ސ. ހިތަދޫ ޝަރަފުއްދީން ސްކޫލްގައި މި އަހަރު ހާއްސަ އެހީ އަށް ބޭނުންވާ 30 ކުއްޖަކު ކިޔަވަމުން އަންނަ ކަމަށް އެ ސްކޫލުން ބުނެފި އެވެ.
ޕްރިންސިޕަލް އަހުމަދު މިހާދު ވިދާޅުވީ ޝަރަފުއްދީނުގައި ހިންގާ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ކުލާހުގައި ޖުމްލަ 30 ކުއްޖަކު ތިބި އިރު، އޭގެ ތެރެއިން 19 ކުއްޖަކު ނޯމަލް ކުލާސްތަކުގައި ކިޔަވާ ކަމަށެވެ.
އަދި އަނެއް 11 ކުދިން ކިޔަވަނީ އެ ކުދިންނަށް ހާއްސަ ކުލާހެއްގައި ކަމަށް މިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ކުލާސްތައް ހިންގާ އިރު، މި ވަގުތު މަންމަން ކުދިންނާއި ފެނުމުން މަހުރޫމްވެފައި ތިބި ކުދިންނަށް އެ ފުރުސަތު ފަހިކޮށް ދެވިފައި ނެތް ކަމަށެވެ.
އެހެން ނަމަވެސް އެފަދަ ކުދިންނަށް ވެސް ހާއްސަ ކުލާސްތައް ހިންގުމަކީ މުހިއްމު ކަމެއް ކަމަށް މިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކުލާސްތައް ހިންގާ އިރު، އެންމެ ބޮޑު ގޮންޖެހުމަކީ އެ ދާއިރާ އިން ތަމްރީނުވެފައި ތިބި ޓޗަރުން ނުލިބުން ކަމަށެވެ. އަދި ޓީޗަރުން ހޯދަން އިއުލާންކޮށްގެން ވެސް ޓީޗަރުން ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރި ކަމަޑް ޕްރިންސިޕަލް ވިދާޅުވި އެވެ.
މީގެ އިތުރުން ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ވެސް ދަތިތަކެއް ހުރިކަން މިހާދު ފާހަގަ ކުރެވި އެވެ.
އެހެން ނަމަވެސް ހެޔޮ އެދޭ ބައެއް ފަރާތްތަކުންނާއި ސްކޫލުން ވެސް ތަފާތު ހަރަކާތްތައް ހިންގައިގެން ފަންޑް ހޯދަން މަަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.