އެއްކޮޅުގައި ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ، އަދި މިހާރުގެ އިދިކޮޅު ޕާޓީގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމެވެ. އެމަނިކުފާނުގެ ފަހަތްޕުޅުގައި ތިބީ މިއަދުގެ ސަރުކާރުން ރައީސް ޔާމިނަށް ބޭ އިންސާފުން އަނިޔާ ދެމުންދާ ކަމަށް ގަބޫލުކުރާ އެތައް ހާސް ރައްޔިތުންތަކެކެވެ. އަނެއްކޮޅުގައި އޮތީ ޝަރުއީ މަރުހަލާއަކީ މިނިވަންކޮށް ހިނގާކަން ރައްޔިތުންނަށް ފެންނާން ޖެހޭނެ ކަމަށް ބުނެ ވަކާލާތުކޮށްގެން ވެރިކަމަށް އައި ޕާޓީ އެމްޑީޕީއެވެ. އެ ޕާޓީގެ "މުށު ތެރޭގައި" އޮތީ ޖުޑީޝަލް ސަރވިސް ކޮމިޝަނެވެ.
ކަން މިހެން އޮތްއިރު މި ފެންނަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ބޮޑު ދައުވާއެއްގެ ޝަރީއަތް ލައިވް ނުކުރަން ނިންމި މަންޒަރެވެ. ދައުވާ ލިބޭ ރައީސް ޔާމީންގެ އެދި އެދި އޮއްވާ އެ މައްސަލައިގައި އަޑުއެހުންތައް ލައިވް ނުކުރަން މައްސަލަ ބައްލަވާ ގާޒީ ނިންމެވުމަކީ ބައެއް މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ.
ގައުމުގެ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ބޮޑު ޝަރީއަތް މި ފަހަރު ލައިވް ނުކުރަން ނިންމުމުން ރައީސް ޔާމިނާއި އެމަނިކުފާނުގެ ސަޕޯޓަރުން ބޮޑެތި ތުހްމަތުތަކެއް ކުރަން ފައްޓަވައިފި އެވެ. ރައީސް ޔާމިން މިކަން ގުޅުއްވަނީ ސީދާ ސަރުކާރާ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން ޝަރީއަތް ލައިވްނުކުރަން ނިންމީ ސަރުކާރުގެ ނުފޫޒުންނެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެ ވާހަކަތައް އެބަ ގަބޫލުކުރެވެ އެވެ.
"ލައިވްކުރީމަ ދިވެހި ރައްޔިތުންނަށް، ދިވެހި ސަރުކާރަށް އެނގެނީ، ކިހާވަރެއްގެ ކަމެއްކަން ހިނގަމުން މިދަނީ. މި ޝަރީއަތް ލައިވްކޮށްފިއްޔާވެސް މިހާރުވެސް މި ދަންނަވަނީ، ޝަރީއަތް އަދިކިރިޔާ ފެށުނީ، ދައުލަތުން ހެކީގެ ގޮތުގައި އުފައްދައިގެން އެ އުޅޭ ހެކިން އައިސްފި ކަމަށްވަންޏާއި ހެކިދޭއިރު އެމީހުން ފަޞީލަތްވެ، ބޭޒާރުވެގެންދާނީ. ހަމަ ބޭޒާރުވެގެންދާނީ. ކުރީ ޝަރީއަތުގައިވެސް ވީ ހަމަ އެހެން،" ރައީސް ޔާމިން ޕީޕީއެމްގެ އާއްމު މެމްބަރުންނާ ބައްދަލު ކުރައްވައި ވިދާޅުވި އެވެ.
ތިން މަރުހަލާގައި ޝަރީއަތް ލައިވްކޮށްގެން މީގެ ކުރިން ގެންދިޔަ ރައީސް ޔާމީންގެ މައްސަލައިގައި ކުރި ލިބުނީ ރައީސް ޔާމިނަށެވެ. އެކަން އެހެން ހިނގާފައި އޮއްވާ މިފަހަރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މި ދައުވާގެ އަޑުއެހުންތައް ލައިވް ނުކުރަން އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވި ސަބަބުތަކުގެ ތެރޭގައި "ބުއްދި ގަބޫލު ކުރެވޭ ވަރުގެ ވާހަކަތަކެއް" ނޫނެވެ.
