މާލޭން ލިބެން ހުރި ހިދުމަތްތަކަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތްތައް ރަށުން ލިބޭނެ ގޮތް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވައި، އެކިއެކި ސަބަބުތަކާ ހެދި ސ. ހުޅުމީދޫން މާލެ އަށް ހިޖުރަކޮށްފައިވާ މީހުން ރަށަށް ގެނައުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޑރ. އިބްރާހީމްދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.
އޭނާގެ އުފަން ރަށް ހުޅުދޫގައި އިއްޔެ ޑރ. ޑީޑީގެ ކުލިނިކެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ ހުޅުދުއަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް މީހުން ރަށުން ހިޖުރަކޮށްފައިވާ ރަށް ކަމަށެވެ.
ޑރ. ޑީޑީ ވިދާޅުވީ އާބާދީގެ ނިސްބަތުން ބަލާ އިރު ހުޅުމީދުއަކީ އެންމެ ގިނަ ޑޮކްޓަރުންނާއި އެންމެ ތައުލީމީ މީހުންނާއި އެންމެ މުއްސަނދި މީހުންނާއި އެންމެ ސިޔާސީ މީހުން ވެސް ގިނަ ރަށް ކަމަށެވެ.
އޭނާ ވިދާޅުވީ މިކަންތައްތައް މިހެން ހުރި ނަމަވެސް މުޅި އައްޑު އަށް ބަލާ އިރު ހުޅުމީދުއަކީ އެންމެ ނިކަމެތިން ތިބި ރަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ރަށަކީ، އަދި އަޅުގަނޑު އުފަން ހުޅުދުއަކީ މި ރާއްޖެ އަށް ބަލާ އިރު ވެސް އާބާދީގެ ނިސްބަތުން ބަލާ އިރު އެންމެ ގިނަ މީހުން ހިޖުރަކޮށްފައި އޮތް. ގިނަ ފަޅުގެތައް ހުރި ރަށް. އެހެންވީމާ އަލުން އަނބުރާ އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުން މި ރަށަށް ގެނެސް، މި ރަށުން ލިބެން ހުރި ހިދުމަތްތަކަކީ މާލޭން ވެސް ނުލިބޭ ފެންވަރުގެ ހިދުމަތްތަކަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި ޑރ. ޑީޑީ ވިދާޅުވި އެވެ. "އަޅުގަނޑު އިރާދަކުރެއްވިއްޔާ އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ދަންނަވައިގެން ޓީމެެއްގެ ގޮތުގައި މަސައްކަތްކޮށްގެން ނަމަވެސް، އަޅުގަނޑުމެންގެ މި ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ސިއްހީ ހިދުމަތާއި އަދި އެހެނިހެން ހިދުމަތްތައް ވެސް ލިބޭނެ މަގުފަހިކޮށް ދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން."
ރިޔާސީ އިންތިހާބުގެ ތެރޭގައި ޖުމްހޫރީ ޕާޓީގައި ހަރަކާތްތެރިވެ ވަޑައިގެންނެވުމަށް ފަހު، ފަހުން އަނެއްކާ ވެސް އެމްޑީޕީ އާ ގުޅިވަޑައިގެންފައިވާ ޑރ. ޑީޑީ ވިދާޅުވީ ހުޅުމީދޫގައި މިހާރު ވެސް އެ ރަށަށް ނިސްބަތްވާ އަމިއްލަ ފަރާތަކުން ޕްރައިވެޓް ކޮލެޖް ވެސް ހިންގަވާ ކަމަށެވެ.
އަދި އެ ރަށަށް ނިސްބަތްވޭ ބޭފުޅުންގެ ތެެރޭގައި ރިސޯޓް ހިންގަވާ ބޭފުޅުންނާއި ތަފާތު އެހެން ގިނަ ދާއިރާތަކުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ރަށުގެ ނުވަތަ ރަށަށް ނިސްބަތްވާ ރައްޔިތުން ހަމައެކަނި މަސައްކަތްކޮށްލި ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރިމެއް، ވަރަށް ބޮޑު ތަރައްގީއެއް ލިބޭނެ،" ޑރ. ޑީޑީ ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލް ކުރެވޭ ގޮތުގައި އަބަދު ވިސްނަން ޖެހޭނީކީ ހަމައެކަނި ސަރުކާރުން ލިބިދާނެ ހިދުމަތަކަށް އެކަންޏެއް ނޫން. އަޅުގަނޑުމެންގެ ފަރުދީ ޒިންމާތަކެއް ވެސް އެބަހުރިކަން ދަނެގެން ލިބިފައިވާ ތައުލީމާއި އިލްމާއި ގާބިލްކަން ރައްޔިތުންނާ ހިއްސާ ކުރުމަކީ ދީނީ ގޮތުން ބަލާ އިރު ވެސް، ދުނިޔެވީ ގޮތުން ބަލާ އިރު ވެސް އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް ކަމުގައި ދެކިގެން މަސައްކަތް ކުރަން އެބަ ޖެހޭ. އެގޮތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމި ހުންނާނަން. އަޅުގަނޑަކީ ލިބޭ ކޮންމެ ފުރުސަތެއްގައި އަޅުގަނޑު ނިސްބަތްވާ އަތޮޅަށް އަދި ޖުމްލަ ގޮތެއްގައި ރާއްޖޭގެ ރައްޔިތުންނަށް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ހިދުމަތް ކުރެވޭތޯ އަބަދު ވެސް މަސައްކަތް ކުރާ މީހެއް."