ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު އޮންނާނެ އެވެ.
ވޯޓުލުން ކުރިއަށް ދާނީ މިއަދު މެންދުރު ފަހު 2:30 އިން މިރޭ 8:00 އަށެވެ.
މިއަދު ޕްރައިމަރީ ބާއްވާއިރު އެމްޑީޕީން ޕްރައިމަރީ މޮނިޓަ ކުރުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ މީޑިއާއަކަށް ވަނީ ހުޅުވާލައިފައެވެ. އިންތިޚާބް މޮނިޓަ ކުރުމަށްޓަކައި އިތުރަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށްވެސް އެ ޕާޓީން ބުނެފައިވެ އެވެ.
ކޮންމެ މިޑީއާއަކުންވެސް އެ މިޑާއާއަކަށް ޚާއްސަކުރެވިފައިވާ ފާސް ދެއްކުމުން އިންތިޚާބް މޮނިޓަ ކުރުމުގެ އިންތިޒާމް ވޯޓްލާ މަރުކަޒުތަކުގައި ހަމަޖެހިފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން މިހާރު ވަނީ ޕްރައިމަރީގައި ވޯޓުފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާ އޮފިޝަލުންގެ މައުލޫމާތު ވެސް ހާމަކޮށްފަ އެވެ. އަދި އެ އޮފިޝަލުން ފިޔަވައި އިތުރު އެއްވެސް މީހަކަށް ވޯޓް ފޮއްޓެއް ކައިރީގައި ހަރަކާތްތެރި ވެވޭނީ އެމްޑީޕީ އިންތިހާބާ ބެހޭ ކޮމިޓީގެ ހުއްދައެއް ލިބިގެން” ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އައްޑޫގެ އެކި ދާއިރާތަކަށް އެމްޑީޕީ ޓިކެޓް ހޯދަން މި ފަހަރު ޖުމްލަ 28 ބޭފުޅަކު ވާދަ ކުރައްވަ އެވެ.
ފޭދޫ ދާއިރާ އަށް ވާދަ ކުރައްވަނީ ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު (މިރާ) އާއި ފޭދޫ ސިވިލައިޒޭޝަން ހައުސް މުހައްމަދު ނިހާދު، ފޭދޫ ހަނދުވަރީގޭ އައިޝަތު ރަޝީދު، ފޭދޫ ބީޗްވިލާ މުހައްމަދު ސައީދު (މުއްލާ)، އެމްޑީޕީ އައްޑޫ ރައީސް ފޭދޫ ނެސްޕްރޯވިލާ އަހުމަދު އަދުހަމް، ފޭދޫ ޑިއަރެސްޓް އަބްދުﷲ ޝަރީފް، ފޭދޫ ފިނިފެންމާގޭ މުހައްމަދު އަކްރަކް (އަކޫ)، ފޭދޫ ސްވީޓްޕީ އަހުމަދު މުރުތަޟާގެ އިތުރުން ފޭދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީ އެވެ.
ހުޅުދޫ ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ މިހާރުގެ ވެސް މެމްބަރު އިލްޔާސް ލަބީބާއި ހުޅުދޫ ދެތަނޑިމާގޭ އިބްރާހީމް ހަމީދާއި އެ ރަށު މިނާ ސާމިއު އަންވަރެވެ.
މަރަދޫ ދާއިރާ އަށް ފަސް މެމްބަރުން ވާދަ ކުރައްވަ އެވެ. އެއީ އެ ރަށު ހިކިފިނިފެންމާގޭ އަބްދުއް ސަލާހު ހަސަން އާއި އިބްރާހީމް ޝަރީފް (މަ ވޯޓާ) އާއި މަރަދޫ ފޮނިމާގޭ މުހައްމަދު ޖިނާހާއި ބަހާރުގޭ މުހައްމަދު ރިޔާޒާއި އެ ރަށު މީނާޒް ހަސަން ނާސިރު (ހަން ބައްދާ ހަސަނު) އެވެ.
ހިތަދޫ ދެކުނު ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ތިން ކެންޑިޑޭޓުން ވާދަ ކުރައްވަ އެވެ. އެއީ އެ ރަށު އެމިޓޭޝަންގޭ އަލީ ނިޒާރާއި ދޮނަޅާމާގޭ އަހުމަދު ހަބީބާއި ނައިލޯންގޭ، އަހުމަދު ނިޒާމެވެ.
ހިތަދޫ މެދު ދާއިރާ އަށް އެމްޑީޕީ ޓިކެޓްގައި ކުރިން ތިން ބޭފުޅަކު ވާދަ ކުރަަން ނިންމި ނަމަވެސް މިހާރު ވާދަ ކުރައްވަނީ ދެ ކެންޑިޑޭޓުނެވެ.
އެއީ ހިތަދޫ ލިލީވިލާ އަދި ހިތަދޫ އަވަށު ބޯޑްގެ ރައިސް އިބްރާހީމް ޝިނާޒް މޫސާ (ފަލަކް ޝިނާޒް) އާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހީމްދީދީ އެވެ.
ތިން ވަނަ ކެންޑިޑޭޓް އަދި މިހާރު ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރައްވާ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ދާދި ފަހުން ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
ހިތަދޫ އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުންނަކީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ފިތުރޯނުގޭ މަސްތޫރު ހުސްނީ އެވެ.
ސ. މީދޫ/މަރަދޫފޭދޫ ދާއިރާ އަށް ކުރިމަތިލައްވާ ހަތަރު ކެންޑިޑޭޓުންނަކީ މީދޫ އަރިވަރު އަލީ ޝަހީމް، ތުލުސްދޫ ދާއިރާގެ މިހާރުގެ މެމްބަރު ރޮޒައިނާ އާދަމް، މަރަދޫފޭދޫ ސަންޝައިން މުހައްމަދު ލިރާރުގެ އިތުރުން އެ ރަށު ސޯސަންވިލާ އަބްދުﷲ މިފުތާހެވެ.