ލައިވްކުރަން ވަސީލަތްތައް ކުރިން ހުރެފަ ކުއްލިއަކަށް ވަސީލަތްތައް ގެއްލުނީ؟
ރައީސް އަބްދުﷲ ޔާމީންގެ މިފަހަރުގެ ޝަރީއަތް ލައިވްކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި އެދުމުން އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، ޝަރީއަތް ލައިވްކޮށް ދެއްކޭނެ ވަސީލަތްތައް މި ވަގުތު ކޯޓުގައި ނެތް ކަމަށާއި އެހެންވެ، އެ ޝަރީއަތް މި ވަގުތު ލައިވް ނުކުރެވޭނެ ކަމަށެވެ. އެކަމަކު، ވަސީލަތްތައް ލިބުމުން ލައިވް ކުރާނެ ކަމަށާއި ލައިވް ނުކުރިޔަސް، އެ ޝަރީއަތް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް އިސް ގާޒީ ވިދާޅުވި އެވެ
ކްރިމިނަލް ކޯޓުގެ ގާޒީ އެ ދެއްކެވި ވާހަކައަކީ ރަނގަޅު ވާހަކައެއް ކަމަށް ގަބޫލު ކުރިނަމަވެސް ދެން އުފެދޭ ސުވާލަކީ މީގެ ކުރިން ރައީސް ޔާމިންގެ ޝަރީއަތް އެ ކޯޓުގައި ލައިވްކުރީ ގާނޫނާ ހިލާފު ވަސީލަތްތައް ބޭނުންކޮށްގެން ތޯ އެެވެ. ޔާމީންގެ ޝަރީއަތް ލައިވްކުރުމަށް މީގެ ކުރިން އަމަލުކޮށްފައިވަނީ ދައުލަތުގެ މީޑިޔާއަށް އެ ފުރުސަތު ދިނުމެވެ. ޝަރީއަތް ލައިވްކުރުމަށް ހުޅުވާލުމަކީ ކޯޓުން މީޑީޔާތަކަށް ކެމެރާއާއި އެހެނިހެން ސާމާނު ދިނުމެއް ނޫނެވެ. އެއީ ކޯޓުގެ ރޯލަކަށް ކޮންމެހެން ވާކަށް ނުޖެހޭނެ އެވެ. ޝަރީއަތް ލައިވްކުރަން ކޯޓުން ކުރަން ޖެހޭ ކަމަކީ ވަކި ހަމައަކާއި އުސޫލެއްގެ ތެރެއިން ނޫސްވެރިންނަށް އެ ހުއްދަ ދިނުމެވެ. ބޭނުންވާ ސާމާނާ ވަސީލަތްތައް ހޯދާނީ ލައިވްކުރާ މީޑިޔާއިންނެވެ. މީގެ ކުރިންވެސް ކޯޓުން އަމަލުކުރި އެހެނެވެ. އެހެން ކަމުން ރައީސް ޔާމީންގެ ޝަރީއަތް ލައިވްނުކުރަން ނިންމީ މި ވަގުތު ވަސީލަތްތައް ނެތިގެން ކަމަށް ބުނާ ވާހަކައަކީ މީޑީޔާތަކަށްވެސް ގަބޫލުކުރަން ދަތި ވާހަކައެކެވެ.
ކޯޓަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ޒިންމާ އެމްޑީޕީގެ އިސް ބޭފުޅުން ނަގަން ޖެހޭ
ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދީ އިންސާފު ގާއިމުކުރުމުގައި އިދާރީ ގޮތުން ދިމާވާ ގޮންޖެހުންތައް ހައްލު ކޮށްދޭން މިއަދު ތިއްބެވީ އިންސާފު ގާއިމުކޮށްދިނުމުގެ ބޮޑު ވައުދާއެކު ވެރިކަމަށް އައިސްތިބި އެމްޑީޕީގެ އިސް ބޭފުޅުންނެވެ. ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ އެންމެ އިސް ފަރާތަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެވެ. އެ ޑިޕާޓްމަންޓް މިހާރު ހިނގަމުންދަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރައީސްކަން ކުރައްވާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދަށުންނެވެ. އެ ކޮމިޝަނުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާއިރު އެެ ޕާޓީގެ އެންމެ އިސް ލީޑަރ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަމްސީލް ކުރައްވާ ބޭފުޅަކު އެތަނުގައި އިންނަވަ އެވެ. އެހެން ކަމުން ރައީސް ޔާމީންގެ ޝަރީއަތް ލައިވް ނުކުރެވިގެން އުޅެނީ ވަސީލަތްތައް ނެތިގެން ކަމަށް ކޯޓުން ބުނާނަމަ ކޯޓަށް ބޭނުންވާ ވަސީލަތްތައް ވެރިކަމަށް ހަތަރު އަހަރުވާއިރުވެސް ހޯދާދެވިފައި ނެތުމުގެ ޒިންމާ އެމްޑީޕީގެ އިސް ބޭފުޅުން ނަގަން ނުޖެހޭނެ ގޮތެއް ނޯންނާނެ ކަމަށް ބައެއް މީހުން ގަބޫލެއްނުކުރެ އެވެ. އެންމެ ބޮޑު ސަބަބަކަށް ވަނީ ސަރުކާރުގެ މުށުތެރޭގައި އޮތް ޖޭއެސްސީގެ ޒިންމާއަކަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވުމާއި އެތަނަކީ ކޯޓަށް ވަސީލަތްތައް ހޯދާދޭން ޖެހޭ ތަނަަކަށްވުމެވެ.
ވަސީލަތްތައް ނެތަސް އެހާ އަވަހަށް މައްސަލަ ކުރިއަށް ގެންދަން ޖެހޭތަ؟
ޝަރީއަތް ލައިވްކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލްވެސް ގަބޫލު ކުރައްވަ އެވެ. އެހެން ކަމަށްވާނަމަ ވަސީލަތްތައް ނެތަސް މި މައްސަލަ އެހާ އަވަސްކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތެވެ. މިހާރުވެސް ކްރިމިނަލް ކޯޓުގައި ނުވަ އަހަރު ވެފައިވާ އެތައް ބައިވަރު މައްސަލަތައް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ގަސްތުގައި މީހުން މެރުމުގެ މައްސަލަތަކާއި ރޭފްކުރުމާއި ފޭރުމާއި ވައްކަމުގެ އެތައް މައްސަލައެއް ކްރިމިނަލް ކޯޓުގައި ނުނިމި އެބަ އޮތެވެ. އިންސާފު ގާއިމުކުރުމުގެ އިތުރުން އިންސާފު ގާއިމުކުރެވޭކަން ރައްޔިތުންނަށް އިހްސާސް ވެސް ކުރެވެން ޖެހޭކަން ގަބޫލުކުރާ މީހުންނަށް މިއީ އެހާ ފަސޭހަ މަންޒަރެއް ނޫނެވެ.
ލައިވްނުކުރަން ނިންމުމުން ބޮޑެތި ތުހްމަތުތަކެއް؟
ރައީސް ޔާމީންގެ މި މައްސަލަގެ އަޑުއެހުންތައް ލައިވްނުކުރަން ނިންމި ނިންމުމާއެކު ބޮޑެތި ތުހްމަތުތަކެއް ވަނީ އުފެދިފަ އެވެ. ރައީސް ޔާމީންގެ ދިފާއީ ވަކީލުންގެ ތެރޭގައި ހިމެނޭ އިސް ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު އައްޑޫލައިވްއަށް ވިދާޅުވީ ޝަރީއަތް ލައިވް ނުކުރަން ނިންމެވި ނިންމެވުމުގެ އެންމެ ބޮޑު ސަބަބަކީ ޝަރީއަތައް ސަރުކާރުގެ ފަރާތުން ނުފޫޒު ވެއްދުމެވެ.
"ލައިވް ނުކުރަން ނިންމުމުން އެބަ އިނގޭ ކޮންމެވެސް އެއްޗެއް ފޮރުވަން އެބަ އުޅޭކަން. ދައުލަތުން އުފައްދައިގެން އުޅޭ ހެކިތަކާ މިކަން އެނގިދާނެތީ ލައިވް ނުކުރަން ނިންމީ. ލައިވް ނުކުރެެވޭ ވަރުގެ ހާލަތުގައި އޮތް ދައުލަތެއް ނޫން މިއީ. އޮންލައިންކޮށް ޝަރީއަތްތައް ލައިވްކޮށް ގެންދިއުމަށް މިހާރުވެސް ކޯޓުގައި ވަސީލަތްތައް ގާއިމުވެފައި ހުރޭ. އަނެއްކާ މިއީ ސީދާ ޖޭއެސްސީ މެދުވެރިކޮށް ފޯރުވާ ނުފޫޒު،" ޖަމީލް ވިދާޅިވިއެވެ.
