހިޓް ލަވައެއް ކިޔައިފަ އެވެ.
އެއީ ރޯހަން ސިއްޕީ ޑައިރެކްޓް ކުރި "ބްލަފްމާސްޓާ" އަށެވެ. މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ ސުނީދީ ޗޯހަން އާ އެކު އަބިޝެކް ކިޔާފައިވާ އެ ލަވައިގައި އޭނާ ފެނިގެން ގޮސްފައި ވަނީ، މިހާރު ލަވަ ކިއުމުގައި ވެސް ކުރިއަރަމުން ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އެވެ.
ފިލްމް "ގުލާމް" އަށް އާމިރް ހާން ކިޔައި ދިން "އާތި ކިޔާ ކަންޑާލާ" ލަވައަކީ ވެސް ވަަރަށް މަޝްހޫރު ލަވައެކެވެ. ރާނީ މުކަރުޖީ އާ އެކު އާމިރް 1998 ވަނަ އަހަރު ކުޅުނު "ގްލާމް" އަށް އާމިރް ކީ ލަވައިގެ ދިވެހި ވާޝަން ވެސް ފެނިގެންގޮސްފައި އެވެ.
އިސްމާއީލް ވަޖީހު ކިޔައި އާމިރް ކޮޕީކޮށްގެން ބެލުންތެރިންނާ ހަމައަށް ގެނެސް ދިން އެ ލަވައަކީ އާމިރް ކީ ލަވަ އާ އެއް ވަރަށް ދިވެހިންގެ ތެރޭގައި މަޝްހޫރު ލަވައެކެވެ.
ދެން އޮތީ ޝާހްރުކް ހާނެވެ. އޭނާއަކީ ފިލްމުތަކުގައި ނުބައިބައި ރޯލް ކުޅެން ފެށި ފުރަތަމަ އޭ ލިސްޓް ތަރި އެވެ. ރާޒާ މުރާދުމެން ފަދަ އެކްޓަރުން "ޖޮބްލެސް" ކުރުމުގެ ފަހަތުގައި ހުރި މޭސްތިރިއަކީ ޔަގީނުން ވެސް ޝާހްރުކެވެ.
އޭނާ "ބާޒީގާރް" އާއި "ޑަރް" އަދި "އަންޖާން" ފަދަ ފިލްމުތަކުގައި ކުޅުނު ވިލަންގެ ރޯލްތަކާ އެކު ފިލްމް "ޖޯޝް" އަށް ކިޔައި ދިން "އަޕުން ބޯލާ" އަކީ ވަރަށް މަޝްހޫރުވެގެން ދިޔަ ލަވައެކެވެ.
ސަންޖޭ ދަތަކީ ވެސް އޭނާގެ ބައެއް ފިލްމްތަކަށް އަމިއްލަ އަޑުން ލަވަ ކިޔާފައިވާ ތަރިއެކެވެ. އޭގެ ތެރެއިން އެއް ލަވައަކީ އޭނާ އުރުމިލާ މަޓޯންޑްކްރަ އާ އެކު ކުޅުނު "ހޫބްސޫރަތު" އަށް ކިޔާފައިވާ "އޭ ޝިވާނީ" އެވެ.
ދެން އޮތީ މަލްޓިން ޓާސްކިން ކުރުމުގައި ނަމޫނާ ތަރިއެއްގެ ވާހަކަ އެވެ. އޭނާ ސްކްރީންޕްލޭ ތައްޔާރު ކުރެ އެވެ. ޑައިލޮގްތައް ލިޔެ އެވެ. ޑައިރެކްޓް ކުރެ އެވެ. ޕްރޮޑިއުސް ކުރެ އެވެ. އެކްޓް މިހާރު މާ ގަދަ އަށް އެބަ ކުރެ އެވެ. ހަމަ އެއާ ވަަރަށް ހިތްގައިމު ލަވަތަކެެއް އެބަ ގެނެސްދެ އެވެ.
މި ދައްކަނީ ފަރްހާން އަހްތަރުގެ ވާހަކަ އެވެ. އޭނާ ވަނީ ކުޅުނު ދެވަނަ ފިލްމް "ރޮކް އޮން" ގެ ބައެއް ލަވަތައް ކިޔައިފަ އެވެ.
އޭގެ ފަހުން އޭނާގެ ދައްތަ ޒޯޔާ އަހްތަަރު 2011 ވަނަ އަހަރު ގެނެސް ދިން ހިޓް ފިލްމް "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގައި ހިމެނޭ "ސެނޮރީޓާ" ގެ އަޑުގެ ވެރިއަކީ ވެސް ފަރްހާނެވެ. ފަރްހާން ލަވަ ކިއުމަކުން ހައިރާން ވާނެ ކަމެއް ނެތެވެ. އޭނާގެ ބައްޕަ ޖާވިދް އަހްތަރަކީ އިންޑިއާގެ މަޝްހޫރު ކުޅަދާނަ ޅެންވެރިއެކެވެ.
ދެން އޮތީ އަކްޝޭ ކުމާރުގެ ވާހަކަ އެވެ. އޭނާ ވަނީ 2012 ވަނަ އަހަރު ރިލީޒްވި "ސްޕެޝަލް ަޗައްބީސް" އަށް ލަވައެއް ރެކޯޑްކޮށްފަ އެވެ.
