ސިނަމާލެ ބްރިޖާއެކު މީހުން ވަޅުލުމުގެ ކަންކަމަށް ވެސް ފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޗެނަލް-13 އަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ މާލޭގެ ސަހަރާތައް ފުރިބާރުވެ، މަތިމައްޗަށް ވެލި އަޅައިގެން މީހުން ވަޅުލުމަށް ބޭނުން ކުރަމުންދާއިރު އެތަނުގެ ފާރުތައް ވީރާނާވެގެން ގޮސްފިނަމަ މިނިކަށިތައް މަގުމައްޗަށް ފައިބައިގެންދާ ހިސާބަށް ކަންކަން ގޮސްދާނެ ކަމަށެވެ. އަދި އެއީ އިންސާނީ ކަރާމާތަށް އިހުތިރާމް ނުކުރެވުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"މާލޭގައި އާ ސަހަރާ އެ އޮތީ ފުރި ބާރުވެފައި. ހަމަ ބްރިޖުގެ ފައިދާ އެ ލިބެނީ. އަޅުގަނޑުމެން ހުޅުމާލޭގައި ސަހަރާ ގާއިމުކުރީ. އަޅުގަނޑު ބޭނުންވީ ކުރިއަށް އޮތް 30 އަހަރުވަންދެން ވެސް މާލޭގެ ރައްޔިތުން މަރުވެއްޖެނަމަ ވަޅުލެވޭ ވަރުގެ ޖާގަ ހަދަން. ބްރިޖު އޮތީމަ ސަންދޯއް ހިފައިގެން މިސާލަކަށް ދަރުމަވަންތަ ހޮސްޕިޓަލުން ނިކުމެގެން ހެންވޭރުގައި ހުންނަ ގެއަކަށް އައުމެކޭ މާލޭ ހުރަސްކޮށްފައި ހުޅުމާލެއަށް ވަޅުލަން ދިޔުމެކޭ ތަފާތެއް ނެތް. އެ ފަސޭހަކަން އެބައޮތް، ބްރިޖުގެ ފަސޭހަކަން އިނގޭތޯ" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން މާލޭގައި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގިއިރު ވެސް އަލިފާން ނިއްވާ ހުރިހާ ސާމާނެއް ގެނައީ އެއާޕޯޓުން ކަމަށާއި އެތަކެތި ހިފައިގެން ބްރިޖު ހުރަސްކޮށް މާލެ އަންނަން ނެގީ އެންމެ ހަތް މިނެޓް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިއީ ސަރުކާރުން ބްރިޖު އަޅައިގެން ވެސް ހިތްހަމަނުޖެހިގެން ވެސް ޖަވާބުދޭން ޖެހޭ ބައެއް ސުވާލުތަކަކީ. ހުރިހާ ކަމެއް މިކުރަނީ ރައްޔިތުންގެ ފައިދާއަށޭ. ބްރިޖުން ލިބެނީ ހަމައެކަނި ދަތުރުފަތުރުކުރާ މީހުންނަށް ލިބޭ ފައިދާއެއް ނޫނޭ. ކީއްވެގެންތޯ ނުވިސްނިގެން މި އުޅެނީ އަޅުގަނޑުމެންނަށް؟" ޔާމީން ވިދާޅުވި އެވެ.