Last Updated: November 23, 13:49
Saturday, November 23, 2024
ރިޕޯޓް

ލާމަރުކަޒީ ކުރުމާއި އަޅުވެތި ކުރުން (1)

މީދޫ ބަނދަރު: ސާކް ސަމިޓަށް 2011 ގައި މަރާމާތު ކުރި މި ބަނަދަރު މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި. ފޮޓޯ/ އައްޑޫ ލައިވް

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން އައްޑޫ ސިޓީ ކައުންސިލް އިންތިޚާބުވެ ކައުންސިލްގެ ގާނޫނީ ހުވާކޮށްފައި ވަނީ ފެބްރުއަރީ 26، 2011 ގަ އެވެ.

ހުވާ ކުރުމަށް ފަހު ގާނޫނުގައި ބުނާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ޒިންމާއާއި ހަވާލުވި އިރު، 2011 ވަނަ އަހަރު އޭރުގެ ރަށު އޮފީސްތަކާއި، އަތޮޅު އޮފީސް ހިންގުމަށް ލިބިފައިވާ 19،691،315.08ރ. އަކީ ހަމައެކަނި އޮފީސް ހިންގުމުގެ ރިކަރަންޓް ޚަރަދު ކަމަށްވުމާ އެކު، ލާމަރުކަޒީ ގާނޫނުގައި ބުނާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކައުންސިލަށް ކުރިމަތިލާން ޖެހުނެވެ.

މާލީ ދަތިކާ އެކު ކައުންސިލް ހިންގަމުން ދިޔައިރު، އިތުރަށް ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި، އިދާރީ ހަ ރަށެއްގެ ގޮތުގައި ހިންގަމުން ދިޔަ ހަ ރަށް އެއްކޮށް، އައްޑޫ އަކީ އެއްރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާ ގުޅިގެން، އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ ގިނަ މަސައްކަތްތައް ކުރަން ޖެހުނެވެ.

މި މަސައްކަތަކީ ސަރުކާރުގެ ތަފާތު ގިނަ ވުޒާރާތަކާއި، ސިވިލްސާވިސް ކޮމިޝަންއާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތެއްކަމުން، 2011 ވަނަ އަހަރު ނިމިގެން ދިޔަ އިރު ވެސް، ލާމަރުކަޒީ ގާނޫނުގައި ބުނާ ޚިދުމަތްތައް ރައްޔިތުންނަށް ފޯޜުކޮށްދިނުމަށްޓަކައި، ހަމަޖައްސަން ޖެހޭ ގިނަ ކަންކަން ވަނީ ނުކުރެވި އެވެ.

އެގޮތުން އެއްމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ކައުންސިލުން އެކުލަވާލީ އިދާރީ އޮނިގަނޑަށް ބޭނުންވާ މުވައްޒަފުން 2011 ވަނަ އަހަރު ނިމިގެން ދިޔަ އިރު ވެސް ވަނީ ނުލިބިފަ އެވެ.

މީގެ އިތުރުން ވެސް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުގެމަތީން ކައުންސިލްގެ އާމްދަނީ އިތުރު ކުރުމަށް ކުރަންޖެހުނު މުހިއްމު މަސައްކަތްތައް، ކުރުމަށް ގާނޫނީ ގިނަ ހުރަސްތަކެއް ދިމާވިއެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއި، އިޚްތިޔާރުތައް ބޭނުން ކުރުމުގައި، ލާމަރުކަޒީ ގާނޫނުގެ ކުރީން މަރުކަޒީ އުސޫލުން ރާއްޖެ ހިންގަމުށް ހަދާފައިވާ ގާނޫނުތަކަށް (2009/5 އެއްގަމު ދަތުރުފަތުރުގެ ޤާނޫނު، 78/69 ކަނޑުގައި ދުއްވާ އެއްޗެހިން ފީނެގުމުގެ ޤާނޫނު، 96/10 ދިވެހި ރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު، 78/60 އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ އަދި ކެންޓީނާ ބެހޭ ޤާނޫނު، 2002/1 ދިވެހި ރާއްޖޭގެ ބިމާބެހޭ ޤާނޫނު، 98/20 ދިވެހިރާއްޖޭގެ ފަޅު ރަށްރަށާއިބެހޭ ޤާނޫނު، 78/66 ދިވެހި ރާއްޖޭގެ ބަނދަރު ކުލި ނެގުމާ ބެހޭ ޤާނޫނާއި، މިނޫނަސް ގާނޫނުގެ ދަށުން ފީއާއި ކުލި ނެގުމަށް ހެދިފައިވާ ޤާނޫނުތައް) އަމަލު ކުރުމަށް ސަރުކާރުން ކައުންސިލްތަކަށް އަންގަމުން ގެންދިއުމުގެ ސަބަބުން، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ދީފައިވާ ބާރުތަކާއި، އިހްތިޔާރުތައް ބޭނުންކުރެވޭނެ ފުރުސަތެއް ނެތެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ، ލާމަރުކަޒީ ގާނޫނުގައި ކައުންސިލްއަށް ލާޒިމްކުރާ ގިނަ ކަންކަން ކުރެެވޭނެ އެއްވެސް ގޮތެއް ނެތި، ރައްޔިތުންގެ ނުރުހުމާއި، ޝަކުވާތަކާ ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހުމެވެ.

