ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ހިންގާފައިވާ ކަމަށް ތުހްމަތު ކުރެވޭ ކޮރަޕްޝަނުގެ އަމަލާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ މައްސަލައިގެ ހުކުމް ކުރުން އަވަސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ހަދާ ކުރިން އޮތީ އެކަން ޝަރީއަތުގެ މަޖިލީހާ ހިއްސާކޮށްފަ އެވެ. އެ މައްސަލައިގައި އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލައިގައި ހުކުމް ކުރާނީ ނޮވެމްބަރު 30ގައި ކަމަށެވެ.
ނަމަވެސް ރައީސް ޔާމީން ދިފާއީ ވަކީލުންގެ ޓީމުން ވާހަކަ ދެއްކެވި ބޭފުޅަކު މިއަދު އައްޑޫލައިވްއަށް ވިދާޅުވީ އެ މައްސަލައިގެ ހުކުމް ކުރުން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހަށް އަވަސަކޮށް އެކަން ވަކީލުންނަށް އަންގާފައިވާ ކަމަށެވެ.
"އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ހުކުމް ކުރުން އަވަސްކޮށް މައްސަލަ ކުރިއަށްގެންދާނެ ތާވަލަށް ބަދަލު ގެނެސްފައިވާކަން ވަނީ އަންގާފައި،" ރައީސް ޔާމީންގެ ދިފާއީ ވަކީލަކު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްސަލައިގައި ހުކުމް ކުރުން މިއަހަރު ފަހު ކޮޅަށް ތާވަލުކޮށްފައިވާކަން ޝަރީއަތުގެ މަޖިލީހަށްް އެންގެވީ އެ މައްސަލަ ބައްލަވާ ކްރިިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލެވެ.
މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ރައީސް ޔާމިންގެ މައްސަލައިގެ ޝަރީއަތްތައް ގެންދަން ކުރިން ތާވަލުކޮށްފައިވާ ގޮތް:
ދައުވާ އަށް ޖަވާބުދާރީވުމާއި އިބްތިދާއީ މަރުހަލާ: މޭ މަހުގެ ނިޔަަލަށް
ހެކިންގެ ހެކިބަސް ނެގަން ފަށަނީ: ޖުލައި މަހުން ފެށިގެން
ޚުލާސާ ބަޔާން ހުށަހެޅުން: އޮކްޓޯބަރު މަހު
ހުކުމް އިއްވުން: ނޮވެމްބަރު 26ގައި
ނަމަވެސް މި ތާރީހްތަކަށް ވަނީ ބަދަލުގެނެސްފަ އެވެ. ރައީސް ޔާމީންގެ މި މައްސަލަގެ އަޑުއެހުންތައް ލައިވް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދުނު ނަމަވެސް ކޯޓުން ނިންމާފައިވަނީ ލައިވް ކުރެވެން އަދި ނެތް ކަމަށެވެ. ނަމަވެސް ޝަރީއަތް ލައިވް ނުކުރަން ނިންމީ ޝަރީއަތައް ނުފޫޒު ފޯރުވާ ގޯސްތަކެއް ހެދުމުގެ ބޭނުމުގައި ކަމަށް ރައީސް ޔާމީންގެ ފަރާތުން ތުހްމަތުކުރެ އެވެ.
ޔާމިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާގައި ބުނެފައިވަނީ އާރަށް ކުއްޔަށް ހިފި ފަރާތުގެ ކިބައިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ޔާމިނަށް ލިބިވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ފައިސާ އެމަނިކުފާނު ލޯންޑާ ކުރެއްވި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ހުކުމް ކުރުމަށް ކުރިން ހަމަޖެހިފައިވާ ގޮތުން ތިން މަރުހަލާ ކޯޓުން ނިމޭއިރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އޮންނާނީ ކުޑަތަންވެފަ އެވެ.