ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ދަތުގެ ފަރުވާ ދެމުން އަންނަ އަދި ރާއްޖޭގެ ފުރަތަމަ ދަތުގެ ޑޮކްޓަރު ޑރ. އިބްރާހީދީދީ (ޑރ. ޑީޑީ) ގެ ކުލިނިކެއް ހުޅުމީދޫގައި ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
"ޑޮކްޓަރު ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރު" ގެ ނަމުގައި މި ކުލިނިކް މިއަދު ހަވީރު ހުޅުއްވައި ދެއްވީ އައްޑޫގެ ކުރީގެ އަތޮޅުވެރިއެއް ކަމަށްވާ މޫސާ ލުތުފީ (ސަންދާން ލުތުފީގެ ބައްޕަ) އެވެ.
މި ކްލިނިކް ހިންގަނީ ބޭންކް އޮފް ލޯލްޑިވްސް (ބީއެމްއެލް) ހުޅުމީދޫ ބްރާންޗް ކުރިން ހިންގި އިމާރާތުގަ އެވެ.
ޑރ. ޑީޑީ ވިދާޅުވީ އޭނާގެ އުފަން ރަށުގައި ކުލިނިކެއް ހުޅުވުމުގެ މައިގަނޑު އަމާޒަކީ އައްޑޫގެ އިތުރުން އައްޑޫގެ ކައިރީގައިވާ އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހައިން އަވަސް ހިދުމަތެއް އަތްފޯރާ އަގެއްގައި ދޭން ކަމަށެވެ.
އެގޮތުން އަލަށް ހުޅުވުނު ކުލިނިކުން ހުރިހާ ރައްޔިތުންނަށް އެއްވެސް ތަފާތު ކުރުމެެއް ނެތި، ހަމަހަމަކަމާ އެކު ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދޭނެ ކަމަށް ވިދާޅުވި އެވެ.
އަދި އެތަނުން އާސަންދައިގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހެން ދެން، 50 ޕަސެންޓް ޑިސްކައުންޓާ އެކު ރައްޔިތުންނަށް ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ވެސް ޑރ. ޑީޑީ ވަނީ ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އާސަންދަ ހަމަޖައްސައި ދިނުމަށް ހެލްތު މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި އެކަން ވީހާ ވެސް އަވަކަށް ހަަމަޖައްސައި ދެއްވަން އެދިވަޑައިގެންނެވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ ހުޅުމީދޫގައި ހުޅުވި ކުލިނިކަށް ހަފުތާ އަކު އެއް ފަހަރު ސީދާ އޭނާ ވަޑައިގެން، ދަތުގެ ފަރުވާ ދެއްވާނެ ކަމަށެވެ. އަދި މަހަކު އެއް ފަހަރު އާންމު ބަލިތަކަށް ވެސް ޑޮކްޓަރަކު ގެނެސްގެން ފަރުވާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދަކީ އޭނާގެ ޕްރޮފެޝަނަލް ހަޔާތުގައި ލިބުނު ދެވަނަ އުފާ ކަމަށެވެ. އެއީ އަމިއްލަ ރަށުގައި ކުލިނިކެއް ހުޅުވައި ހިދުމަތް ދެވެން ފެށުމެވެ.
އަދި ފުރަތަމަ ކަމަކީ ރާއްޖޭގެ ފުރަތަމަ ދަތުގެ ޑޮކްޓަރަށްވުމުގެ ޝަރަފް ކަމަށް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިކަން މިއަދު މި ހާސިލްވީ އަންހެނުންގެ އެހީތެރިކަމާއި އެއްބާރުލުމުގެ އިތުރަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކަމަށެވެ.
އެހެންވެ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި ބޭނުން ވަނީ ދަތުގެ ފަރުވާގެ ދާއިރާ އިން އައްޑުއަކީ، އައްޑޫ ރައްޔިތުން ވެސް ފަހުރުވެރިވާ ފަދަ ތަނަކަށް ހެދުން ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.