ކައުންސިލަށް ދިމާވި ގޮންޖެހުންތަކުގެ ތެރޭގައި 2010 ވަނަ އެކުލަވާލި އައްޑޫގެ ލޭންޑް ޔޫސް ޕްލޭން ސަރުކާރުން ފާސްކޮށް ދެއްވާފައި ނުވުމާއި، 2011 ވަނަ އަހަރު ކައުންސިލުން އެކުލަވަލީ ތަރައްޤީގެ ޕްލޭނަށް އެއްވެސް ވަރަކަށް ބަލާލުމެއް ނެތި ސަރުކާރަށް ފެނުނު ކަމެއް، އެ ފެނުނު ގޮތަކަށް ކުރަމުން ދިއުމުގެ ނަތީޖާއަކަށްވީ، އައްޑޫ ސިޓީ ކައުންސިލުން އެކުލަވާލި ތައްރައްޤީގެ ޕްލޭންތައް ތަންފީޒު ކުރެވޭނެ ފުރުސަތެ އްނެތި، ސަރުކާރުން ހިންގަމުން ގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް ޖަވާބުދާރި ވާން ޖެހުމެވެ.

ނަމަވެސް ސަރުކާރުން ހިންގަމުން ގެންދިޔަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ލާމަރުކަޒީ ގާނޫނުގެ 68 ވަނަ މާއްދާގައި ބުނެފައިވާ މަޝްވަރާތައް ކައުންސިލާއެކު ސަރުކާރުން ކޮށްފައި ނުވާތީ، އެ މަޝްރޫޢުތަކާއި ގުޅޭ ގޮތުން ރައްޔިތުން ކުރަމުން ގެންދިޔަ ޝަކުވާތަކާއި، ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތި، ރައްޔިތުންގެ ނަފްރަތާއި، ނުރުހުމުގެ ބަސްތައް ކައުންސިލަށް ކުރިމަތިވެގެން ދިޔަ އެވެ.

ނަތީޖާއެއްގެ ގޮތުން ސަރުކާރުން ހިންގި ތަރައްޤީގެ މަޝްރޫޢުތަކަށް، ރައްޔިތުންގެ ފަރާތުން ލިބެން ޖެހޭ ފުރިހަމަ އެއްބާރުލުން ނުލިބުމުގެ ސަބަބުން، ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގަން ޖެހޭ ޚަރަދަށް ވުރެ އިތުރަށް ޚަރަދު ކުރަން ޖެހި، މަސައްކަތުގެ ފެންވަރު ދަށްވެ، ރައްޔިތުން އެދޭ މިންވަރަށް ޕްރޮޖެކްޓްތައް (ހިތަދޫ ބޮޑުމަގު، ހުޅުމީދޫ ބޮޑު މަގާއި ހުރަސް ދެމަގު، ހިތަދޫ ބަނދަރު، ފޭދޫ ބަނދަރު، ހުޅުމީދޫ ބަނދަރު ފުރިހަމަވެފައި ނުވާކަން ފާހަގަ ކުރެވެ އެވެ. (ނުނިމޭ)


ނޯޓް: މިއީ އައްޑޫ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާ ކައުންސިލަރު ހަސަން ޝާހިދު ލިޔުއްވާފައިވާ އާޓިކަލެކެވެ.