Last Updated: November 23, 10:09
Saturday, November 23, 2024
ޚަބަރު ކޮވިޑު-19

މިއީ ކޮވިޑްގެ އެންމެ ބޮޑު ރާޅު، ސަމާލުވޭ: އެޗްޕީއޭ

ޑރ. އިބްރާހިމް އަފްޒަލް - ފޮޓޯ: އެންއީއޯސީ

މިދިޔަ އަހަރުގެ މޭ މަހު އައި ކޮވިޑް-19 ގެ ނުރައްކާތެރި ރާޅަށް ވުރެ މިފަހަރުގެ ކޮވިޑް ރާޅު ބޮޑުވުމުގެ ބިރު އެބައޮތް ކަމަށް އެޗްޕީއޭގެ އެޕިޑޮމިލަޖިސްޓު ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އަންނައިރު އިއްޔެ އެކަނި ވެސް ވަނީ 1594 މީހަކު ޕޮޒިޓިވް ވެފަ އެވެ.

ރޭ "ޕީއެސްއެމް" ގައި ވާހަކަދައްކަމުން ޑރ.އަފްޒަލް ވިދާޅުވީ މި ބަލީގައި މީގެކުރިން ތިން ރާޅަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މިހާރު މިދަނީ ހަތަރުވަނަ ރާޅަކާއި ދިމާލަށް ކަމަށެވެ. އަދި އަންދާޒާ ހިސާބުތަކުން ދައްކާ ގޮތުން މިފަހަރުގެ ކޮވިޑް ރާޅަކީ މިހާތަނަށް ކުރިމަތިލާންޖެހޭ އެންމެ ބޮޑު ރާޅަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް އަފްޒަލް ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ މޭ މަހު ފެނުނު ރާޅަށް ވުރެ ވެސް ބޮޑު ރާޅެއް ފެނިދާނެ ކަމުގެ ބިރު އެބައޮތޭ. މި ރާޅު އައިސްގެން އުޅޭ ސަބަބަކީ އޮމިކްރޯން ވޭރިއަންޓް ފެތުރިގެންދާތީވެ" އަފްޒަލް ވިދާޅުވި އެވެ.

މީގެކުރިން ރާއްޖޭގައި ގިނަވެފައި އޮތީ ޑެލްޓާ ވޭރިއަންޓް ކަމަށާއި ނަމަވެސް އޮމިކްރޯން ވޭރިއަންޓަކީ ވަރަށް ފަސޭހައިން ހަލުވި މިނެއްގައި ފެތުރޭ ވޭރިއަންޓެއް ކަމަށް އަފްޒަލް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ކޭސްތައް މައްޗަށް އަރައިގެންދާ ހަލުވި މިނަށް ބަލާއިރު ޝައްކު ކުރެވެނީ އޮމިކްރޯން ވޭރިއަންޓަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން މީގެކުރިން ކުރިމަތިލާން ޖެހުނު ރާޅުތަކާއި ހިލާފަށް މިފަހަރު ކޭސްތައް އިތުރުވާނީ ހަމައެކަނި މާލެ ސަރަހައްދުގައި ނޫން ކަމަށާއި އަތޮޅުތެރޭގައި ވެސް ކޭސްތަކުގެ ނިސްބަތް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އަފްޒަލް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު ވަނީ އޮރެންޖުން ރަތަށް ބަދަލުކޮށްފަ އެވެ.