އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގައި ޝަހީދް ހުސައިން އާދަމްގެ ފޮޓޯ ބޭނުންކުރުމުން އިދިކޮޅަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އިދިކޮޅުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން ރަށެއްގައި ހަރުކުރި ޕޯސްޓަރެއްގައި ނޮވެމްބަރު 3 1988 ގެ ބަތަލް ހުސައިން އާދަމްގެ ފޮޓޯއެއް ހިމަނާފައިވުމުން އެކަމުގައި ފާޑުކިޔުންވަނީ ބޮޑުވެފައެވެ.
އެގޮތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް ކަމަށާއި، އަދި ހާއްސަކޮށް އެއީ ކުޅުދުއްފުށީގެ ފަހުރެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ނުކުރެއްވުމަށް ވަނީ އެދިފައެވެ.
"ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު." ޔާސިރުގެ ޓްވީޓްގައިވެއެވެ.
ޝަހީދު ކޯޕްރަލް ހުސެއިން އާދަމަކީ ދިވެހިންގެ ބަތޮލެއް، އަދީ ހާއްސަކޮށް ކުޅުދުއްފުށީގެ ފަހުރެއް، ސިޔާސީ ބޭނުމަށް އެ ޤައުމީ ބަތޮލުގެ ފޯޓޯ ބޭނުން ނުކުރެއްވުމަށް ރައީސް ޔާމިންގެ އަރިހުން އެދެން. ކަމަކަށް ދަހިވެތި ވިޔަސް ކޮންމެވެސް ވަރެއްގެ އަދަބު އަޙްލާޤެއް ބެހެއްޓެވުން މުހިންމު pic.twitter.com/nDkBnfzg3s
— Yasir Abdul Latheef (@YasirLathyf) January 28, 2022
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޝަހީދު ހުސައިން އާދަމްއަކީ ގައުމީ ބަތަލެއް ކަމަށާއި އެބަތަލަށް އިޙުތިރާމު ކުޑަވާގޮތަށް ސިޔާސީ ބޭނުމަށް އެބަތަލުގެ ފޮޓޯ ބޭނުންކުރުމަކީ ގައްދާރު އަމަލެއް ކަމަށެވެ.
"ސިޔާސީގޮތުން ބުއްދިފިލާ ދިއަޔަސް ގައުމީބަތަލް ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދަށް ކޮއްމެވެސްވަރެއްގެ އިޙުތިރާމެއް ކުރަންވާނެ." ޝިފާއުގެ ޓްވީޓްގައިވެއެވެ.
ޝަހީދު ހުސައިން އާދަމްއަކީ ގައުމީ ބަތަލެއް. އެބަތަލްއަށް އިޙުތިރާމުކުޑަވާގޮތަށް ސިޔާސީ ބޭނުމަށް އެބަތަލުގެ ފޮޓޯބޭނުންކުރުމަކީ ގައްދާރު އަމަލެއް.
ސިޔާސީގޮތުން ބުއްދިފިލާ ދިއަޔަސް ގައުމީބަތަލް ޝަހީދު ހުސައިން އާދަމްގެ ގައުމީ ޖިހާދަށް ކޮއްމެވެސްވަރެއްގެ އިޙުތިރާމެއް ކުރަންވާނެ. pic.twitter.com/OYmJZ9mWP0— MP Mohamed Shifau (@mhshifau) January 28, 2022
އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.