އައްޑޫ ސިޓީ ކައުންސިލުން 2012 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލީ، ތަރައްޤީގެ ވަރަށް ފުރިހަމަ ތައްސައްވަރަކާ އެކު 2011 ވަނަ އަހަރު އެކުލަވާލި ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ފަށައިގަތުމުގެ އަހަރެއްގެ ގޮތުގައެވެ.
އެގޮތުން ލާމަރުކަޒީ ޤާނޫނުގެ 82 ވަނަ މާއްދާގައި ބުނެފައިވާ ގޮޮތުގެމަތީން ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ދެއްވާނެ ކަމަށް ވިދާޅުވި 69،289،329.00ރ. އާއި ލާމަރުކަޒީ ޤާނޫނުގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 24،926،207.00ރ. އާއެކު، ލާމަރުކަޒީ ގާނޫނުގެ 94 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އާމްދަނީގެ %5 ސެންޓް 1،246،310.00ރ. ރިޒާވަށް ކެނޑުމަށް ފަހު ޖުމްލަ 92،969،225.00 ރ. ގެ ބަޖެޓެއް ކައުންސިލުން އެކުލަވާލި އެވެ.
ކައުންސިލަށް ލިބޭނެ ކަމަށް ލަފާކުރި އާއްމަދަނީ އާއި ސަރުކާރުގެ ހިލޭ އެހީ ހިމަނައިގެން އެކުލަވާލި ބަޖެޓުން ރިކަރަންޓް ޚަރަދުގެ އިތުރުން ކޮންޓިންޖެންސީގެ ގޮތުގައި 7،862،203.00 ބެހެއްޓުމަށް ފަހު، ގާނޫނުން ލާޒިމްކުރާ ޚިދުމަތްތަކާއި، ތަރައްޤީގެ ޕްލޭންގައި ހިމަނާފައިވާ ކަންކަން ހާސިލް ކުރުމަށްޓަކައި ޖުމްލަ 15،817،694.00 ޚަރަދު ކުރުމަށް ޖެނުއަރީ 16، 2012 ވަނަ ދުވަހު ކައުންސިލްއިން ނިންމެވި އެވެ.
އެހެން ނަމަވެސް 2012 ވަނަ އަހަރު ކައުންސިލްގެ މަސައްކަތް ފަށައިގަތީ 2011 ވަނަ އަހަރު އެކުލަވާލި ކައުންސިލްގެ އާ އިދާރީ އޮނިގަނޑަށް ބޭނުންވާ ގާބިލް މުވައްޒަފުން ލިބި، ބަޖެޓްގައި ހިމެނި ތަރައްޤީގެ އެކްޓިވިޓީސްތައް ހިންގައި، ކައުންސިލްގެ އާމްދަނީ އިތުރު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގަ އެވެ.
ނަމަވެސް ކައުންސިލްގެ ބަޖެޓް ފާސްކުރިތާ މަހެއް ނުވަނީސް 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަގޮތުން، ކުރީގެ ސަރުކާރާ އެކު ކައުންސިލުން މަޝްވަރާކޮށް ރާވާފައިވާ ޕްރޮގްރާމްތައް ހިންގޭނެ ކަމުގެ ޔަޤީންކަން ކުޑަވެގެން ދިޔަ އެވެ.
އަދި ސަރުކާރުން ކައުންސިލަށް ދެއްވަން ކަނޑައެޅުވި ހިލޭ އެހީގެ ފައިސާ ލިބުން ދަތިވެ، 2012 ވަނަ އަހަރުގެ ޖޫން މަހު ހިލޭ އެހީގެ ފައިސާއިން %15 ކަނޑާލި އެވެ.
ލާމަރުކަޒީ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ސަރުކާރުން ކައުންސިލްތަކަށް ދޭންޖެހޭ ހިލޭ އެހީއަކީ، ސީދާ ކައުންސިލުން ކަނޑައަޅާ ކަންކަން ހިމަނައިގެން ފާސްކުރާ ބަޖެޓެއްގެ ތެރެއިން ޚަރަދު ކުރުމަށް ލިބޭ ފައިސާކަމަށްވީ ހިނދު، ކައުންސިލާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ހިލޭ އެހީގެ ފައިސާއިން 10،393،399.20ރ. ކަނޑާލުމާ ގުޅިގެން ބަޖެޓް ރިވައިޒްކުރަން ކައުންސިލަށް މަޖުބޫރުވި އެވެ.
އެގޮތުން ޖުލައި 10، 2012 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 20 ވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ފަހު، ކައުންސިލުން އެކުލަވާލާފައިވާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބުރޫ ނާރާނެ ގޮތަކަށް، ސަރުކާރުން އުނިކުރާ ފައިސާ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ ޚަރަދު ކޯޑުން އުނި ކުރުމަށް ނިންމެވި އެވެ.
އެގޮތަށް ކައުންސިލުން ނިންމެވީ، ޖުލައި މަސް ފެށުނުއިރުވެސް 2011 ވަނަ އަހަރު ކައުންސިލުން އެކުލަވާލި އިދާރީ އޮނިގަނޑަށް ބޭނުންވާ މުވައްޒަފުން ހޯދިފައި ނުވާތީ، މުސާރަ ކޯޑުން އަހަރު ނިމޭ އިރު ވެސް 20 މިލިޔަން ރުފިޔާ ބާކީވާނެތީ އެވެ.
