ކ. ގާފަރަށް އަރާ ކޮންމެ މީހެއްގެ ލޮލުގައި މިހާރު އެންމެ ފުރަތަމަ އަޅައިގަންނާނީ އެރަށުގެ ބަނދަރު މަތީ ހަދާފައި ހުރި އެރަށް ރަމްޒްކޮށްދޭ ބިނާގަ އެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ގައުމީ ފެންވަރުގައި އެރަށުގައި ފާހަގަކުރި މަސްވެރިންގެ ދުވަހާ ދިމާކޮށް ހެދި އެރަށުގެ ރަމްޒީ ބިނާ އެވެ. އެތައް ބަޔަކަށް ކަމުދިޔަ ހިތްގައިމު އެ މޮނިއުމަންޓް ޑިޒަންކުރީ އެރަށުގެ އެންމެ 25 އަހަރުގެ ހަސަން އިނާނެވެ. އޭނާގެ މި ހުނަރުވެރި މަސައްކަތާއެކު އެފަންނުގައި އޭނާ އެހުރީ އެރަށުން އެންމެ ކުރީގަ އެވެ. އެއީ މުޅި ރާއްޖެއަށް ބެލިޔަސް ފާހަގަކޮށްލެވޭވަރުގެ މަސައްކަތެކެވެ.
ހުނަރުވެރި ކުރެހުންތެރިޔާ، އިނާންގެ މި މަސައްކަތާއެކު އޭނާ ވަނީ މުޅިން އާ ހަރުފަތަކަށް ގޮސްފަ އެވެ. ކުރެހުމާއި ޑިޒަންކުރުމުގައި އޭނާއާ އެއް ހަމައެއްގައި އޭނާއާ ފައި ހަމަކުރެވޭނެ މީހަކު އެރަށުގައި މިހާރު ނެތްކަން އެ މޮނިއުމަންޓާއެކު ސާބިތުވެ އެވެ.
ގާފަރުގެ ރަމްޒީ ބިނާއެއް ޑިޒަންކޮށްދޭން ފަރާތެއް ހޯދަން ކައުންސިލް އިދާރާއިން ކުރި އިއުލާނަށް އުމުރުން 25 އަހަރުގެ އިނާން ކުރިމަތިލީ އެ ޕްރޮޖެކްޓް ލިބިއްޖެ ނަމަ އެކަން ފުރިހަމައަށް ކުރެވިދާނެކަމުގެ ޔަގީންކަމާއެކުއެވެ. އިނާން ބުނި ގޮތުގައި އެ ބިނާ އޭނާ ކުރެހީ އެންމެ ތިން ދުވަހުންނެވެ. ނަމަވެސް ތްރީޑީކޮން ފަރުމާކުރުމަށް އެއްކޮން މަސައްކަތް ނިންމަން ހަތް ދުވަސް ނެގި އެވެ.
ތަފާތު ހިޔާލުތަކާއި ފާޑުކިޔުންތަކާއެކު ވެސް އޭނާ ޑިޒަންކުރި އެ ބިނާއިން ބުނެދެނީ އެންމެ ވާހަކައެއް ނޫނެވެ. މުޅި ރަށް ރަމްޒުކޮށްދޭ އެ ބިނާ ކުރަހާ ޑިޒަންކުރުމަކީ ފަސޭހަ ކަމަކަށްވެސް ނުވާނެ އެވެ. ރަށަށް އަރާ ކޮންމެ މީހެއްގެ ލޮލުގައި އަޅައިގަންނަ ގޮތައް ހުންނަ އެ ބިނާ ކުރެހީ އެ ހުރިހާ ވިސްނުމަކާވެސް އެއްކޮށެވެ.
