ވިހެއުމަށް ފަހު ރީތި، މޮޅު ބަތަލާ އައިޝްވާރިއާ ރާއީ ބައްޗަން (އޭޝް) އެނބުރި ބޮޑު ސްކްރީނަށް އަންނާނެ ދުވަހަކަށް އޭނާގެ ފޭނުން އިންތިޒާރު ކުރަމުން އަންނަތާ މިއީ ތިންނ ވަނަ އަހަރެވެ.
ފުރަތަމަ ދަރިފުޅު އަރާދިއާ 2011 ގައި ވިހެއުމަށް ފަހު، މިހާތަނަށް އޭޝް އެއްވެސް ފިލްމަކަށް ސޮއިކޮށްފައެއް ނުވެ އެވެ. އެކަމަކު އޭނާގެ އެނބުރި އައުމާ ބެހޭ ގޮތުން އެކި ފަހަރު އެކި ގޮތަށް ވާހަކަ ދެކެވެމުން ގޮސްފައިވެ އެވެ.
ބައެއް ފަހަރު އޭޝް ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން އެނބުރި އަންނަ ވާހަކަ ފެތުރޭ އިރު، އެޑް ފިލްމޭކަރު ޕްރަހާދު ކައްކަރުގެ "ހެޕީ އެނިވާސަރީ" ކިޔާ ފިލްމަކަށް އޭޝް އާއި ފިރިމީހާ އަބިޝެކް ބައްޗަން ސޮއިކޮށްފައިވާ ކަމަށް ވާހަކަ ދެކެވެ އެވެ.
ހަމަ އެ ގޮތަށް މި ފަހަރު ވެސް މި އޮތީ އެކަހަލަ ވާހަކަ އެވެ. މިހާރު އަޑު އިވެނީ މީގެ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމަކުން އޭޝް އެނބުރި އަންނަން އުޅޭ ވާހަކަ އެވެ. އަދި އެ ފިލްމަށް އޭނާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އޭޝް ބޮލީވުޑަށް ތައާރަފްވީ ވެސް މަނީގެ ފިލްމަކުންނެވެ. އެއީ "އިރުވަރު" އެވެ. އޭގެ ފަހުން މަނީ ޑައިރެކްޓް ކުރި "ގްރޫ" އާއި "ރާވަން" ގައި ވެސް އޭޝް ވަނީ ބަތަލާގެ ރޯލް ކުޅެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަނީ އޭޝް ލައިގެން އަލަށް މަސައްކަތް ފަށާ ފިލްމުގެ ވާހަކަ ބިނާވަނީ އަންހެން ކެރެކްޓާއެއްގެ މައްޗަށެެވެ. އަދި އެއީ ވަރުގަދަ ރޯލެއް ކަމަށްވެ އެވެ.
އެހެން ނަމަވެސް މި ފިލްމާ ބެހޭ ގޮތުން މިހާތަނަށް މަނީ ވެސް އަދި އޭޝް ވެސް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.
އެހެންވެ މިއީ އަދި ކިހާވަރެެއްގެ ހަގީގަތެއް އޮތް ވާހަކައެއް ކަމެއް ނޭނގެ އެވެ.
އެކަމަކު ފާހަގަ ކުރެވޭ ކަމަކީ ވިހެއުމަށް ފަހު ވަރަށް ބޮަޑަށް ފަލަވި، އޭޝް މިހާރު ވަރަށް ބޮަޑަށް ފިޓްވަމުން އަންނަ ކަމެވެ. އަދި މިއީ އޭނާ އެނބުރި ސްކްރީނަށް އައުމުގެ ތައްޔާރީތައް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ވިހެއުމަށް ފަހު ފިލްމަކުން ނުފެނުނު ކަމަށް ވިޔަސް، އޭޝްގެ ތަފާތު ބްރޭންޑްތަކުގެ އިޝްތިހާރުތައް އިންޑިއާގެ ޗެނަލްތަކުން ދައްކަ އެވެ.
އޭގެ ތެެރޭގައި ފިރިމީހާ އެކު އިޝްތިހާރު ކުރާ "ޕްރެސްޓީޖް" ބްރޭންޑްގެ ބަދިގޭ ސާމާނާއި އިންޓަނެޝަނަލް ބްރޭންޑެއް ކަމަށްވާ "ލޯރިއާލް" ގެ އުފެއްދުންތައް ހިމެނެ އެވެ.
އޭޝްގެ އެންމެ ފަހު ފިލްމަކީ ބަންސާލީ 2010 ޑައިރެކްޓްކޮށް، ރިތިކް ރޯޝަން އާ އެކު ލީޑް ރޯލް ކުޅުނު "ގުޒާރިޝް" އެވެ.