ނަމަވެސް، ކައުންސިލްގެ މި ނިންމުމަށް ސަރުކާރުން އިޖާބަ ނުދެއްވައި، ކައުންސިލުން އަހަރު ދުވަހުގެ ތެރޭގައި ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތައް ހިންގުމަށް ދަތިވާނެ ގޮތައް ބަޖެޓުން ފައިސާ އުނި ކުރުމަށް ފަހު، ކައުންސިލުން އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތްވާ ހަކަ ފިނޭސް މިނިސްޓްރީން ކައުންސިލަށް އެންގެވި އެވެ.
ކައުންސިލްގެ ބަޖެޓުން 10 މިލިޔަން ފުރިޔާ އުނިކޮށް، ބާކީ ދައުލަތުން ކައުންސިލަށް ދޭން ޖެހޭ ފައިސާ ގަވާއިދުން ކައުންސިލަށް ޖަމާ ނުކޮށް ހިފަހައްޓަމުން ގެންދިއުމުގެ ސަބަބުން، ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓިދާނެތީ، ކައުންސިލްގެ އާމްދަނީން ރިކަރަންޓް ޚަރަދުތައް ބަލަހައްޓަން މަޖްބޫރުވި އެވެ.
ނަތީޖާއަކަށްވެގެން ދިޔައީ 2012 ވަނަ އަހަރު ކައުންސިލުން ހިންގުމަށް އެކުލަވާލި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ގިނަ ހުރަސްތަކެއް މެދުވެރިވެގެން ދިއުމެވެ. ނަމަވެސް ގިނަ ގޮންޖެހުންތަކާ އެކު، ކައުންސިލްގެ ކޭޝް ފްލޯ މެނޭޖް ކުރަމުން، ކައުންސިލްގެ މާލީ ތަންވަސްކަން ހުރި މިންވަރުން ލާމަރުކަޒީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިދުމަތްތައް އައްޑޫ ސިޓީގެ ރައްިޔިތުންނަށް ފޯރުކޮށް ދީފައި ވާނެ އެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރަށް، ކްލަބް ޖަމިއްޔާ ޖަމާއްތަކަށާއި، ޕްރީ ސްކޫލްތަކަށް އެހީތެރިންކަން ފޯރުކޮށް ދީފައި ވާނެ އެވެ.
އަހަރު ނިމިގެން ދިޔަ އިރު 2012 ވަނަ އަހަރަށް ކައުންސިލްއިން ފާސް ކުރި ބަޖެޓަށް ދައުލަތުން ދޭން ޖެހޭ ހިލޭ އެހީގެ ތެރެއިން 10 މިލިޔަން ރުފިޔާ އުނި ކުރުމަށް ފަހު ވެސް، ކައުންސިލަށް ލިބެންޖެހޭ 21 މިލިޔަން ރުފިޔާ ފިނޭސް މިނިސްޓްރީން ވަނީ ދޫނުކޮށް ހިފަހައްޓާފަ އެވެ.
ފައިސާ ހޯދުމަށްޓަކައި ނޮވެމްބަރު 17، 2012 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްފައި ވަނީ 7 މިލިޔަން ރުފިޔާގެ ތަފާތު އެކި މާޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދުމަށާއި، ބާކީ ފައިސާ ލާމަރުކަޒީ ޤާނޫނުގެ 104 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 2013 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށްޓަކައި، ކައުންސިލްގެ އާމްދަނީ އެކައުންޓަށް ޖަމާ ކުރުމަށް ފިނޭސް މިނިސްޓްރީ އަށް ހުށަހެޅުމަށެވެ.
ނަމަވެސް މިއަދާއި ހަމަޔަށް ސަރުކާރުން އެފައިސާ ކައުންސިލާއި ހަވާލުކޮށްފައި ނުވާ އިރު، ލާމަރުކަޒީ ޤާނޫނުގެ 78 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބޭ އާމްދަނީ މީރާ އަށް ޖަމާ ކުރުމަށް ފިނޭންސްގެ ސާކިއުލާރ 2012/8 އިން ކައުންސިލަށް ވަނީ އަންގަވާފަ އެވެ.
މި ސާކިއުލާ އާ އެއްގޮތައް ކައުންސިލްގެ އާމްދަނީ މީރާ އަށް ޖަމާކޮށްފި ނަމަ، ލާމަރުކަޒީ ޤާނޫނުގެ 96 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ކައުންސިލުން ފާސްކުރަން ޖެހޭ ބަޖެޓެއް ނޯންނާނެ އެވެ. އަދި އެއްވެސް ޚަރަދެއް އެކުލެވޭ ނިންމުމެއް ކައުންސިލަކަށް ނުނިންމޭނެ އެވެ.
މީގެ އިތުރުން ވެސް ކައުންސިލްގެ އާމްދަނީ އިތުރު ކުރުމަށް ކުރި މަސައްކަތްތަކަށް ސަރުކާރުގެ އެކި މިނިސްޓްރީތަކުން ހުރަސް އަޅުއްވައި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ހުއްޓުވަމުން ގެންގޮސްފައިވެ އެވެ.
އެހެންކަމުން، 2012 ވަނަ އަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ ތެރެއިން އަހަރު ނިމުނު އިރު 3 މިލިޔަން ރުފިޔާ ވަނީ ނުލިބި އެވެ. (ނުނިމޭ)
ނޯޓް: މިއީ އައްޑޫ ޑެޕިއުޓީ މޭޔަރު އަދި ހުޅުމީދޫ ދާއިރާ ކައުންސިލަރު ހަސަން ޝާހިދު ލިޔުއްވާފައިވާ އާޓިކަލެކެވެ.