ޑރ.ޖަމީލް ވިދާޅުވި ގޮތުގައި ޝަރީއަތް ލައިވް ނުކުރެވޭނެ ކަމަށް ކުއްލިއަކަށް ބުނުމާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ މައްސަލައިގައި ކޯޓުން އަމަލުކުރާ ގޮތަކީ އިންސާފު ގެއްލިފައިވާ މިންވަރު ދައްކައިދޭ ކަންކަމެވެ. އެހެން ކަމުން ޝަރީއަތް ލައިވްކޮށްފި ނަމަ ސަރުކާރުން ފޯރުވާފައިވާ ނުފޫޒު ފާޅުކަން ބޮޑު ގޮތެއްގައި ފެންނާނެތީ އެކަން ނުކުރަން އުޅެނީ ކަމަށް ޑރ.ޖަމީލް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ޝަރީއަތް މީގެ ކުރިން ލައިވްކުރިއިރު ދައުވާ ލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތާއި ކޯޓުން އަމަލު ކުރަމުންދިޔަ ގޮތް އެންމެން ގެންދިޔައީ ލައިވްކޮށް ބަލަމުންނެވެ. މަދު ދެތިން މީހަކަށް ވަދެވޭ ޖާގަ އޮތް ކޯޓު ރޫމަށް ދެ ތިން ނޫސްވެރިންނާ އާއްމުންގެ ދެތިން މީހަކު ވެއްދުމަކީ ހުޅުވާލައިގެން ޝަރީއަތް ބޭއްވުން ކަމަށް މީގެ ކުރިން އެމްޑީޕީންވެސް ގަބޫލެއްނުކުރެ އެވެ.
ރައީސް ޔާމިންގެ މި މައްސަލަ ވެގެންދާނީ ދެން އޮތް ރިޔާސީ އިންތިހާބަށް އަހަރަކަށް ވުރެ ކުޑަ ތަންވެފައިވަނިކޮށް ހުކުމް ކުރާ ޝަރީއަތަށެވެ. އެހެން ކަމުން ރައީސް ޔާމިން ޖަލުގައި ހުންނަން ޖެހޭ ކަމަށް ގަބޫލުކުރާ އެމްޑީޕީއަށް ޝަރީއަތައް ނުފޫޒު ފޯރުވަން ބޭނުންވިއަސް މިއީ ލިބޭނެ އެންމެ ހަނި ފުރުސަތުވެސްމެ އެވެ.
އެހެން ކަމުން ކޯޓު މެދުވެރިކޮށް ރައީސް ޔާމިނަށް އިންތިހާބުގެ ހައްގު ގެއްލުވާލީ ކަމަށް ބުނުމުގެ ޖާގަ އޮތް މި މައްސަލައިގައި ޝަރީއަތް ލައިވްކުރުން މުހިންމުކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ޝަރީއަތް ދިޔަ ގޮތާ ގުޅޭ ގޮތުން ވަކީލުން ދައްކަވާ ވާހަކަތައް މީޑިޔާތަކުގައި ރިޕޯޓް ކުރުމުން ޝަރީއަތާމެދު ސުވާލު އުފެއްދުމުގެ ޖާގަ ބޮޑުވެގެންދާނެ އެވެ. އެކަން އެގޮތައް ވިޔަ ނުދިނުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޑީޖޭއޭ މެދުވެރިކޮށް ލައިވްކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ބާރު މިހާރުވެސް އެބަ އޮތެވެ.
މި ޝަރީއަތް ލައިވްނުކޮށްފި ނަމަ އެކަން ނުކުރީ ރައީސް ޔާމީން ވިދާޅުވާ ގޮތައް ބޭޒާރުވެ ފަޞީލަތްވެދާނެތީ ކަމަށް ގަބޫލުކުރާ މީހުން ވެސް ގިނަވާނެ އެވެ. އަދި ޑރ. ޖަމީލް ވިދާޅުވާ ގޮތައް ނުފޫޒުފޯރުވަން ނޫން ނަމަ އެކަން ނުކުރަންވީ އެއްވެސް ހުއްޖަތެއް ނުދެއްކެ އެވެ.