މާލޭގެ ރަށްވެހިންނަށް ގިރާވަރު ފަޅު ހިއްކައިގެން މަދުވެގެން ދެހާސް ގޯތި ދެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވުމުން އެކަމަށް މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މިއިއްޒު ރައަދު ދެއްވައިިފި އެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓްގައި މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫން ކަމަށް ވިދާޅުވި އެވެ. އަދި އެއަށްވުރެ ގިނައިން މާލޭގެ ރަށްވެެހިންނަށް ގޯތި ދެވޭނެ ގޮތްތަކެެއ އެ ޓުވީޓްގައި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް ކަމަށާއި،ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށެވެ. އަދި ހުޅުމާލެއިން 15000 ފްލެޓާއި ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
މާލޭ ރަށްވެހިންނަށް ޙައްޤު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫން. ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް،ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް. އަދި ހުޅުމާލެއިން 15000 ފްލެޓް، ގުޅިފަޅުން 25،000 ފްލެޓް ދެވެން އެބައޮތް
— Dr Mohamed Muizzu (@MMuizzu) February 3, 2022
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ރައީސް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށެވެ. އަދި އެ ވިދާޅުވީ އެ މަސައްކަތް އަންނަ ޖޫން މަހު ފައްޓަވާނެ ކަމަށެވެ.
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައަރު ނިންމާނީ އެންމެބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ިދވެހި ދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގާ އެއް އަމާޒެއްގާ ތިބެ އެމަންޒިލަށް ވާޞިލްވުން." ރައީސް ސޯލިހް ވިދާޅުވިއެވެ.
މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުއްވުމަށް ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވެވި ޖަލްސާއަށް އިދިކޮޅު ކޯލިޝަނުގެ މެމްބަރުން ވަޑައެއްނުގަންނަވަ އެވެ.