ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ވަޑައިގެންނެވުމަށްފަހު އެނބުރި ވަޑައިނުގަތުމުން އޭނާ ޖާމިނު ކުރި ޔޫތު މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހިދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތައް އެނބުރި ރާއްޖެ ވަޑައިނުގެން ފިއްލަވާފައިވާތީ އޭނާ ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން އެ ކޯޓުން އަމުރުކޮށްފަ އެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބެއް އަޑުބަރޭ ޖަލަށް ލުމަށް އަމުރުކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވިދާޅުވީ، އޭނާގެ މައްޗަށް އަބަދު ކަނޑައަޅަން ޖެހުނީ އަލީ ވަހީދު ގެންނަން އަޑުބަރޭ ކުރި މަސައްކަތެއް އެނގެން ނެތުމުންނެވެ. އެހެންވެ ކޯޓުން ކޮށްފައިވާ އަމުރާ އެއްގޮތައް 72 ގަޑިއިރުގެ ތެރޭގައި އަލީ ވަހީދު ރާއްޖެ ނުގެނައުމަކީ ކޯޓުގެ އެންގުމަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ގާޒީ ނިންމެވި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އަޑުބަރޭ ޖަލަށް ލުމަށް ހުކުމް ކުރުމުގެ ކުރިން ގާޒީ ވިދާޅުވީ އަލީ ވަހީދު ރާއްޖެ ވަޑައިނުގެން، ބޭރުގައި ހުންނަވަނީ އަޑުބަރޭގެ އެހީތެރިކަމާ އެކު ކަމަށް ޝަރީއަތައް ގަބޫލު ކުރެވޭ ކަމަށެވެ.
ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އަޑުބަރޭގެ މައްޗަށް ހުކުމް އިއްވި މަޖިލީހަށް އޭނާވެސް ހާޒިރެއް ނުވެއެވެ. ޝަރީއަތުން ބުނީ އޭނާ ހާޒިރުނުވި ސަބަބެއް އަންގާފައިނުވާ ކަމަށެވެ. އެހެންވެ އޭނާއަށް ހުކުމް ކުރީ ޣައިރު ހާޒިރުގަ އެވެ.
ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދަނިކޮށް ބޭސްފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ބޭރަށް ދާން ކޯޓުން ހުއްދަ ދިނީ އަޑުބަރޭ ޖާމިނުވުމުންނެވެ. އަޑުބަރޭ އެއްބަސްވެފައި ވަނީ އަލީ ވަހީދު ބޭސްފަރުވާއަށް ފުރާތާ ހަތަރު މަސް ތެރޭ އޭނާ އަނބުރާ ރާއްޖެއަށް ގެންނާނެ ކަމަށެވެ.
އަލީ ވަހީދު ވަނީ ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އޮންލައިންކޮށް ޝަރީޢަތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ދިނުމަށް އެދިވަޑައިގެންފަ އެވެ. ކްރިމިނަލް ކޯޓުން އެ ފުރުސަތު ދިން ނަމަވެސް ސުޕްރީމް ކޯޓަށް ޕީޖީގެ ފަރާތުން އެ މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ރާއްޖެއިން ބޭރުގައި ތިބޭ އެއްވެސް ބައެއްގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް އަންގާފަ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމަށް އަޑުބަރޭ ރާއްޖެ އައުމަށް ޗިޓް ފޮނުވި ނަމަވެސް ކޯޓަށް ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހުގެ ޖަލު ހުކުމެއްކޮށްފައިވެ އެވެ.
ކުރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ބޭއްވި އަޑުއެހުމުގައި ވަނީ 72 ގަޑިއިރުގެ ތެރޭ އަލީ ވަޙީދު ކޯޓަށް ހާޒިރުނުކުރެވިއްޖެނަމަ އޭނާ ޖާމިނުވި އަޑުބަރޭ އަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ ފިޔަވަޅު އަޅާނެ ކަމަށް އަންގާފަ އެވެ. އެހެންވެ މިއަދު އަޑުބަރޭ ޖަލަށް ލާން ހުކުމް ކުރީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބެއް ގޮތުންނެވެ.