Last Updated: November 25, 22:26
Monday, November 25, 2024
ޚަބަރު ރައީސް ސޯލިހު

ރައީސްގެ ރިޔާސީ ބަޔާނުގައިވެސް ފޯކައިދޫ ބަނދަރުގެ ވާހަކަ!

ށ.ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު

ރައީސުލް ޖުމްހޫރިއްޔާގެ ދެއްވާ ރިޔާސީ ބަޔަކީ ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ގައުމުގެ ހާލަތުގެ ބަޔާންކޮށް ދެއްވާ ބަޔާނެެވެ. މިއަދު އެމަނިކުފާނު ރިޔާސީ ބަޔާން އިއްވަން ވަޑައިގެންނެވިއިރު މީގެ ދެ ދުވަސް ފަހުން އޮތީ ވާދަވެރި އިންތިހާބެކެވެ. އެއީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނެވެ. ރައީސްގެ ރިޔާސީ ބަޔާންގައި އަތޮޅު ތެރެއަށް ގެންނަ ތަރައްގީގެ ވާހަކައާއެކު އެމަނިކުފާނު ވަނީ ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގެ ބަނދަރުގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ.

ރައީސްގެ މި ބަޔާނުގައި ވިދާޅުވީ އަންނަ ޖޫން،ޖުލައިގެ ކުރިން އެ ބަނދަރު އެއްކޮން ނިންމޭނެ ކަމަށެވެ.

" ބަނދަރުގެ ބޭނުމަކީ އެތައް ބައެއްގެ ދިރިއުޅުން ބިނާކުރާ އޮޑިދޯނިފަހަރު، ރަށު ބަނދަރުގައި އެޅުމަށްފަހު، ރޭގަނޑުގެ ހަމަނިދި ނިދާލެވޭގޮތްވުން. ކުރީގެ ފޯކައިދޫ ބަނދަރަކީ ވިލާގަނޑު ހެދީމާ އޮޑިދޯނިފަހަރު ސަލާމަތަށް ވަންނަ ބަނދަރެއް ނޫން. އެއީ ވިލާގަނޑު ހެދީމާ ބިރުން އޮޑިއައިގެން ބަނދަރުން ނުކުންނަ ބަނދަރެއް. މި އަހަރުގެ ޖޫން، ޖުލައިގެ ވިއްސާރައިގެ ކުރިން، ފޯކައިދޫގެ ބަނދަރަކީ އަމާން ބަނދަރަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން." ރައީސް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ފޯކައިދޫގެ ބަނދަރު ނިމެނޭ ކަމަށް ލަފާ ކުރައްވާ ތާރީހެއް ވަކިން ވިދާޅުވިއިރު ރައީސްގެ މި ބަޔާނުންވެސް އެނގުނު ގޮތުގައި 134 ރަށުގެ ބަނދަރުގެ މަސައްކަތް، އެކި މަރުޙަލާގައި މިހާރު ސަރުކާރުން ގެންދަނީ ހިނގަމުންނެވެ. ނަމަވެސް ވަކިން ހާއްސަކޮށް ފޯކައިދޫގެ ބަނދަރުގެ އަޕްޑޭޓް ވަކިން މި ރިޔާސީ ބަޔާނުގައި ވިދާޅުވި ސަބަބެއް ސާފެއްނުވެ އެވެ. ރައީސް ވިދާޅުވީ މިހާތަނަށް 28 ރަށުގެ ލަފާފުރުމުގެ މައްސަލަ ޙައްލުކޮށްދެވިއްޖެ ކަމަށެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް– ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ވިދާޅުވީ ރާއްޖެ ބަދަލުވެދިޔަ ސިޔާސީ ބޮޑު ބަދަލުން ރައްޔިތުންނަށް ލިބޭ މަންފާ ކުރިއަށްވުރެ މިހާރު ބޮޑު ކަމަށެވެ. އަދި ޚާއްޞަކޮށް، އަތޮޅުތެރޭގައި އެކަހެރިވެ، އެކަނިވެރިވެފައި ތިބުން ނޫންގޮތެއް ނެތްކަމުގެ އިޙްސާސުން އެ ރައްޔިތުން އެދަނީ ވީއްލެމުން ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑީޑޭޭޓަށް ތާއިދު ހޯދުމަށްޓަކައި ރައީސް މިއަދު އޮތީ ރިޔާސީ ބަޔާނަށްފަހު އެ ދާއިރާއަށްވެސް ވަޑައިގަންވަން ހަމަޖެހިފައިވެ އެވެ.