Last Updated: November 23, 10:09
Saturday, November 23, 2024
ޚަބަރު ކޮވިޑު ވެކްސިން

ބޫސްޓަރ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދިނުމަށް މަޝްވަރާ ކުރަނީ

ވެކްސިން ޖެހުން ކުރިއަށްދަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ބޫސްޓަރ ޑޯޒް ނުޖަހާ މީހުންނަށް ލުއި ނުދޭން މަޝްވަރާ ކުރަމުން އަންނަކަން ހާމަކޮށްފިއެވެ.

ކޮވިޑް-19 ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް ހަ މަސް ފުރިހަމަ ވެފައިވާ 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ފައިޒަރ ވެކްސިން ޖެހުން ފަށާފައިވާއިރު ވެކްސިން ޖަހާފައިވަނީ މަދު ބައެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، މަދުބަޔަކު ބޫސްޓަރ ޑޯޒް ޖަހާފައިވުމުން، ބޫސްޓަރ ނުޖަހާ މީހުންނަށް ބައެއް ލުއިތައް އުނިކުރުމުގެ މަޝްވަރާތައް ވަނީ ފަށާފައެވެ. އޭގެތެރޭގައި ކަރަންޓީން މުއްދަތު 14 ދުވަހަށް ބަދަލުކުރުންފަދަ ކަންކަން ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހައިދެނީ އެޕޮއިންޓްމެންޓް އުސޫލުންނެވެ. އެގޮތުން ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި http://book.hpa.gov.mv އިން އެޕޮއިންޓް ހެދޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތުދީފައިވެއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖުމުލަ 397،382 މީހުން ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖުމުލަ 369،151 މީހުން ޖަހާފައިވެއެވެ. އެހެންނަމަވެސް ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 49،142 މީހުންނެވެ.