ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ހިންގާފައިވާ ކަމަށް ތުހްމަތު ކުރެވޭ ކޮރަޕްޝަނުގެ އަމަލާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް ކުރުން މިއަހަރުގެ ފަހު ކޮޅަށް ތާވަލުކޮށްފައިވާ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް މިއަދު ވަނީ އެ މައްސަލަގެ އަޑުއެހުންތައް ގެންދަން ކަނޑައަޅާފައިވާ ތާވަލު ޝަރީއަތުގެ މަޖިލީހާ ހިއްސާ ކުރައްވާފަ އެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ރައީސް ޔާމިންގެ މައްސަލައިގެ ޝަރީއަތްތައް ތާވަލުކޮށްފައިވާ ގޮތް:
ދައުވާ އަށް ޖަވާބުދާރީވުމާއި އިބްތިދާއީ މަރުހަލާ: މޭ މަހުގެ ނިޔަަލަށް
ހެކިންގެ ހެކިބަސް ނެގަން ފަށަނީ: ޖުލައި މަހުން ފެށިގެން
ޚުލާސާ ބަޔާން ހުށަހެޅުން: އޮކްޓޯބަރު މަހު
ހުކުމް އިއްވުން: ނޮވެމްބަރު 26ގައި
ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގައި ބުނެފައިވަނީ އާރަށް ކުއްޔަށް ހިފި ފަރާތުގެ ކިބައިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޔާމިނަށް ލިބިވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ފައިސާ އެމަނިކުފާނު ލޯންޑާ ކުރެއްވި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.