ޝޫޓިން ނުފެށި ލަސްވަމުންދާ ފިލްމް "ޝުއްދީ" ކުޅޭނީ އެ ވަގުތަކާ ހަމައަށްދާ އިރު އޭނާގެ މޫޑް ހުންނަ ގޮތަކުން ކަމަށް ކަރީނާ ކަޕޫރް ހާން ބުނެފި އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ކަރަން މަލްއުތުރާ ޑައިރެކްޓް ކުރާ މި ފިލްމުގެ ބަތަލަކީ ރިތިކް ރޯޝަން އެވެ. އެހެން ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ފިލްމުގެ މަސައްކަތް ނުފެށި ދަނީ ދިގުލަމުންނެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިތިކް ހިމަނައިގެން "އަގުނީޕަތު" ވެސް ޑައިރެކްޓް ކުރި ކަރަންގެ "ޝުއްދީ" ގެ ޝޫޓިން ނުފެށިގެން އުޅެނީ ރިތިކް އާ ހެދި އެވެ.
އޭނާ ބޮލުގެ ސާޖަރީއެއް ހެދުމާއި އިތުރު އެހެން ވެސް ސަބަބުތަކާ ހެދި ކެޓްރީނާ ކެއިފާ އެކު ކުޅޭ "ބޭންގް ބޭންގް" ގެ މަސައްކަތް ވެސް ވަނީ ވަރަށް ބޮޑަށް ލަސްވެގެން ގޮސްފަ އެވެ.
"ޝުއްދީ" ލަސްވާ ސަބަބާ ބެހޭ ގޮތުން ނޫސްވެރިން ސުވާލް ކުރުމުން ކަރީނާ ބުނީ އޭނާ އަށް އޭގެ އެއްވެސް ސަބަބެއް ނޭނގޭ ކަމަށެވެ.
އަދި ކަރަން ޖޯހަރް އާ ވެސް ބައްދަލު ނުވާތާ ދުވަސްތަކެއްވެއްޖެ ކަމަށާއި ރިތިކްގެ ތާރީހު "ޝުއްދީ" އަށް ހަމަޖެހިފައިވާ ކަމާ ދޭތެރޭ ވެސް ކަރީނާ ވަނީ ސުވާލް އުފައްދައިފަ އެވެ.
"އެހެންވެ އެ ފިލްމް އަހަރެން ކުޅޭނީތޯ ނުވަތަ ނޫންތޯ ނިންމާނީ އެ ދަނޑިވަޅެއްގައި އަހަރެންގެ މޫޑް ހުރި ގޮތެއްގެ މައްޗަށް ބިނާކޮށް. މިހާރު މި ފިލްމުގެ މަސައްކަތް ނުފެށި ލަސްވަމުންދާތާ އަހަރެއްހާ ދުވަސްވެއްޖެ،" ރިތިކް އާ އާ އެކު މީގެ ކުރިން ވެސް ފިލްމްތަކެއް ކުޅެފައިވާ ކަރީނާ ބުންޏެވެ. "އެކަމަކު މި ފިލްމުގެ މަސައްކަތް ނުފެށިގެން އުޅެނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އަހަންނަކަށް ނޭނގޭ."
"ޝުއްދީއަކީ 2003 ވަނަ އަހަރު ރިލީޒް ކުރި "މޭ ޕްރޭމް ކީ ދީވާނީ ހޫ" އަށް ފަހު ކަރީނާ އާއި ރިތިކް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.
މި ފިލްމަކީ މަޝްހޫރު ވާހަކަ ލިއުންތެރިޔާ އަމިޝް ތްރިޕަތީގެ ޓްރިލޮޖީ "އިމޯޓަލްސް އޮފް މެލުހާ" ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.