ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު(ރާޑޯ)ބޮޑު ތަފާތަކުން ތަނުން ކާމިޔާބުކުރާނެ ކަމަށާއި ވާދަވެރިން ފަހަތައް ޖެހޭ މަންޒަރު ރީތިކޮށް ފެންނަމުންދާ ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓަށް ތާއީދުހޯދުމަށް އެ ދާއިރާގައި ހިމެނޭ މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވުން އިމްރާން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޭޓްގެ ކެމްޕެއިން ޓީމްގެ ޖޯޝާ ފޯރި ފެންނަމުންދާ ކަމަށާއި ވާދަވެރިން ދަނީ ފަހަތައް ޖެހެމުން ކަމަށެވެ.
"ދެން ތިބި ފަރާތްތަކުން މަޑު މަޑުން ފަހަތައް ޖެހޭތަން އެބަ ފެނޭ. އަޅުގަނޑުމެނަށް ރީތިކޮށް އެ މަންޒަރު އެބަ ފެނޭ. ފަހަރުގައި ރަނގަޅީ އެ ބޭފުޅުންނަށް ވެސް އެ ގޮތް ކަމަށްވެސް ވެދާނެ. މާގިނަ ބޭކާރު މަސައްކަތްތައް ބައެއް ފަރާތްތަކުން ނުކުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތްކަމަށްވެސް ވެދާނެ. އަޅުގަނޑުމެން ޔަގީންކުރަން އަޅުގަނޑުމެންގެ ޓީމްތައް މިދަނީ ބާރަށް ކުރިއަށް. ވަރަށް ގުޅިގެން ވަރަށް އެކުގައި،" އިމްރާން ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ބައި އިލެކްޝަނަށް ކުޑަތަންވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު މި ވަގުތު ހުންނެވީ އެ ދާއިރާގެ ކެމްޕެއިނަށް ވަޑައިގެންނެވެ. މި އިންތިހާބުގައި ދެން ވާދަކުރަނީ ޕީޕީއެމްއާއި އެމްއެންޕީ އިންނެވެ.