މާވެޔޮ މަގުގައި ހުންނަ ބެސްޓް ބައި މޯލްޑިވްސްގެ ފޯނު ފިހާރައިގެ ފުރާޅު ނަގައިގެން އެތަނަށްވަދެ ވައްކަން ކުރި މައްސަލައިގައި ދައުވާ އުފުލި މީހުންގެ ތެރެއިން އެކަކަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ
ބެސްޓް ބައި ފިހާރައިގެ ޓިނު ނަގައިގެން ފިހާރައަށްވަދެ ވައްކަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން 14 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
މިމައްސަލައިގައި 'އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގުން'ގެ ދައުވާ އުފުލާފައިވަނީ މާލެ / މއ. ފެއަރީހައުން އަހުމަދު ޝާންގެ މައްޗަށާއި އިތުރު މީހެއްގެ މައްޗަށެވެ. މިމައްސަލައިގައި އުފުލާފައިވާ ދައުވާއަށް ޝާން ވަނީ އިއުތިރާފްވެފައެވެ.
މިމައްސަލައިގައި ދައުވާ ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ އަޙްމަދު ޝާން އިތުރު މީހަކާއިއެކު މާވެޔޮ މަގުގައި ހުންނަ ބެސްޓް ބައި މޯބައިލް ފިހާރައިގެ ޓިނު ނަގައިގެން އެފިހާރައިގެ ސީލިން ހަލާކު ކޮށްލައިގެން ފިހާރަތެރެއަށްވަދެ އައިފޯން 12 ޕްރޯ މެކްސް 2 މޯބައިލް ފޯނާއި، ސެމްސަންގް އޭ2 ބްރޭންޑްގެ 2 މޯބައިލް ފޯނާއި، ސެމްސަން އޭ2އެސް ބްރޭންޑްގެ 2 މޯބައިލް ފޯނާއި ސެމްސަން އޭ12 ބްރޭންޑްގެ 2 މޯބައިލް ފޯނާއި، ސެމްސަން އޭ51 ބްރޭންޑް ގެ 2 މޯބައިލް ފޯނާއި ސެމްސަން އޭ72 ބްރޭންޑްގެ މޯބައިލް ފޯނަކާއި، ސެމްސަން އެސް10 ލައިޓް ބްރޭންޑްގެ 2 މޯބައިލް ފޯނާއި، ސެމްސަންގް އެސް10 ބްރޭންޑްގެ ދެ މޯބައިލް ފޯނާއި، ސެމްސަން އެސް10 ޕްލަސް ބްރޭންޑްގެ މޯބައިލް ފޯނަކާއި، ސެމްސަން ނޯޓް10 ލައިޓް ބްރޭންޑްގެ ފޯނަކާއި، ސެމްސަން ނޯޓް10 ބްރޭންޑްގެ ފޯނަކާއި، ސެމްސަން ނޯޓް10 ޕްލަސް ބްރޭންޑުގެ 3 މޯބައިލް ފޯނާއި، ސެމްސަން ނޯޓް20 އަލްޓްރާ ބްރޭންޑްގެ މޯބައިލް ފޯނަކާއި، ސެމްސަން އެ20 ޕްލަސް ބްރޭންޑްގެ 2 މޯބައިލް ފޯނާއި، ސެމްސަން އެސް21 ބްރޭންޑްގެ 8 މޯބައިލް ފޯނާއި، ސެމްސަން އެސް21 ޕްލަސް ބްރޭންޑްގެ 4 މޯބައިލް ފޯނާއި، ޒިއޯމީ އެމްއައި ނޯޓް10 ޓީ ލައިޓް ބްރޭންޑްގެ މޯބައިލް ފޯނަކާއި، ޒިޔޯމީ އެމްއައި ނޯޓް10 ލައިޓް ބްރޭންޑްގެ މޯބައިލް ފޯނަކާއި، 2 ޕީއެސް5 އާއި، 2 ވަން ޕްލަސް ބަޑް ޒެޑް އާއި، 5 ބަޖެޓް ވޮޗާތި، ޕީއެސް5 ބޭގްއަކާއި، 2420 ރުފިޔާ ވަގަށް ނަގާފައިވާކަމަށެވެ.
މިމައްސަލައިގައި ކޮށްފައިވާ ދައުވާއަށް ޝާން އިއުތިރާފުވުމުން އޭނާގެ މައްޗަށް މިހިނގާ ޖެނުއަރީ 25 ވަނަ ދުވަހު ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި މިމައްސަލައިގައި މީގެ ކުރިން އޭނާ ބަންދުގައި ހުރުމުން މި ޖަލުހުކުމުގެ ތެރެއިން ތަންފީޒުކުރަން ޖެހޭ ޖަލު އަދަބަކީ ދެ އަހަރާއި ހަތަރު މަހާއި ނުވަ ދުވަސް ކަމަށް ކަނޑައަޅާފައިވެއެވެ.