ސ. ހިތަދޫގައި ކުރިން "ފިޓް އެރޯ" ރެސްޓޯރެންޓް ހިންގި އިމާރާތް ހުންނަ ގޯޅިގަނޑުތެރެ އަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށް، އެ ސަރަހައްދުން ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހި އާއްމުންގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް އައްޑޫ ސިޓީ ކައުންސިލުން އެތަން ސާފުކޮށްފި އެވެ.
ހިތަދޫގައި ކުރިން އަޑުގެ މީޑިއާ ސެންޓަރު ހިންގި އިމާރާތާއި “ފިޓް އެރޯ” ގެ ގޯޅިގަނޑުގެ ތެރޭގައި ފިޓް އެރޯގެ ބަދިގެ އާ ދިމާލުން މަގު މައްޗަށް ވަރަށް ގިނަ އަދަދަކަށް ޕްލާސްޓިކް ފުޅި އާއި ކޮތަޅާއި ކަރުދާސް ފަދަ ބާވަތްތައް އަޅާފައިވަނިކޮށް އެތަން މިއަދު ސާފު ކުރީ ކައުންސިލްގެ މުނިސިޕަލް ސާވިސްގެ މުވައްޒަފުންނެވެ.
ހިތަދޫ އަވަށު ބޯޑުގެ ރައީސް ޝިނާޒް އިބްރާހިމް މޫސާ ވިދާޅުވީ އެ ސަރަހައްދަށް އަޅާފައިވާ ކުނި މިހާރު ނަގާ ސާފުކޮށްފައި ވާނެ ކަމަށެވެ.
އެ ސަރަހައްދުން އާއްމުކޮށް ދަތުރުކުރާ މީހަކު ނަން ނުޖެހުމަށް ޝަރުޠުކޮށް ބުނީ ކައުންސިލުން މިކަމަށް ވަރަށް އަވަސް ފިޔަވަޅެއް އެޅިތީ އެކަމާއި އުފާކޮށް ޝުކުރު ކުރާ ކަމަށެވެ.
"ވަރަށް އުފާވި މިއަދު އެ ކުނިތައް ނަގަން ތިއްބާ ފެނުނީމަ. ހަޤީގަތުގައި ވެސް އެ ސަރަހައްދުން ކުރިން ދަތުރު ކުރެވޭ ވަރެއް ނުވޭ." އޭނާ ބުންޏެވެ.