ހިތާމަވެރި މޫޑެއްގެ އެ ލަވައަކީ އާންމުންނަށް ކަމުދިޔަ ލަވައެކެވެ. އެކަމަކު އެހާ މަޝްހޫރުވި ލަވައެއް ނޫނެވެ.
"ވިކީ ޑޯނާ" އިން އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންނަށް ތައާރަފްވި އަޔޫޝްމަން ކުރާނާއަކީ ވެސް ވަކި އެހެން ތަރިންނަކަށް ދޫކޮށްލާނެ އެކްޓަރެއް ނޫނެވެ. އޭނާ ކުޅުނު ފުރަތަމަ ފިލްމް "ވިކީ ޑޯނާ" ގެ "ޕާނީދާ" ލަވަ ކިޔައިގެން ފިލްމް ފެއާ އެވޯޑް ފަދަ ހަފުލާތަކުގައި އޭނާ ވަނީ އެންމެ މޮޅު ފިރިހެން ލަވަ ކިއުންތެރިޔާގެ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ.
އޭގެ ފަހުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އާ ގުޅިގެން އަޔޫޝްމަން ވަނީ އޭނާގެ ސިންގަލްއެއް ވެސް ރިލީޒްކޮށްފަ އެވެ. މީގެ އިތުން އޭނާ މިހާރު ކުޅެމުން އަންނަ ވައިއާރްއެފްގެ "ބޭވަފޫކިއާން" އަށް ވެސް އަޔޫޝްމަންގެ އަޑުން ލަަވަ ކިޔާފައިވާ ކަމަށްވެ އެވެ.
ދެން އޮތީ ބަތަލާއެއްގެ ވާހަކަ އެވެ. ނެށުމަށް ދެވަނަ އަށް ނެތް މަދޫރީ ޑިކްޝިޓް އެވެ. އޭނާ ވަނީ 2002 ވަނަ އަހަރު ނިކުތް ސަންޖޭ ލީލާ ބަންސާލީގެ ބްލޮކްބަސްޓާ "ދޭވްދާސް" ގެ ލަވައެއް ކިޔައިފަ އެވެ.
މަދޫރީ އެކްޓް ވެސް ކުރި އެ ލަވައަކީ "ދޭވްދާސް" ގައި ހިމެނޭ "ކާހޭ ޗޭޅް" އެވެ.
ލަވަައިގެ ވާހަކަ ދައްކާ ނަމަ ޖޫހީ ޗަވްލާގެ ވާހަަކަ ނުދައްކައި ދޫކޮށްލާކަށް ނުވާނެ އެވެ. އޭނާ ވަނީ "ބޫތުނާތު" އަށް އަމިތާބާ އެކު ލަވައެއް ކިޔައިފަ އެވެ.
ޕްރިޔަންކާ ޗޯޕްޅާ ދުނިޔޭގެ ރީތީގެ ރާނީއެކެވެ. ބޮލީވުޑްގެ އެންމެ ނުޒޫފް ގަދަ އެއް ބަތަލާ އެވެ. ކެރިއާއެއްގެ ގޮތުގައި މިހާރު ލަވަ އެބަ ކިޔަ އެވެ. އެކަމަކު މިހާތަނަށް އަދި ހިންދީ ލަވައެއް އޭނާ ކިޔައިފައެއް ނުވެ އެވެ.
އިންޑިއާގައި ފިލްމް ކުޅެފައި، ލަވަ ކިއުމުގެ ކެރިއަރު ޕްރިޔަންކާ އަދި ކުރިއަށް ގެންދަނީ ހޮލީވުޑްގަ އެވެ. އޭނާގެ އިނގިރޭސި ތިން ލަވައެއް މިހާތަނަށް ވަނީ ރިލީޒްވެފަ އެވެ.
އެއިން ކޮންމެ ލަވައަކީ އެތައް ބައެއްގެ މަގްބޫލްކަން ހޯދާފައިވާ، މަޝްހޫރު ލަވަތަކެވެ. އެ ލަވަތަކުގެ ވީޑިއޯތަކުގައި ވެސް ހަރަކާތްތެރި ވަނީ ހުދު ޕްރިޔަންކާ އެވެ.
އުމުރުން އަދި 20 އަހަރެވެ. ރިލީޒްވީ އެންމެ ފިލްމެކެވެ. އެއީ ކަރަން ޖޯހަރު 2012 ވަނަ އަހަރު ޑައިރެކްޓް ކުރި "ސްޓޫޑަންޓް އޮފް ދި އިޔާ" އެވެ. އަންނަ މަހުގެ 21 ގައި އާލިއާގެ ދެވަނަ ފިލްމް "ހައިވޭ" ރިލީޒްވާނެ އެވެ.
އެ ފިލްމުގައި އޭނާގެ އެކްޓިން ހުނަރަކާ އެކު ލަވަ ކިއުމުގެ ހުނަރު ވެސް ބެލުންތެރިންނަށް ތަޖުރިބާކޮށްލަން ލިބޭނެ އެވެ. އާލިއާގެ ފުރަތަމަ އޭނާ ކިއުނީ ވެސް އެފަދަ ދެވަނައެއް ނެތް އޭއާރް ރަހްމާންގެ ރާގަކަށެވެ.
މި ލިސްޓް މި ހިސާބުން ކުރުކޮށްލާނީ އެވެ. ދައްކަން ވެއްޖިއްޔާ މިފަދަ ވާހަކަތައް ދައްކައި ކޮޅަކުން ނުލާނެ އެވެ.