Last Updated: September 22, 05:54
Sunday, September 22, 2024
ޚަބަރު

ފޯކައިދޫގެ އާ އިންޖީނުގެ ހުޅުވައިފި

ށ.ފޯކައިދޫގެ އާ އިންޖީނުގެ އާއި އޮފީސް މިރޭ ހުޅުވައިފި އެވެ.

މި އިންޖީނުގެ ހުޅުއްވައިދެއްވީ މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެގޮތުން މި ރަސްމިއްޔާތުގައި ރައީސް ވަނީ އެރަށުގައި ހުރި 26 އަހަރުވީ އިންޖީނުގޭގެ ޖަނަރޭޓަރު ނިއްވާލަދެއްވާފަ އެވެ. އެ އިންޖީނުގެ އަކީ އާއްމުން ދިރިއުޅޭ ގެތައް ހުންނަ ސަރަޙައްދުގައި ހުންނަ އިންޖީނުގެއެކެވެ.

ފޯކައިދޫ އިންޖީނުގެ އެޅުމަށް 2019 ވަނަ އަހަރުތެރޭ ފެނަކަ އިން ހަވާލުކުރީ ވަލީދު ކޮންސްޓްރަކްޝަންއާ އެވެ. އެގޮތުން މި މަސައްކަތަށް ވަނީ 5.66 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް ކަމަށްވާއިރު އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާ އެވެ. އެގޮތުން އެ މަސައްކަތުގެ 99 ޕަސެންޓް ހާސިލުކުރެވިފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކަ އިން އަންނަނީ ހިންގަމުންނެވެ. އެގޮތުން ސަރުކާރުގެ ފެނާއި ނަރުދަމާގެ ވަޢުދު ފުރިހަމަކުރުމުގެ ގޮތުން، އެޚިދުމަތްތައް ޤާއިމްކުރެވިފައި ނެތް ރަށްރަށުގައި ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވިގެން ދިޔައިރު އޭގެ ތެރެއިން 70 އިންސައްތަ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކައާ އެވެ.