Last Updated: November 25, 17:58
Monday, November 25, 2024
ޚަބަރު

ރަން ގޮނޑި އިންތިހާބު: ވޯޓުލާން ފެށީސުރެ ބޮޑު ދެ ޕާޓީގެ ސަޕޯޓަރުންގެ ތުހްމަތުތަކާ އަރާރުވުން

ކޮމަންޑޫ ދާއިރާގެ ވޯޓުލުން މާލޭގައި ކުރިއަށްދާ ސަރަހައްދެއްގައި ހުރި އެމްޑީޕީ ހަރުގެއެއް ކައިރި އާއްމުން އެއްވެ

މިއަދު ކުރިއަށްދާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވޯޓުލާން ފެށީސުރެ ފެންނަނީ އިންތިހާބުގައި ވާދަކުރާ އެންމެ ބޮޑު ދެ ޕާޓީގެ ދެމެދުގައި ހިތްހަމަޖެހުމާއި ޝަކުވާގެ ބަސްތައް ރައްދުކުރާ ތަނެވެ. ބައެއް މީހުން ސޯޝަލް މީޑިޔާގައި ދަނީ އެއް ޕާޓީން އަނެއް ޕާޓީއަށް ތުހްމަތުތައްކޮށް ރައްދު ދެމުންނެވެ.

އިންތިހާބުގައި ހެނދުނު ވޯޓުލާން ފެށިގެން އިރުކޮޅެއް ތެރޭގައި ފެނުނީ ޕީޕީއެމް އިން ކުރާ ތުހްމަތުތަކާއެކު ހިތްހަމަނުޖެހުން ފާޅުކުރާން ފެށިތަނެވެ. އެގޮތުން މާލޭގައި ވޯޓު ފޮށި ބަހައްޓާފައި އިސްކަންދަރު ސްކޫލް ކުރިމަތީގައި އެމްޑީޕީގެ ޖަގަހައެއްގައި ވޯޓަށް ނުފޫޒު ފޯރުވަން ފައިސާ ބަހަމުންދާ ކަމަށްބުނެ ޕީޕީއެމް ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކޮށް ފުލުހުން އެތަނުގައި ހަރަކާތްތެރިވާން ފެށި އެވެ. ނަމަވެސް އެ ސަރައްދުގައި ދެ ޕާޓީގެ ސަޕޯޓަރުން ގައިގައި އަތްލާ ހިސާބަށް ގޮސް ޒުވާބު ހޫނުވި އެވެ.

ޕީޕީއެމްގެ ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކާ ކުރިމަތިލާ އެމްޑީޕީގެ ސަޕޯޓަރުން ކުރާ ތުހްމަތަކީ އިންތިހާބަށް ނުފޫޒު ފޯރުވާ އިންތިހާބު ގަނޑުބަނޑުކުރަން އުޅޭ ކަމުގެ ތުހްމަތެވެ.

އެމްޑީޕީ މެމްބަރުން ދެކެނީ އެއީ އިންތިހާބުން ބަލިވާނެކަން އެނގޭތީ ހިންގާ ކަންތައްތަކެއް ކަމަށެވެ.

އިންތިހާބުގައި މިހާތަނަކަށް ވޯޓުލާފައިވަނީ މަދު ބައެކެވެ. ނަމަވެސް ހުރިހާ މަރުކަޒުތަކެއްގައިވެސް ހުއްޓުމެއް ނެތި ވޯޓުލުން ކުރިއަށްދެ އެވެ. އަދި ބައެއް މަރުކަޒުތަކުގައި ދިގު ކިޔުއެއް ހަދާފައިވެ އެވެ.

ޕީޕީއެމް އެންމެ ބޮޑު ތުހްމަތަކީ ވޯޓުލާން އަންނަ މީހުނަށް ވޯޓުލާ މަރުކަޒު ކައިރި ތިބެގެން އެމްޑީޕީން ފައިސާ ބަހަމުންދިއުމެވެ.

މީގެ އިތުރުން ފެނަކައިގެ އިސްވެރިއެކު އެ ކުންފުނީގެ މުވައްޒަފަކަށް ނުފޫޒު ފޯރުވާ ބިރު ދެއްކި ކަމަށްބުނާ އޯޑިއޯ އެއްވެސް ވަނީ ލީކްވެފަ އެވެ. އެކަމާ ގުޅިގެންވެސް އެމްޑީޕީ ނޫން ދެން އިންތިހާބުގައި ވާދަކުރާ ދެ ކެންޑިޑޭޓުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އިންތިހާބުގެ ވޯޓުލުމުގެ ކުރިން ވެސް ރެއިން ފެށިގެންވެސް ބައެއް މީހުން ގެންދިޔައީ ފައިސާގެ ތުހްމަތުތައް އެމްޑީޕީއަށް ކުރަމުންނެވެ.

އެހެން ނަމަވެސް އިލެކްޝަންސްކޮމިޝަނުން މިހާތަނަށް އިންތިހާބާ ގުޅޭ ގޮތުން އެފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައެއްނުވެ އެވެ. އިލެކްޝަނުން ބުނެފައިވަނީ ހެނދުނު ހުރިހާ މަރުކަޒުތަކެއްގައިވެސް ވޯޓުލާން ފެށުނު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ލިސްޓުގައިވާ ގޮތުން ފޯކައިދު އާއި މަރޮށި އަދި ކޮމަންޑޫން 3،309 މީހުންނަށް މި ދާއިރާ އަށް ވޯޓު ލުމުގެ ހައްގު ލިބިގެންނެވެ. ވޯޓު ލުން ކުރިއަށްދާނީ ހެނދުނު 8.00 ފެށިގެން. ވޯޓުލުން ބަންދުވާނީ ހަވީރު 04.00ގައި އެވެ.

މި އިންތިހާބުގައި ހަތް ވޯޓު ފޮށި ބަހައްޓާފައިވޭ. ކޮމަންޑޫ އާއި ފޯކައިދޫގައި ދެ ފޮށި ބަހައްޓާފައިވާއިރު މަރޮށީގައި އެއް ފޮށި ބަހައްޓާފައިވޭ. މި ދާއިރާގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ދެ ފޮއްޓެއް ބަހައްޓާފައިވޭ. މާލޭ ދެ ފޮށި ބަހައްޓާފައިވަނީ އިސްކަންދަރު ސްކޫލުގަ އެވެ.