ސަރުކާރުގެ މަޝްރޫއުތައް ކޮމަންޑޫ ދާއިރާއަށް މި ދުވަސްވަރު އޮހެނީ އެވެ. ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކުގެ ސްޕީޑެއް ބަލާއިރު ކޮވިޑޭ ކިޔާ އެއްޗެއް އޮވެގެން މަޝްރޫއުތައް ލަސްވޭ ބަޔަކު ކީހެންވެސް ހީނުވެ އެވެ. ބައެއް މަޝްރޫއުތައް ފެށުނުއިރު އީއައިއޭ ރިޕޯޓޭ ކިޔާ އެއްޗެއް އައީ ބިންފަޅާ އަޑިން ކަމެއް މަތިން ކަމެއް ނޭނގެ އެވެ.
މި ހުރިހާ ކަމެއް ހިނގާތީ އެއްބަޔަކު ބުނަނީ އެއީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އަޖަބަކީ ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރުގެ ވެރިން އެކަމަށް އިންކާރުކުރާ ކަމެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުން މިއީކީ އިންތިހަބާ ދިމާކޮށްކުރާ ކަމެއް ނޫނެވެ. އިންތިހާބަކާ އެކަމަކާ ގުޅުމެއް ނެތެވެ. އެހެން ކަމަށްވާނަމަ ދާއިރާގެ މެމްބަރަކު ނެތުން މާ ރަނގަޅެވެ. މިއީ ވަރަށް ގިނަ ބަޔަކު މިހާރު ބުނާ އެއްޗެކެވެ.
ކޮމަންޑޫ ދާއިރާގައި މި ވަގުތު ހިނގަމުންދާ މަޝްރޫއުތަކަކަކީ އެ ދާއިރާގެ މެމްބަރަކު ހުންނެވައިގެން އެކި ކުރަން އުޅެވެސް ނުފެށި ހުރި މަޝްރޫއުތަކެކެވެ. އަދި ކޮމަންޑޫ ދާއިރާގެ މެމްބަރު މެމްބަރު ކަމުގައި ހުންނެވި މުހައްމަދު ވަހީދު އަވަހާރަވުމާ ގުޅިގެން އެ ދާއިރާގެ މެންބަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަނަށް ކުޑަތަންވެފައިވަނިކޮށް ފައްޓަވާފައިވާ ގިނަ ކަންތަތަކީ ރިޔާސީ ވައުދުތައްވެސްމެ އެވެ.
ކޮމަންޑޫ ދާއިރާގެ މެމްބަރަކު ނެތި ފައްޓަވާ މަޝްރޫއުތައް:
– 25 ޖެނުއަރީ 2022 – ކޮމަންޑޫ އަށް ޕެރެމެޑިކް އެމްބިއުލާންސް ގެންދިޔަ
– 7 ޖެނުއަރީ 2022 – ކޮމަންޑޫ އާ އިންޖީނުގެ ހުޅުވި
– 16 ޖެނުއަރީ 2022 – ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓު ހަދަން އިއުލާނުކުރި
– 15 ޖެނުއަރީ 2022 – މަރޮށި ބަނދަރު ހެދުމުގެ މަޝްރޫއު ފެށި
– 15 ޖެނުއަރީ 2022 – މަރޮށި ފުޓުސަލް ދަނޑު ހުޅުވުން
– 14 ޖެނުއަރީ 2022 – ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ފެށި
– 14 ޖެނުއަރީ 2022 – ކޮމަންޑޫ ފޫޓްސަލް ދަނޑުގެ މަޝްރޫއު ފެށި
– 30 ޖެނުއަރީ 2022 – ކޮމަންޑޫގައި އައިސްޕްލާން އަޅަން ފެނަކަ އާ ހަވާލުކުރި
ރަށްރަށުގައި އެމްބިއުލާން ނެތް ރަށްރަށަށް އެމްބިއުލާން ފޮނުވުމުގެ ތެރެއިން ސަރުކާރުން ވަނީ އެކި ރަށްރަށަށް އެމްބިއުލާން ފޮނުވާން ފަށާފަ އެވެ. ނަމަވެސް އޭރު އެކަން ކުރުމުންދިޔައީ ގަނޑުކޮށް އެއްފަހަރާ އެކި ރަށްތަކަށެވެ. ނަމަވެސް ކޮމަންޑޫއަށް މި މަހު 25 ވަނަ ދުވަހު ފޮނުވި އެމްބިއުލާން ފޮނުވީ ހަމަ ކުއްލި ގޮތަކަށެވެ. އެއީ ފާއިތުވި 15 އަހަރު ފަހުން އެރަށް ފޮނުވި އެމްބިއުލަންސެވެ. ނަމަވެސް އެމްޑީޕީގެ ދެ ވެރިކަމުގައިވެސް އެ ދާއިރާގެ މެމްބަރަކަަށް ހުންނެވީވެސް އެމްޑީޕީގެ މެމްބަރެކެވެ.
އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ އެމްބިއުލެންސް ގެ ތެރެއިން ށ.ކޮމަންޑޫ އަށް ފޮނުވާ އެމްބިއުލެންސް ވަނީ މިރޭ ފޮނުވާލެވިފައި. pic.twitter.com/bj7VHcWy7Y
— Ministry of Health (@MoHmv) January 24, 2022
އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ އެމްބިއުލެންސް ގެތެރެއިން ށ.ކޮމަންޑޫއަށް އެމްބިއުލެންސް ފޮނުވި ހަބަރު ހެލްތް މިނިސްޓްރީން ޓްވީޓްކުރުމާއެކު ބައެއް މީހުން ދެކުނީ އެއީ ކޮމަންޑޫ ދާއިރާއަށް ކުރާ ކެމްޕެއިނެއް ގޮތުގަ އެވެ. އަނެއް ބަޔަކު ދެކުނީ އެއީ ސީދާ އިންތިހާބާ ދިމާކޮށް ހިންގާ ކޮރަޕްޝަނުގެ އަމަލެއް ގޮތުގަ އެވެ. ނަމަވެސް އެކަމަކަށް ސަރުކާރުން މާބޮޑު ފަރުވާލެއް ނުބަހައްޓަ އެވެ.
މިއިން ކޮންމެ ކަމަކީ އިންތިހާބަށް ކުރާ ކަމެކޭ ބުނެދާނެ ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާވެސް ވަނީ އެކަމަށް މާ ކުރިން ރައްދު ދެއްވާފަ އެވެ. އެގޮތުން މިއިން އެއްވެސް ކަމަކީ ކެމްޕެއިނަށްކުރާ ކަމެއް ނޫން ކަމަށް ރައީސްވެސް ވަނީ ވިދާޅުވެފަ އެވެ.
ކޮމަންޑޫ ދާއިރާގައި ހިނގާ މަޝްރޫތަކުގެ ތެރެއިން އެންމެ ފަހުން ސޮއިކޮށްފައިވަނީ އައިސް ކޮމަންޑޫގައި އައިސް ޕްލާންޓްގެ މަސައްކަތެވެ. މިއީ ރިޔާސީ ވައުދެއް ނަމަވެސް މި ވައުދުގެ މަތިން ސަރުކާރުން ހަނދާންވީ ދާއިރާގެ ފަރާތުން ވަކާލާތުކުރަން ހުންނެވި މެމްބަރު ނެތުމުންނެވެ.
ކޮމަންޑޫގައި 25 ޓަނުގެ އައިސްޕްލާންޓެއް އެޅުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި @TeamFenaka އާ ދެމެދު އެއްބަސް ވުމެއްގައި މިއަދު ސޮއި ކުރައްވައިފި pic.twitter.com/dsa1vRCISz
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) January 30, 2022
މި ހުރިހާ ކަމަކާ ގުޅިގެން މިއީ މެމްބަރުކަމާ ގުޅުންހުރި ކަމެއް ނޫން ކަމަށް ސަރުކާރުން ބުނެ އަނެއްކޮޅުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދޭންވެސް ސަރުކާރުން އެބަ ގޮވާލަ އެވެ. އެންމެ ބޮޑު ސަބަބެއް ކަމަށްބުނަނީ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކަ އެވެ. އަނެއްކާވެސް އެއާއެކު އަންނަ ސުވާލަކީ މުޅި ރާއްޖޭގައިވެސް އެއް ދާއިރާއެއްގައި ނުހިނގާ ވަރަށް ކޮމަންޑޫ ދާއިރާގައި މަޝްރޫއުތައް ބާރު ސްޕީޑްގައި ހިންގަނީ ދާއިރާގެ މެމްބަރަކު ހުރެގެންތޯ އެވެ.
ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅާލުމަށް ބިން ހިއްކުމުގެ މަސައްކަތް ފެށިއިރު ލ. ކަލައިދޫ އާއި ލ. ދަނބިދޫ ގުޅާލުމާއި، ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއަހަރު އެކަން ކުރުމަށް ބަޖެޓްގައި އަދި ހިމެނިފައިވީ ނަަމަވެސް މި ދައުރު ނިމުމުގެ ކުރިން އެކަން ވާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލެެއް ނުކުރެވެ އެވެ. އަދި އެހެންމެ ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލުމުގެ ވައުދު ނުފުދި ސަރުކާރަށް ހަތަރު އަހަރުވާން ކައިރި ވެފައިވާއިރު މ. މުއްޔާއި މ. ނާލާފުށި ގުޅާލުމުގެ ވައުދު ނުފުދި އޮއްވާ ރިޔާސީ އިންތިހާބު މި އޮތް ބޯމަތިވީ އެވެ. އެހެން ކަމުން މެމްބަރުން ތިއްބަވައިގެން ކުރި މަސައްކަތް ކާމިޔާބު ނުވެ މެމްބަރަކު ނެތި ކޮމަންޑޫ ދާއިރާއަށް ވަމުންދާ ގޮތުން ގަބޫލު ކުރެވެނީ މެމްބަރަކު ހުރުމަށްވުރެ ނެތުން ތަރައްގީއަށް މާ ރަނގަޅެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ފަސް ދުވަހަށްވެފައިވާއިރު އަދިވެސް މަޝްރޫއުތައް ފަށަމުންދާއިރު އެ ސްޕީޑް ދައްކައިދެނީ ސަަރުކާރުން ބޭނުން ކަމެއް ކުރުމަށް ހުރަހެއް ނެތް ކަމެވެ. އަދި އެ ސްޕީޑް ނުފެންނަ ރަށްތަކުން އެކަން ނުފެންނަނ ސަރުކާރުން ކުރަން ބޭނުން ނުވެގެން ކަމަށް ގަބޫލު ކުރުމުގެ ފުރުސަތު ކޮމަންޑޫ ދާއިރާއިން އެބަ ފެނެ އެވެ. ކޮމަންޑޫ ދާއިރާއިން ސާފުކޮށް ފެންނަނީ މަޝްރޫއުތައް ބާރު ސްޕީޑްގައި ފެށުމަށް ހުރަހެއް ނެތް ކަމާއި މެމްބަރަކު ހުއްޓަސް ނެތަސް ދާއިރާގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެ ކަމެވެ. އެހެން ނޫން ނަމަ އެއީ ސަރުކާރުން އިންތިހާބަށް ފޯރުވާ ނުފޫޒު ކަމާމެދު ޝައްކު ކުރުމުގެ ޖާގައެއް ނެތެވެ.
ކޮމަންޑޫ ދާއިރާއަށް ސަރުކާރު ހިންގައި މައި ޕާޓީން ކެމްޕެއިން ކުރުމަކުން މި ސުވާލު ނުއުފެދޭނެ އެެވެ. ނަމަވެސް ކެމްޕެއިނާއި ވައުދުތަކުގެ އިތުރުން ކުރަން ހުރި ހުރިހާ ކަމެއްގެ އަމަލީ މަސައްކަތް ފެށުމުން އެ ސުވާލު އުފެއްދުމުގެ ޖާގަ ލިބެނީ އެވެ.