އިނާންގައިން ފެންނަން ހުރީ އެންމެ ހުނަރެއް ނޫނެވެ. 2015 ވަނަ އަހަރުން ފެށިގެން ކުރެހުމުގެ ހުނަރުއެކި ގޮތްގޮތައް އޭނާ ގެންދިޔައީ ބޭނުން ކުރަމުންނެވެ. އިންޓީރިއާ ޑިޒަންގައިވެސް ހުނަރުވެރި ރީތި މަސައްކަތަކެއް އިނާކޮށްފައި އެބަ ހުއްޓެވެ. ފާއިތުވި މުއްދަތުގެ ތެރޭގައި އެ އިންޓީރިއާ މަސައްކަތުގައި އޭނާ ކޮށްފައިވާ އެ މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫނެވެ. އޭގެ ތެރޭގައި ވޯޓާވިލާ އާއި ބައެއް އަމިއްލަ މީހުންގެ ގެތަކާއި ރެސްޓޯރެންޓް ފަދަ ތަންތަން ޑިޒަންކޮށްދީފައި ހުރި ތަންތަނުން އޭނާގެ އެ ހުނަރު މީގެ ކުރިން ވަކި ވަކިން މީހުނަށް ވަނީ ފެނިފަ އެވެ.
ނަމަވެސް ގާފަރު މޮނިއުމަންޓް ޑިޒަންކުރުމުގެ މަސައްކަތަކީ މި ރޮނގުން އިނާން މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތް ގޮތުގައި އޭނާ ފާހަގަކުރެ އެވެ.
"މީގެ ކުރިން ޓީމްތަކާއެކު ވެސް ވަކިންވެސް ޑިޒަންކުރުމާއި ކުރެހުމުގެ ބައެއް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވާނެ. އެކަމު އެކަނި މިވަރުގެ ޕްރޮޖެކްޓެއް ކުރިއަށް މިގެންދިޔައީ އަލަށް. މި މަސައްކަތާއެކު މުޅިން އާ ހަރުފަތަކަށް މިދިޔައީ،" އިނާން ބުންޏެވެ.
މަހެއްގެ ނިގޫ ފެންނަ ގޮތަކަށް ފަރުމާކޮށްފައިވާ އެ ބިނާ އެއް ފަޅިން ބަލާލާއިރު ސިފަވަނީ ގުޅާލާފައިވާ ދެ އަތްތިލައެވެ. އެއިން މާނަކޮށްދެނީ ރަށުގެ އެއްބަތް ވަންތަކެވެ. މުޅި މޮނިއުމަންޓްގެ މައިގަނޑު ސިފަކޮށްދިނުމަށް މަހެއްގެ ނިގޫ ބޭނުންކޮށްފައިވަނީ މަސްވެރިރަށެއްގެކަން ދައްކާދިނުމަށެވެ. އިނާންގެ މި ފަންނުވެރި މަސައްކަތް އެރަށަށް އަރާ ބީރެއްޓެހިންނާއި ރަށުގެ ކޮންމެ މީހަކުވެސް ބަލައިގަނެވެ. އެ މަސައްކަތައް ތައުރީފު ނުކުރާ މީހަކު ނެތެވެ.
" މަސްވެރިކަމުގެ ދާއިރާގައި ޒަމާނުންސުރެ ގާފަރު މަސްވެރިން ހޯދަމުން ގޮސްފައިވާ ފަހުރުވެރި ކާމިޔާބާއި ކުރިއެރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އަޅާލާ އިޖްތިމާއީ ގޮތުން ބަދަހި މުޖްތަމައުއެއް ގާފަރު މޮނިއުމަންޓުން ރަމްޒްކޮށްދޭ. އަދި މި މޮނިއުމަންޓަކީ ޒަމާނީ އެބްސްޓްރެކްޓް އާރޓްގެ ގޮތުން މާނަފުން އަދި ބަލާލަން ވެސް ވަރަށް ހިތްގައިމު ގޮތަކަށް ބިނާކޮށްފައިވާ ފަރުމާއެއްކަން ފާހަގަކުރެވޭ،" ގާފަރަށް ނިސްބަތްވެވަޑައިގަންނަވާ ޑރ.އަހްމަދު ޝާހިދު އިނާންގެ މަސައްކަތާ ގުޅޭ ގޮތުން ވިދާޅުވި އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރަސްމީކޮށް ހުޅުވާ ދެއްވި އެ ބިނާ ވަނީ މުޅި ރާއްޖެއަށް މަޝްހޫރުވެފަ އެވެ. ރަށަށް އަރާ ކޮންމެ މީހަކުވެސް ފުރަތަމަ ވެސް ފޮޓޯނަގަނީ އެތަނުގަ އެވެ.
ގާފަރުގެ މުޅި މޫނުމަތި ބަދަލުކޮށްލާނެ ޕްރޮޖެކްޓްގެ ކުރެހުން ވެސް އިނާނަށް
ގާފަރުގެ މޮނިއުމަންޓް ޑިޒަންކުރުމަކީ އޭނާއަށް ލިބިފައިވާ ބޮޑު ޕްރޮޖެކްޓެއްގެ އެއްބަޔެވެ. އޭގެ އިތުރުން އެރަށުގެ ރަސްމީ ފާލަމާއި ރަށުގެ ބަނދަރުމަތީ ތަރައްގީކުރާ ޕާކެއް ޑިޒަންކުރުމުގެ މަސައްކަތްވެސް ވަނީ އޭނާއާ ހަވާލުކޮށްފަ އެވެ. އެ ދެ މަސައްކަތްވެސްވަނީ މުޅި ގާފަރުގެ މޫނުމަތި ބަދަލުކޮށްލާނެ ދެ ޕްރޮޖެކްޓަށެވެ.
"އެ ދެ މަސައްކަތުގެ ކުރެހުންވެސް މިހާރު ވާނީ ނިންމާފައި ކައުންސިލާ ހަވާލު ކޮށްފައި،"
ފަންނުވެރި ޒުވާނާ، އިނާން މިހާރު ރަށުގައި ކުރަމުންދާ މަސައްކަތަކީ އޭނާގެ ކުރެހުންތައް ހިމަނައިގެން ގެސްޓް ޝޮޕެއް ހިންގުމެވެ. ތަފާތު އެއްޗެހީގައި ކުރަހައިގެން ފިހާރައިގެން ބަހައްޓައިގެން އޭނާ ކުރަމުންދާ އެ މަސައްކަތަކީވެސް އެފަދަ ދެ ވަނަ އެއްނެތް މަސައްކަތެކޭ ބުނެވިދާނެ އެވެ.
މަސްވެރިކަމަށް ރަށުގެ ގިނަ ބަޔަކު ބަރޯސާވެފައިވާ އަދި މިހާރު ލޯކަލް ޓޫރިޒަމަށް ވަންނަމުންދާ ގާފަރުގައި އިނާން ފަދަ ޒުވާނުން މުހިންމެވެ. ގެސްޓުނަށް ވިއްކާ ސޮވެނިޔާ ސާމާނަކީ މުޅިންވެސް އޭނާގެ ފަންނުވެރިކަން ދައްކަދޭ މަސައްކަތެވެ.
"އަމިއްލަ އަށް އެއްޗެހީގައި ކުރައިގެން މި ވިއްކަކީ. ދެން ފުޅިއެއްޗެހިވެސް ރީތި ގޮތަކަށް ޑިޒަން ވިއްކަނީ. ކާމިޔާބު މަސައްކަތެއް މީ. މިހާރު މައިގަނޑުމި ކުރަނީ މި މަސައްކަތް." އިނާން ބުންޏެވެ.
ޓީޝާޓާއި ލަޑުޑިކޮޅުތަކުގައި ކުރަހާފައިވާ އެ ކުރެހުންތަކަކީ އޭނާގެ އެ ހުނަރާމެދު އިތުރަށް ވާހަކަ ނުދެއްކާ ފުރިހަމަ ތަކެއްޗެވެ.
އިނާންވެގެން ގޮސްފައިވަނީ ރަށުގައި އެފަންނުގައި އެންމެ ކުރީގައި ހުރި ޒުވާނާ އަށެވެ. އޭނާގެ އިތުރު މަސައްކަތްތައް އަދި އޮތީ ކުރިއަށެވެ.