ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ދައުވާތައް ސާފުނުވާކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބެއްވި އަޑުއެހުމުގައި ދައުވަލުން ވަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އިއްވާފައެވެ.
އެގޮތުން ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާ އިއްވަމުން ދައުލަތުން ބުނެފައިވަނީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ޔޫސުފް ނައީމް ދިން ކަމަށާއި، އެ ޗެކް ޔާމީން ގަބޫލު ކޮށް ޝަންހައި ބޭންކްގެ އެކައުންޓަކަށް ޖަމާކޮށްފައިވާކަމަށެވެ.
މަނީ ލޯންޑްރިންގެ ދައުވާގައި ބުނެފައިވަނި ޝަންހައި ބޭންކުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮތް އެކައުންޓަކަށް ޖަމާކުރުމަށްފަހު އެ އެކައުންޓްގައި ހުރި ފައިސާއާ އެކު އިސްލާމިކް ބޭންކްގެ އެކައުންޓަކަށް ޖަމާކޮށް، އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި އިތުރު ފައިސާއާ އެކު އެބޭންކްގައި ހުރި ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓް ކޮށްފައިވާ ކަމަށެވެ.
މި ދެ ދައުވާ އިއްވުމުން ޔާމީން ވަނީ ދައުވާ ސާފުނުވާކަމަށް ބުނެފައެވެ. ދައުވާއިން ސާފު ނުވަނީ ކޮންކަމެއްތޯ މައްސަލަ ބައްލަވާ ގާޒީ ސުވާލުކުރުމުން ޔާމީން ބުނެފައިވަނީ އޭގެކުރިން ވަކީލުންނާ މަޝްވަރާކުރުމަށް ބޭނުންވާކަމަށެވެ.
މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ޖަވާބުދާރީވުމުގެ ބައި ދެން އޮންނަ އަޑުއެހުމުގައި ކުރިއަށް ގެންދަވާނެ ކަން ހާމަކުރައްވާ އިތުރު އަޑުއެހުމެއް ފެބްރުއަރީ 10 ވަނަ ދުވަހު ބާއްވަވާނެކަން ހާމަކުރައްވާފައެވެ.
އާރަށު މައްސަލައިގެ ތަފްސީލު:
މިމައްސަލައާ ގުޅިގެން މީގެކުރިން ޕީޖީ އޮފީހުން ބުނެފައިވަނީ އަބްދުﷲ ޔާމީން ޢަބުދުއްޤައްޔޫމް އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމް، މިނިސްޓްރީ އޮފް ޓްއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށްޓަކައި ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް އުފުލާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ގެ 510 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދަޢުވާއެވެ.