ސ. ފޭދޫ ޕާކް ރެސްޓޯރެންޓަކާ އެެކު ތަރައްގީކޮށް ހިންގަން މާލޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޑައިން މޯ އަށް ދިން ނަމަވެސް އެތަަނަށް މިހާރު އެ ކުންފުނިން އިންވެސްޓް ކުރަން ބޭނުން ނުވާ ކަމަށް ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) ރޭ ވިދާޅުވެއްޖެ އެވެ.
އޭނާގެ ކެމްޕޭބް ލޯންޗް ކުރަން ރޭ ބޭއްވި ބައްދަލުވުމުގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް މިރާ ވިދާޅުވީ ޑައިން މޯ އާ ފޭދޫ ޕާކް ހަވާލު ކުރީ ބިޑަށް ވެސް ލައިގެން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އެ ފަރާތުން ކަމަށްވާތީ އެވެ.
މިތަން ބިޑަށްލީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
މިއީ މިތަން ތަރައްގީ ކުރަން ބަޔަކާ ހަވާލު ކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2008 ވަނަ އަހަރު ހަވާލުވި ފަރާތުން ޕާކްތެރޭގައި ކެފޭއެއް ހިންގަން ހަދަން ފެށި ހަޓްތައް ހުރީ ހިދުމަތް ދެވޭ ވަރަށް ހަދައި ނިންމައިފަ އެވެ.
އެކަމަކު މިހާރު އެތަނަށް އެ ކުންފުނިން އިންވެސްޓް ކުރަން ބޭނުން ނުވާ ކަމަށް މިރާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑައިން މޯ އާ އެތަން ހަވާލު ކުރުމުގައި މަގާމުގެ އެއްވެސް ނުފޫޒެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި ރަށު ތެރޭގައި ތަފާތު ގޮތަކަށް ވާހަކަތައް ދެކެވުނު ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިރާ ވިދާޅުވީ ފޭދޫ ޕާކް ތަރައްގީކޮށް ހިންގަން އަލަށް ހޮވުނު ކައުންސިލުން މަސައްކަތްތަކެއް ކުރާނެ ކަމަށް ގަބޫލް ކުރައްވާ ކަމަަށެވެ.
އެގޮތުން ފޭދޫ ދާއިރާގެ ކައުންސިލަރަކަށް އަލަށް ހޮވުނު އަބްދުﷲ އަސްވާން (އަތޯ) ގެ ދައުރުގައި ފޭދޫ ޕާކް، ބިޑަށް ލައިގެން އަލުން ބަޔަކާ ހަވާލުކޮށް ތަރައްގީ ކުރެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އަތޯ ވެސް ބައިވެރިވެވަޑައިގެންނެވި ކެމްޕޭން ބައްދަލުވުމުގައި މިރާ ވިދާޅުވި އެވެ.